ފީފާ ވޯލްޑްކަޕް 2018ގެ ގްރޫޕް އެފް ގައި ޖަރުމަނާއި ސައުތް ކޮރެއާ ބައްދަލުކުރި މެޗުން ބަލިވެ ޖަރުމަނީ މުބާރާތުން ކަޓައިފިއެވެ. ކޮރެއާ އިން ޖަރުމަނުގެ މައްޗަށް ކުރި ހޯދީ 0-2 އިންނެވެ. ޖަރުމަނު މުބާރާތުން ކެޓިއިރު މި ގްރޫޕުން ސެމީގެ ޖާގަ ހޯދީ މެކްސިކޯ އަދި ސްވިޑެންއެވެ.
ޖަރުމަނާއި ސައުތް ކޮރެއާ ބައްދަލުކުރި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފައްދާފައި ވަނީ ޖަރުމަނުންނެވެ. އެ ގޮތުން އެޓީމުން ވަނީ ކޮރެއާގެ ގޯލަށް އަމާޒުކޮށް 17 ހަމަލާއެއް ފޮނުވާލާފައެވެ.
ޖަރުމަނީ އަށް މިމެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ.
އެގޮތުން މެޗުގެ އެންމެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ޖަރުމަނުގެ ޑިފެންޑަރު ހުމެލްސް އަށް ވެސް ވަނީ ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭކާރު ވެފައެވެ.
ކޮރެއާގެ ފުރަތަމަ ލަނޑު ދެވަނަ ހާފުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ ކިމް ޔޮންގ ވޮން އެވެ. ރެފްރީ ފުރަތަމަ ނިންމީ މި ގޯލު އޮފްސައިޑް ކަމަށެވެ. ނަމަވެސް ވީއޭއާރް އިން ބެލުމަށް ފަހު ރެފްރީ ވަނީ ގޯލު ރަނގަޅު ކަމަށް ނިންމާފައެވެ.
ކޮރެއާގެ ދެވަނަ ލަނޑު މެޗްގެ އެންމެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ސޮން އެވެ.
ގްރޫޕް އެފްގެ ތާވަލަށް ބަލާއިރު ސްވިޑެން އަދި މެކްސިކޯ އަށް ވަނީ 6 ޕޮއިންޓް ލިބިފައެވެ. ސްވިޑެން އަށް ގްރޫޕްގެ 1 ވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ.