ރޮސްޓޯވް-އޮން-ޑޮން، ރަޝިޔާ: ވޯލްޑްކަޕް ގެ ގްރޫޕް ޑީ ގައި ކުޅުނު ދެވަނަ މެޗުގައި ކްރޮއޭޝިއާ އަތުން ބަލިވެ އައިސްލޭންޑް މުބާރާތުން ކަޓައިފިއެވެ.
ކްރޮއޭޝިއާ އަތުން މޮޅުވެގެން ނޫން ގޮަތަކަށް އައިސްލޭންޑަށް ދެވަނަ ބުރަށް ދެވެން ނެތުމުން އެޓީމުން އެންމެ ވަރުގަދަ ޓީމު މިމެޗަށް ނެރުނުނަމަވެސް ކްރޮއޭޝިއާ އިން މިމެޗަށް ނިކުތީ އާއްމުކޮށް އެޓީމުގެ ފުރަތަމަ އެގާރައިގައި ކުޅޭ ގިނަ ކުޅުންތެރިންނާއި ނުލައެވެ.
މިމެޗު ފެށިގެން ގިނަވަގުތު ކްރޮއޭޝިއާ އިން ބޯޅަ ގެންގުޅުނު ނަމަވެސް އައިސްލޭންޑު ގެ ގޯލަށް އަމާޒުކޮށް އެޓީމަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއްނުވެއެވެ.
އެއާއި ހިލާފަށް އައިސްލޭންޑުން ވަނީ ކްރޮއޭޝިއާގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ދެތިން ހަމަލާއެއް ފޮނުވާލައިފައެވެ. މީގެތެރެއިން ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ވޯލްޑްކަޕް މެޗެއްގައި ފުރަތަމަ ފަހަރަށް ކުޅުނު ކްރޮއޭޝިއާގެ ކީޕަރު ލޮވްރެ ކަލިނިޗް އެވެ.
މިމެޗުގެ ފުރަތަމަހާފު ނިމިގެން ދިޔައީ 0-0 އިން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަހާފު ފަށައިގެން އައިސްލޭންޑުން ކުޅުން ރަނގަޅު ކުރިނަމަވެސް މެޗުގެ 53 ވަނަ މިނެޓުގައި ކްރޮއޭޝިއާ އިން ވަނީ ލީޑްނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިލާން ބަޑެލް އެވެ.
އައިސްލޭންޑަށް އެއްވަރުކޮށްދިނީ މެޗުގެ 76 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ގިލްފީ ސިގަޑްސަން އެވެ.
ކްރޮއޭޝިއާ އަށް ދެވަނަފަހަރަށް ލީޑްނަގައިދީ ތިން ޕޮއިންޓް ޔަޤީންކޮށްދިނީ ދެވަނަހާފުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގައި އިވާން ޕެރިސިޗެވެ.
މިމެޗުން މޮޅުވި ކްރޮއޭޝިއާ ގްރޫޕް ޑީ ގެ އެއްވަނައިގެ ގޮތުގައި ކުޅުނު ތިން މެޗުން މޮޅުވެ 9 ޕޮއިންޓާއިއެކު ދެވަނަބުރަށް ދަތުރުކުރިއިރު އާޖެންޓީނާ ވަނީ 4 ޕޮއިންޓާއިއެކު މިގްރޫޕުގެ ދެވަނަޓީމުގެ ގޮތުގައި ދެވަނަބުރަށް ގޮސްފައެވެ. މިގްރޫޕުގައި ހިމެނޭ ނައިޖީރިއާ އަށް 3 ޕޮއިންޓާއިއެކު ތިންވަނަ ލިބިފައިވާއިރު އެންމެ ފުލުގައި އޮވެ ނިންމާލި އައިސްލޭންޑަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.