ފީފާ ވޯލްޑްކަޕް ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައި ސްވިޑެން އިން ދެވަނަ ބުރުގެ ޖާގައެއް ހޯދައިފިއެވެ.
ސްވިޑެން އާއި މެކްސިކޯ މިރޭ ބައްދަލުކުރި މެޗް ސްވިޑެން އިން ކާމިޔާބު ކުރީ 0-3 އިންނެވެ. މި މެޗުން ބަލިިވި ނަމަވެސް މެކްސިކޯ ވަނީ 6 ޕޮއިންޓާއި އެކު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ގޮސްފައެވެ.
މިއަދުގެ މުޅި މެޗަށް ބަލާއިރު މެކްސިކޯ އިން ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ޓީމަށް ސްވިޑެންގެ ގޯލު ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
ފުރަތަމަ ހާފު 0-0 އިން އެއްވަރުވެގެން ނިމުނު ސްވިޑެންގެ ފުރަތަމަ ގޯލު ފެނިގެން ދިޔައީ މެޗްގެ ދެވަނަ ހާފުގެ ކުރީކޮޅުއެވެ. އެ ލަނޑު މެޗްގެ 50 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ލުޑްވިގް އޮގަސްޓިންސަންއެވެ.
މިލަނޑަށް ފަހު މެޗްގެ 62 ވަނަ މިނިޓްގައި ސްވިޑެންގެ ދެވަނަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ އަންދްރެއަސް ގްރަންކްވިސްޓެވެ. އަދި އެޓީމުގެ 3 ވަނަ ލަނޑަކީ މެކްސިކޯގެ އަލްވަރޭޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި މެޗުގެ ނަތީޖާ އާއި އެކު ސްވިޑެން އާއި މެކްސިކޯ އަށް ވެސް ވަނީ 6 ޕޮއިންޓް ލިބިފައެވެ. ސްވިޑެން އަށް ގްރޫޕްގެ 1 ވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. ސްވިޑެން އާއި މެކްސިކޯ ދެވަނަ ބުރުގައި ބައްދަލުކުރާނެ ޓީމުތައް އެނގޭނީ މިރޭ ގްރޫޕް އީގެ މެޗްތައް ނިމުމުންނެވެ.