ސެއިންޓް ޕީޓަސްބާގް، ރަޝިޔާ: ގްރޫޕް ޑީ ގައި ކުޅެވުނު މެޗުގައި ނައިޖީރިއާ ބަލިކޮށް އާޖެންޓީނާ ގަދަ 16 ގެ ބުރަށް ދަތުރުކޮށްފިއެވެ.
މިމެޗަށް ނިކުތްއިރު އާޖެންޓީނާ އަށް ދެވަނަ ބުރުގައި ކުޅުމުގެ ފުރުޞަތު ލިބެން އޮތް ހަމަ އެކަނި ގޮތަކީ މިރޭ ނައިޖީރިއާ އަތުން މޮޅުވެ ކްރޮއޭޝިއާ އަތުން އައިސްލޭންޑު ބަލިވެއްޖެނަމަ އެވެ.
ސެއިންޓް ޕީޓަސްބާގް އެރީނާ ގައި ކުޅުނު މިމެޗުގެ 14 ވަނަ މިނެޓުގައި އާޖެންޓީނާއަށް ލީޑް ނަގައިދިނީ ލިއޮނަލް މެސީ އެވެ. މިއީ އެވަ ބަނޭގާ ދިން ރީތި ބޯޅައަކުން މެސީ ކާމިޔާބުކުރި ގޯލެކެވެ. މިއީ މިފަހަރުގެ މުބާރާތުގައި މެސީ ޖެހި ފުރަތަމަ ލަނޑެވެ.
މިމެޗުގެ ފުރަތަމަހާފު ނިމިގެން ދިޔައީ 1-0 އިން އާޖެންޓީނާ ކުރީގަ އޮވެގެންނެވެ.
ދެވަނަހާފުގެ 51 ވަނަ މިނެޓުގައި ނައިޖީރިއާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ވިކްޓަ މޯސެސް އެވެ. މިއީ އާޖެންޓީނާގެ ހަވިއާ މަޝެރާނޯ ނައިޖީރިއާގެ ކުޅުންތެރިއަކަށް ކުރި ފައުލެއް ވީއޭއާރްގެ އެހީގައި ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.
ނައިޖީރިއާގެ ލަނޑަށްފަހު ދެޓީމަށްވެސް ލަނޑު ޖަހާނެ ފުރުޞަތުތަކެއް ލިބިގެން ގޮސްފައިވާއިރު މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އާޖެންޓީނާ މޮޅުވި ލަނޑު ޖަހައިދިނީ މާކޮސް ރޯހޯ އެވެ.
މިމެޗުގައި ކާމިޔާބުކުރި ލަނޑާއިއެކު މެސީ ވެފައިވަނީ ވޯލްޑްކަޕްގެ ތާރީޚުގައި ތިން މުބާރާތުގައި ލަނޑުޖެހި އާޖެންޓީނާގެ ތިންވަނަ ކުޅުންތެރިޔާ އަށެވެ. މީގެކުރިން ތިން ވޯލްޑްކަޕްގައި އެޓީމަށް ގޯލް ޖަހައިދީފައިވަނީ ޑިއެގޯ މަރަޑޯނާ އާއި ގެބްރިއަލް ބަޓިސްޓޫޓާ އެވެ.