ވޯލްޑްކަޕް 2018 ގެ ގްރޫޕް އޭ ގައި ރޭ ކުޅުނު މެޗުގައި ސައުދީ އަރަބިއާ އަތުން މިސްރު ބަލިވުމުގެ ކުޑަ އިރުކޮޅެއްފަހުން އެ ޤައުމުގެ ފުޓުބޯޅަ ކޮމަންޓޭޓަރަކު ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެ އެވެ.
އަބްދެލް ރަހީމް މުހައްމަދަކީ ކުރިން ފުޓްބޯޅަ ކުޅުމަށްފަހު ކެއިރޯގެ ޒަމާލެކް ސްޕޯޓިންގ ކުލަބުގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރުމަށްފަހު މިހާރު މިސްރުގެ ޓީވީ ޗެނަލެއްގައި ސްޕޯޓްސް އެނަލިސްޓެއްގެ އިތުރުން ކޮމަންޓޭޓަރެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ މީހެކެވެ.
އޭނާ އަށް ހާޓް އެޓޭކެއް ޖެހުނީ ސައުދީ އަރަބިއާ އާއި މިސްރުގެ މެޗު ނިމުމަށްފަހު ނީލް ސްޕޯޓްސް ޗެނަލްއަށް އެމެޗުގައި ދެޓީމުގެ ފަރާތުން ފެނުނު ކުޅުމާއިމެދު ކޮމެންޓްރީ ދިނުމަށް ތައްޔާރުވެފައިވަނިކޮށް ކަމަށް މިސްރުގެ ނޫސްތަކުން ޚަބަރު ލިބިފައިވެއެވެ.
މެޗު ނިމުނުތަނާހެން ގޮތަކަށް ރަހީމް މުހައްމަދުގެ މޭމައްޗަށް ތަދުވާ ކަމުގެ ޝަކުވާ ލިބުމުން އޭނާއާއިއެކު މަސައްކަތްކުރާ މުވައްޒަފުން ވަނީ އެ އިމާރާތުގެ ހަތްވަނަ ފަންގިފިލާގައި ހުރި މެޑިކަލް ކެއާރ ޑިޕާޓްމަންޓަށް އޭނާ ގެންގޮސްފައެވެ. އެއަށްފަހު އިތުރު ފަރުވާ ދިނުމަށްޓަކައި ފްރެންޗް ޤަސްރު އަލް އައިނި ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އެތަނުގެ ޑޮކްޓަރުން މަސައްކަތް ކުރި ނަމަވެސް ރަހީމް މުހައްމަދުގެ ފުރާނަ ސަލާމާތް ކުރެވޭ ގޮތް ނުވި ކަމަށާއި އޭނާ މަރުވީ ހިތް ހުއްޓިގެން ކަމަށް ހޮސްޕިޓަލްގެ ފަރާތުން ރިޕޯޓަރުންނާއި ވާހަކަދެއްކި އިސްފަރާތެއް ކަމަށްވާ އަހުމަދު ތާހާ ބުނެފައިވެއެވެ.
ރަހީމް މުހައްމަދަށް ހާޓް އެޓޭކެއް ޖެހުނު އިރު އެވަގުތު ސްޓޫޑިއޯގައި އިން ކުރީގެ ގޯލްކީޕަރެއް ކަމުގައިވާ އަހުމަދު ފައުޒީ ބުނިގޮތުގައި މިސްރު ބަލިވުމުގެ ސަބަބުން އޭނާގެ އެކުވެރިޔާ އަށް ވަރަށް ބޮޑު މާޔޫސްކަމެއް ލިބި ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށެވެ.