މީގެ ނުވަ އަހަރު ކުރިން ހިމާޔަތްކޮށްފައިވާ ސ. ހިތަދޫ އީދިގަލި ކިޅި ހިމާޔަތްކޮށް އެތަނަކީ އައްޑު އަށް ފައިދާ ހުރި ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގައި ސްޕެއިންގެ ކުންފުންޏަކުން ހަރަކާތްތެރި ވާން ފަށައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގުޅިގެން ކުރިއަށް ގެންދާ މި މަަަސައްކަތުގައި ހަރަކާތްތެރި ވަނީ ސްޕެއިންގެ ހިޑްރިއާ ކުންފުންޏެވެ.
އެ ކުންފުނީގެ ޓީމެއް އައްޑު އަައިސް ކައުންސިލާ އެކު އިއްޔެ ބައްދަލުވުމެއް ބޭއްވުމަށް ފަހު، އީދިގަލި ކިޅި މަޝްރޫއު ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން އައްޑޫގެ ޖަމިއްޔާ ޖަމާއަތްތަކާއި ވިޔަފާވެރިންނާއި ސްކޫލްތަކާ އަދި ކަމާ ބެހޭ އެހެން ފަރާތްތަކާ އެކު މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ.
ހިޑްރިއާގެ ޓީމް މިއަދު ވަނީ ހުުޅުމީދޫ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެ ރަށަށް ގޮސްފަ އެވެ.
ކައުންސިލުން ބުނީ އީދިގަލި ކިޅި ހިމާޔަތްކޮށް ތަރައްގީ ކުރަން ބޭނުން ވަނީ އައްޑޫގެ އިގުތިސާދަށް ފައިދާ ހުރި ތަނެއްގެ ގޮތުގައި ކަމަަށެވެ. އެގޮތުން އިކޯ ޓޫރިޒަމް އެ ސަރަހައްދުގައި ތައާރަފްކޮށް، ދަނޑުވެރިކަމުގެ މަސައްކަތްތަކެއް ވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
އަދި އެކަމާ ގުޅޭ ގޮތުން ކުރިން ހަދާފައި ހުރި ސާވޭތަކަށް ބިނާކޮށް އިތުރު ސާވޭތަކެއް ހެދުމުގެ މަސައްކަތް ހިޑްރިއާ އިން ފަށާފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
މި ޕްރޮޖެކްޓް ކުރިއަށް ގެންދަން ނިންމާފައި ވަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ.