ސޯޗީ، ރަޝިޔާ: ވޯލްޑްކަޕްގެ ގްރޫޕް ސީ ގައި ހިމެނޭ ޕެރޫ މިމެޗަށް ނިކުތްއިރުވެސް މުބާރާތުން ކަޓާފައިވީނަމަވެސް 2-0 އިން އޮސްޓްރޭލިއާ ބަލިކޮށް އެޓީމު މޮޅަކުން ނިންމާލައިފިއެވެ.
އޮސްޓްރޭލިއާ އަށް ދެވަނަ ބުރަށް ދެވެން އޮތީ މިމެޗު ކާމިޔާބުކޮށް މިގްރޫޕުގެ އަނެއް މެޗުން ފްރާންސް އަތުން ޑެންމާރކް ބަލިވެގެންނެވެ.
ސޯޗީގެ ފިޝްޓް ސްޓޭޑިއަމްގައި ގައި ކުޅެވުނު މިމެޗުގެ 18 ވަނަ މިނެޓުގައި ލީޑްނެގީ ޕެރޫ އިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އަންދްރޭ ކަރީޔޯ އެވެ.
ޕެރޫގެ ލަނޑަށްފަހު އޮސްޓްރޭލިއާގެ މެތިއު ލެކީ އަށް ވަނީ ލަނޑު ޖަހާނެ ވަރަށް ރަނގަޅު ފުރުޞަތެއް ލިބި ބޭނުންހިފޭގޮތް ނުވެފައެވެ. ޕެނަލްޓީއޭރިއާގައި ހުރެ ގޯލާއި 6 ޔާޑް ކައިރިން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
މިމެޗުގެ ފުރަތަމަހާފު ނިމިގެންގޮސްފައިވަނީ 1-0 އިން ޕެރޫ ކުރީގަ އޮވެގެންނެވެ.
މިމެޗުގައި ޕެރޫ އިން ކާމިޔާބުކުރި ދެވަނަ ލަނޑު 50 ވަނަ މިނެޓުގައި ޖަހައިދިނީ އެޓީމުގެ ކެޕްޓަން ޕައުލޯ ގުރޭރޯ އެވެ.
ޕެރޫގެ ދެވަނަ ލަނޑަށްފަހުވެސް އޮސްޓްރޭލިއާގެ ފަރާތުން ގިނަ ހަމަލާތަކެއް އުފައްދާފައިވީނަމަވެސް އެޓީމަށްވަނި ލަނޑެއް ކާމިޔާބުކުރެވޭގޮތް ނުވެފައެވެ.
މިމެޗުން ބަލިވުމުން އޮސްޓްރޭލިއާ ވަނީ މުބާރާތުން ކަޓާފައެވެ. މި ގުރޫޕްގެ މެޗުތައް ނިންމާލިއިރު އެންމެ ފުލުގައި އުޅެނީ އޮސްޓްރޭލިއާ އެވެ. ފްރާންސް އަށް ހަތް ޕޮއިންޓާއިއެކު އެއްވަނަ ލިބިފައިވާއިރު ދެވަނައިގައި އޮތް ޑެންމާކަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ތިން ޕޮއިންޓާއިއެކު ޕެރޫ އޮތީ ތިންވަނައިގައެވެ.