އަމިއްލަ މީހުންގެ ތަންތަނަށް ފުލުހުން ވަންނަ އިރު އެއްވެސް އެންގުމަކާ ނުލައި ވަދެވޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އައިބީ އިސްލާޙެއް ހުށަހަޅުއްވައިފިއެވެ.
ސަރުކާރުގެ ފަރާތުން އައިބީ ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ގޮތުން "އަމިއްލަ ތަނަކަށް ވަނުމުގެ ކުރިން އެތަނެއްގަ ތިބި ބަޔަކަށް އަންގައިފިނަމަ ބަލާފާސްކުރުމުގެ މަގުސަދު ގެއްލޭނެމަ އެތާ ތިބި ބަޔަކަށް ނާންގާ އެތަނަށް ވަނުމުގެ އިހްތިޔާރު ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އޮފިސަރުންނަށް ލިބިގެންވާ" ކަމަށެވެ.
މިއީ މިހާރު ޢަމަލުކުރަމުންދާ ޖިނާޢީ އިޖްރާތުގެ ޤާނޫނުގައި ބުނެފައިވަނީ ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގެ ގޮތުން އަމިއްލަ ތަނަކަށް ވަނުމުގެ ކުރިން، އެތަނުގައި ތިބި ބަޔަކަށް އެތަނަށް ވަންނަކަން އަންގަންވާނެ ކަމަށެވެ.
މިކަން ބަދަލުކުރުމަށް އައިބީ ހުށަހެޅުއްވި އިސްލާޙުގައި ބުނެފައިވަނީ ޖިނާޢީ އިޖްރާތުގެ ޤާނޫނުގައި އަމިއްލަ ތަނަކަށް ވަނުމުގެ ކުރިން، އެތަނުގައި ތިބި ބަޔަކަށް އެތަނަށް ވަންނަކަން އަންގަންވާނެ ކަމަށް ބުނެފައިވީ ނަމަވެސް ތަނަކަށް ވަނުމުގެ ކުރިން ދުރާލާ އެންގުން ލާޒިމް ނޫން ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އައިބީ އިސްލާޙު ހުށަހަޅާފައިވަނީ ޖިނާޢީ އިޖްރާތު ޤާނޫނުގެ ގާނޫނުގެ 33 ވަނަ މާއްދާގެ (ރ)ގެ ފަހަތަށް ދެ އަކުރެއް އިތުރު ކުރުމަށެވެ.
ޖިނާޢީ އިޖްރާތު ޤާނޫނުގެ ގާނޫނުގެ 33 ވަނަ މާއްދާގެ(ރ)ގައި ބުނެފައިވަނީ ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގެ ގޮތުން އަމިއްލަ ތަނަކަށް ވަނުމުގެ ކުރިން، އެތަނުގައި ތިބި ބަޔަކަށް އެތަނަށް ވަންނަކަން އަންގަންވާނެ ކަމަށެވެ.
އައިބީ އިތުރު ކުރަން ހުށަހަޅުއްވާފައިވާ ދެ އަކުރުގައި ބުނެފައިވަނީ "އެތަނަކަށް ވަނުމުގެ ހިނދުކޮޅެއް ކުރިން އެންގުމުން ފުދޭނެ" ކަމަށް އަދި "އެންގުމަކާ ނުލާ ވެސް ވަނުމުގެ އިހްތިޔާރު އެބަ އޮންނާނެ" ކަމަށެވެ.
ފުލުހުންގެ އިތުރުން ޤާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ވެސް އައިބީގެ އިސްލާޙުން އިތުރު ބާރުތަކެއް ލިބޭނެއެވެ. އެގޮތުން މިހާރު ޤާނޫނީ ގޮތުން ފުލުހުންނަށް އޮންނަ ބައެއް ބާރުތައް ޤާނޫނު ތަންފީޒު ކުރާ ހުރިހާ އިދާރާތަކަށް ލިބޭނެއެވެ.
އެގޮތުން އައިބީގެ އިސްލާޙުގައި ބުނެފައި ވަނީ "ތަހުގީގުކުރަމުންދާ ޖިނާއީ ކުށަކާ ގުޅިގެން އާންމު ތަނަކަށް ވަންނަންޖެހިއްޖެނަމަ، ކޯޓު އަމުރަކާ ނުލައި، އެތަނަކަށް ވަނުމުގެ ބާރު، ގާނޫނު ތަންފީޒުކުރާ ކޮންމެ އިދާރާއަކަށް ލިބިގެންވާ" ކަމަށެވެ.