މޮސްކޯ، ރަޝިޔާ: ވޯލްޑްކަޕް ގެ ގްރޫޕް އެފް ގައި ސާބިއާ ބަލިކޮށް ބްރެޒިލް ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
މޮސްކޯގެ ސްޕާޓަކް ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުގެ 10 ވަނަ މިނެޓުގައި ބްރެޒިލަށް ހާސްކަމާއި ކުރިމަތިލާންޖެހިފައިވެއެވެ. އެއީ އެޓީމުގެ މުހިއްމު ކުޅުންތެރިއެއްކަމަށްވާ މާސެލޯ އަށް އަނިޔާވެގެން ބަދަލުކުރަންޖެހުމެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތީ އެތުލެޓިކޯ މެޑްރިޑްގެ ޑިފެންޑަރު ފިލިޕޭ ލުއިސް އެވެ.
މިމެޗުގެ ފުރަތަމަހާފުގެ ބޮޑުބައި ބްރެޒިލުން ޑޮމިނޭޓްކޮށްފައިވާއިރު މިހާފުގައި ފެނުނު ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ ޕައުލީނިއޯ އެވެ. މިއީ ފިލިއްޕޭ ކުޓީނިއޯ ދިން ވަރަށް ރީތި ބޯޅައަކުން ކާމިޔާބުކޮށްފައިވާ އެހާމެ ރީތި ގޯލެކެވެ.
މީގެއިތުރުންވެސް ބްރެޒިލްގެ ނޭމާ އަށް ވަނީ މިހާފުގައި ލަނޑުޖަހާނެ ރަނގަޅު ދެފުރުޞަތު ލިބި ބޭނުންހިފޭގޮތްނުވެފައެވެ.
މިމެޗުގެ ފުރަތަމަހާފު ނިމިގެންދިޔައީ 1-0 އިން ބްރެޒިލް ކުރީގައޮވެގެންނެވެ.
ދެވަނަހާފު ފެށިގެން އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ ސާބިއާގެ މިޓްރޮވިޗަށެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ބްރެޒިލްގެ ގޯލްކީޕަރު އެލިސަން އަތުގައި ޖެހިފައި ނިކުތް ބޯޅަ އޭނާ ބޮލުން ފޮނުވާލުމުން ތިއާގޯ ސިލްވާ ވަނީ ދިފާއުކޮށްފައެވެ.
އޭގެއިރުކޮޅެއްފަހުން މިޓްރޮވިޗް ބޮލުން ފޮނުވާލި ހަމަލާ އެލިސަން ވަނީ ހުށިޔާރުކަމާއިއެކު ދިފާއުކޮށްފައެވެ.
ސާބިއާއަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންނުހިފުމުގެ ފައިދާނަގައި ބްރެޒިލްގެ ދެވަނަ ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ޖަހައިދިނީ ތިއާގޯ ސިލްވާ އެވެ. މިލަނޑު އޭނާ ކާމިޔާބުކޮށްދީފައިވަނީ ނޭމާ ނަގައިދިން ކޯނަރެއްގެ އެހީގައި ޕެނަލްޓީ އޭރިއާ ތެރޭގައި ހުހަށް ހުރެ ބޮލުން ފޮނުވާލައިގެންނެވެ.
މިމެޗުން މޮޅުވެ ގްރޫޕް އެފް ގެ އެއްވަނަ ޓީމުގެ ގޮތުގައި ބްރެޒިލް ދެވަނަ ބުރަށް ދަތުރުކުރިއިރު ސްވިޒަލޭންޑް ވަނީ ކޮސްޓާރިކާ އާއި ކުޅެ އެއްވަރުވިނަމަވެސް މިގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ގޮސްފައެވެ.
ދެވަނަ ބުރުގައި ބްރެޒިލް މެކްސިކޯ އާއި ދެކޮޅަށް ނިކުންނައިރު ސްވިޒަލޭންޑް ބައްދަލުކުރާނީ ސްވިޑެން އާ އެވެ.