މޮސްކޯ، ރަޝިޔާ: ވޯލްޑްކަޕްގެ ގްރޫޕް ސީ ގައި ޑެންމާރކް އާއި ފްރާންސް ގެ ކުރިމަތިލުން އެއްވަރުވެ ދެޓީމުވެސް މުބާރާތުގެ ދެވަނަބުރަށް ދަތުރުކޮށްފިއެވެ.
ފްރާންސް މިމެޗަށް ނިކުތްއިރުވެސް އެޓީމަށް ދެވަނަބުރުގެ ޖާގައެއް ކަށަވަރުވެފައިވާތީވެ އެޓީމުގެ ކޯޗް ޑެޝޯމްޕްސް ވަނީ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން ޓީމުގެ ޑިފެންސްލައިންގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ދެކުޅުންތެރިންކަމުގައިވާ ކެޕްޓަން ހޫގޯ ލޮރިސް އާއި ސެމުއެލް އުމްޓީޓީ އަދި މެދުތެރޭގައި ކުޅޭ އެންމެ މުހިއްމު އެއް ކުޅުންތެރިއެއް ކަމުގައިވާ ޕައުލް ޕޮގްބާ ގެ އިތުރުން ފޯވާޑްލައިންގައި ހިމެނޭ ކިލިޔަން އެމްބާޕޭ އިނީ ބެންޗުގައެވެ.
މިފަހަރުގެ ވޯލްޑްކަޕަަށް އައިއިރުވެސް ރަނގަޅު ފޯމެއްގައި އޮތް ޑެންމާރކު އެންމެފަހުން ކުޅުނު 17 މެޗުގެ ތެރެއިން އެންމެ މެޗަކުންވެސް ބަލިވެފައިނުވާއިރު އެޓީމު މިމެޗަށް ނިކުތީ ވެސް ބަދަލުތަކަކާއިއެކުގައެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވެނީ ދެ ރީނދޫކާޑު ހަމަވުމުގެ ސަބަބުން މިމެޗުގައި ކުޅުމުގެ ފުރުޞަތު ގެއްލުނު ޔޫސުފް ޔުރާރީ ޕޯލްސަން އެވެ.
ޑެންމާރކުން މި މެޗް ވަރަށް ރަގަޅަށް ފަށާފައިވާއިރު ފުރަތަމަ 10 މިނެޓުތެރޭގައި އެޓީމުން ވަނީ ފްރާންސްގެ ޑިފެންސްލައިނަށް އުނދަގޫތައް ކުރިމަތިކޮށްފައެވެ. އެއަށްފަހު ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު ގޯލު ޖަހާނެ ރަނގަޅު ފުރުޞަތެއް ތަނަވަސްކުރެވިފައެއްނުވެއެވެ.
މިމެޗުގެ ފުރަތަމަ ހާފު ނިމިގެންގޮސްފައިވަނީ ދެޓީމު ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަހާފުގައިވެސް ދެޓީމުގެ ފަރާތުން މާއެދެވޭ ކުޅުމެއް ފެނިފައިނުވާއިރު ލަނޑު ޖަހާނެ ނުރައްކާތެރި ހަމަލާތަކެއް ފެނިގެންގޮސްފައެއްނުވެއެވެ. މިހާފު ނިމެމުންދިޔަވަރަކަށް މުޅި މެޗުގައިވެސް ގިނަ ވަގުތު ބޯޅަ ގެންގުޅުނު ފްރާންސްގެ ފަރާތުން ގިނަ ހަމަލާތަކެއް އުފައްދާފައިވެއެވެ.
އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ނަބީލް ފެކީރް ގެ ފަރާތުން ފެނުނު ދެ ހަމަލާއެކެވެ.
މިމެޗުން ދެޓީމު އެއްވަރުވިއިރު މިގްރޫޕްގައި ހިމެނޭ އަނެއް ދެޓީމުގެ މެޗުން އޮސްޓްރޭލިއާ އަތުން ޕެރޫ މޮޅުވުމުން ޕްރާންސް އަށް މިގްރޫޕުގެ އެއްވަނަ ލިބުނުއިރު ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ ޑެންމާކް އެވެ.
މިގްރޫޕުގެ އެއްވަނަ އަދި ދެވަނަޓީމު ބައްދަލުކުރަންޖެހޭ ޓީމުތައް އެނގޭނީ މިރޭ 11 ޖަހާއިރު ކުޅޭ ގްރޫޕް ޑީ ގެ މެޗުތަކަށް ފަހުގައެވެ.
ގްރޫޕް ޑީ ގައި މިރޭ ކުޅޭ މެޗުތައް:
އާޖެންޓީނާ – ނައިޖީރިއާ
އައިސްލޭންޑް – ކްރޮއޭޝިޔާ