Last Updated: November 25, 09:45
Monday, November 25, 2024

(އެޕްރީލް 29، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

"ނާހިދާ…އަހަރެންނަށް އެތަނުން ކަކުނި ފެނިފަ ބިރުގަތީ." ސާރާ މިހެން ބުނި ވަގުތު މުރާދު އާއި އަދީލް އެކުގައި އައިސް ސާރާމެންނާ އަރާ ހަމަ ކުރީ އެވެ.

ސާރާ ނާހިދާ އަށް ދިން ޖަވާބު އަޑު އިވިފައި އަދީލް ހިނިތުންވެލި އެވެ. ސާރާ ރުޅިވެރި ގޮތަކަށް މޫނު އަނބުރާލި އެވެ.

ކާ ގަޑި ޖެހިގެން އެންމެން ކާން ދިޔަ އެވެ. ސާރާ ނާހިދާ އާ ދުރަކަށް ނުދިޔަ އެވެ. އަދީލް ސާރާ އާ ވަރަށް ކައިރީގައި ހުއްޓެވެ. ފުރުސަތަކަށް ބަލާލަ ބަލާލަ އެވެ.
މިކަން ހަމަ ރަނގަޅަށް ސާރާ އަށް އެނގުނެވެ. ވީމާ ސާރާ ވީހާ ދުރެއްގައި ހުރެވޭތޯ ބެލި އެވެ.

ކާ މޭޒް ކައިރީ ހުރިހާ އެންމެން އިށީނެވެ. ސާރާ އަށް ދިމާވީ އަދީލުގެ ދިމާ ކުރިމަތީ ހުރި ގޮނޑީގައި އިށީންނާށެވެ. ނަމަވެސް މޭޒުގެ މެދުން ޖަހާފަ ހުރި ބޯޑެއްގެ ސަބަބުން އެކަކު އަނެކަކަށް ނުފެނެ އެވެ. އަދީލު ހިތަށް އެރި އެވެ. މި ވެސް ކީއްކުރާ ބޯޑެއް ހެއްޔެވެ؟ އެހެނަސް އޭނާގެ ސާރާ އެ އިނީ އޭނާގެ ކުރިމަތީގަ އެވެ. މިކަމުގެ ފައިދާ އަދީލް ވަރަށް ރަނގަޅަށް ހިފި އެވެ.

މަޑުމަޑުން ސާރާގެ ފައިގައި ކޮށްޓާލި އެވެ. އޭނާގެ ފައިންނެވެ. ސާރާ ހަމަ އެއްވެސް އިޝާރާތެއް ނުލިބުނެވެ. ދެން ވެސް ހަމަ އަދީލް ކޮށްޓާލިއެވެ. އެކަމަކު ވެސް އަޅާ ނުލަ އެވެ. އަދީލު ހިތަށް އެރި އެވެ. ބައެއް މީހުންގެ ހިއްސުތައް ހުންނަނީ މަރުވެފަ އެވެ. އެހެނަސް އަނގަޔަކުން އޭނާ ނުބުނެ އެވެ. އިރުއިރު ކޮޅާ ސާރާގެ ފައިގައި ކޮށްޓާލަ އެވެ.

ކައި ނިމިގެން އެންމެން ހިނގައިގަތެވެ. އެވަގުތު ނާހިދާ އަދީލް ކައިރި އަށް ޖެހިލާފައި ވަރަށް ސިއްރުން އެއްޗެކޭ ބުނެލި އެވެ.

"އަދީލް…މާފުކުރޭ… އެ އޮތް ހުރިހާ އިރު ތީނަ ކޮށްޓީ މަގޭ ފައިގަ. މަ އެ ވަގުތު އެއްޗެކޭ ނުބުނީ މަސްލަހަތަށް ބަލާފަ. އެކަމަކު މީގެ ފަހުން މިކަހަލަ ކަމެއް ނުކުރާތި." އަދީލު ނާހިދާ މިހެން ބުނުމުން ވަރަށް ލަދުގަތެވެ.

"ނާހީ…އަސްލު އަހަރެން ހިތުން އަހަރެން ކޮށްޓީ ސާރާގެ ފައިގަ. ސޮރީ…އަހަރެންގެ ކުރިމަތީ އިނީ ސާރާއެއްނު." އަދީލް ކުށްވެރިޔަކު ފަދައިން ނާހިދާ ކައިރިން މާފަށް އެދުނެވެ.

އެވަގުތު މުރާދު އާއި ސާރާ ޓިޝޫ އިން އަތް ފޮހެމުން ނާހިދާމެން ކައިރިއަށް އައެވެ. ނާހިދާ ހީހީފައި ވީގޮތް މުރާދު އާއި ސާރާ އަށް ކިޔައި ދިނެވެ. ސާ ރާވެސް ބާރަކަށް ހޭން ފެށި އެވެ. އަދީލު އަށް މަލާމާތްކޮށެވެ. އޭނާ ހަމަ ގަސްތުގައި ނާހިދާ އާ ދެ މީހުން ގޮނޑި ބަދަލު ކުރީ އެވެ.

އަދީލު ރުޅި އައިސްގެން އެ މީހުންނާ ދުރަށް ގޮސް ގަހެއްގެ ކައިރީ ހުއްޓިލި އެވެ. އަދި އަމިއްލަ އަށް ހިނިތުންވެލި އެވެ.

"އޭއި ކަލޭމެން ކުދިންނަށް އެނގޭތަ އަދީލްއަކީ ވަރަށް ރީތިކޮށް ލަވަކިޔާ މީހެކޭ. އަދި މުރާދު އެހާ ރީތިކޮށް ގިޓާވެސް ކުޅޭ." ޝާމިލާ އަދީލްގެ ވާހަކަ ގްރޫޕް ތެރޭގައި އިއުލާންކޮށްލި އެވެ. ހުރިހާ ކުދިން އަދީލް ކައިރީ ލަވައެއް ކިޔައި ދޭން އެދުނެވެ.

އެހެނަސް އަދީލް ސާރާ އާ ދިމާއަށް ކަޅި ހުއްޓާލައިގެން ހުއްޓެވެ. މިކަމުން ސާރާ ލަދު ގަނެ މޯޅިވަމުން ދިޔަ އެވެ. އެ ވަގުތު ނާހިދާ އާދީލް ކައިރި އަށް ޖެހިލާފައި ކޮންމެވެސް އެއްޗެކޭ ބުނެލި އެވެ. ކުއްލިއަކަށް އަދީލް ލަވަ ކިޔަން ފެށި އެވެ. މުރާދު ގިޓާ ކުޅުނެވެ.

"އަހަރެން ހިތަށް އަ ރައެވެ. ކަލާ ދެކެ ލޯބިވާންވީ ބާވަ އެވެ.
އަހަރެންގެ ހިތް ބޭގަރާރު މި ވަނީ ކީއްވެބާވަ އެވެ.
އަހަރެންގެ ހިޔާލުތަކުގައި ކަލާ ފޮރުވިގެން ވެ އެވެ.
އަހަރެންގެ ހުވަފެންތަކުގައި ކަލާ ޝާމިލްވެގެން ވެ އެވެ.
އަހަރެން އަބަދުވެސް ކަލާ އާ ބައްދަލު ކުރުމަށް ހިތް އެދި ގޮވި އެވެ."
މި ހިސާބަށް ކިޔާފައި އަދީލް ސާރާ އާ ކައިރި އަށް ޖެހިލި އެވެ. އަދި އޭނާ އަށް ފުރަގަސް ވާ ގޮތަށް އެނބުރި އަނެއްކާ ލަވަ ކިޔަން ފެށި އެވެ.

" އަހަރެން ހިތަށް އަރަ އެވެ. ކަލާ ދެކެ ލޯބިވާންވީ ބާވަ އެވެ.
އަހަރެންގެ ހިތް ބޭގަރާރު މިވަނީ ކީއްވެ ބާވަ އެވެ.
ކަލާތީ ގަހެއްގާ ފޮޅިފައިވާ ފަތިހުގެ ފިނިފެން މަލެކެވެ.
ކަލާއަށްޓަކައި މި ކިޔޭ މި ލަވަ މިއީ އެއްޗަކަށް ނުވާނެ އެވެ.
ކަލާގެ ތައުރީފުގައި ބުނާނެ އެއްޗެއް ނުވިސްނުނެވެ.
ކަލާ ތީ މައުސޫމުކަމުން ފުރިފައިވާ ހަނދުވަރެކެވެ.
ކާލާ އާ އެއްފަދަ އެހެން އިންސާނެއް އަހަރެން ނުދެކެމެވެ."

މިހިސާބަށް ކިޔާފައި އަނެއްކާ ވެސް ސާރާގެ ވަށައިގެން އަދީލް ހިނގާލި އެވެ. އަދި އިޝާރާތުން ގިޓާގެ ރާގު ބަދަލު ކުރުމަށް މުރާދު އަށް އަންގާލި އެވެ. އެވަގުތު އެހެން ކުދިން ޖޯޑު ޖޯޑަށް ނަށަން ފެށި އެވެ. ސާރާ ހިމޭނުން ހުއްޓެވެ. ނާހިދާ ސާރާގެ ކައިރީ ހެވިލާފައި ހުއްޓެވެ. އަނެއްކާ ވެސް އަދީލް ލަވަ ފެށި އެވެ.

"ކަލާ އާ ނަޒަރު ބައްދަލުވާ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް މިވާ ގޮތެއް ނޭނގެ އެވެ.
ކަލާ އަހަރެންގެ އެސްފިޔަތަކުގެ ތެރޭ ފޮރުވާނަމެވެ.
ކަލާ އަހަރެންގެ މޭގެ ތެރޭގައި ފޮރުވާނަމެވެ.
ކަލާގެ އިޝްގުގައި އަހަރެން ދުނިޔެ މަތިން ހަނދާން ނައްތާލާނަމެވެ.
އަހަރެންގެ މި ބޭގަރާރުކަން ކުޑަ ނުވާނެކަން ހަނދާން ނައްތާ ނުލާށެވެ.
އަހަރެން ހިތަށް އަރަ އެވެ. ކަލާ ދެކެ ލޯބިވާންވީބާވަ އެވެ.
އަހަރެންގެ ހިތް ބޭގަރާރު މިވަނީ ކީއްވެ ބާވައެވެ."

އަދީލްގެ ލަވަ ނިމުމާއެ ކު ހުރިހާ މީހުން އަތްތިލަބަޑި ޖަހަން ފެށި އެވެ. ސާރާ ވެސް އަތްތިލަ ބަޑި ޖެއްސެވެ. ކިތަންމެ ނޫނެކޭ ބުނަން ބޭނުން ވިޔަސް އަދީލުގެ އަޑު ރީތި ކަމަށް ސާރާ އެއްބަސްވެފައި ބޯ ޖަހާލި އެވެ.

ދަތުރު ނިމިގެން ދިޔައީ ވަރަށް އޮމާންކޮށެވެ. ގެއަށް އާދެވުމާ އެކު ސާރާ ކޮޓަރި އަށް ދިޔައެވެ. އަދި ފޯނުން ވިއާމާގެ ގޭގެ ނަންބަރާ ގުޅާލި އެވެ.

"ހަލޯ…" ސާރާ ތުރުތުރު އަޅާ އަޑަކުން ބުނެލި އެވެ. އެކޮޅުން ޖަވާބެއް ނުދިނެވެ

"މިއީ މަލްހާ. ވިއާމާ އާ ގުޅިދާނެތަ؟" ސާރާ އަނެއްކާ ވެސް ވާހަކަ ދެއްކިއެވެ.

"އާނ ކީއްވެ ނުގުޅެންވީ މަޑުކޮށްލާ" އެ ވުނު އަޑު ސާރާ އަށް ގަބޫލު ކުރަން ދަތިވި އެވެ. އެއީ ވަރަށް ފަރިތަ އަޑެކެވެ. ހީވީ އެއީ ސޫރަޖްގެ އަޑުހެންނެވެ. އެކަމަކު އޭނާ ސޫރަޖް ނުދެކެ އެވެ. ސަބަބަކީ އޭނާގެ ލޮލަށް ފެނުނު އިރު ސޫރަޖް ނިޔާވެފައިވާ ކަމެވެ. ވީ އިރު މިއި ކިހާ ބޮޑު އިއްތިފާގެއް ހެއްޔެވެ؟

"ހަލޯ… އޭއީ މަލް…" ވިއާމާގެ އަޑުން ސާރާ ސިހުނެވެ.

"ދެންމެ ފޯނު ނެގީ ކާކު؟" ސާރާ ސުވާލު ކުރި އެވެ.

(ނުނިމޭ)