ނިޒްނީ ނޮވްގޮރޮޑް، ރަޝިޔާ: ވޯލްޑްކަޕްގެ ގުރޫޕް އެފް ގައި ކުޅުނު ދެވަނަ މެޗުގައި ކޮސްޓާރިކާ އާއި އެއްވަރުވެ ސްވިޒަލޭންޑް ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.
މީގެ ކުރިން މިދެޓީމު މިހާތަނަށް ވޯލްޑްކަޕްގައި ބައްދަލުކޮށްފައިނުވާއިރު މިމެޗަށް ނިކުތްއިރުވެސް ދެވަނަބުރަށް ދިއުމުގެ ފުރުޞަތު ގެއްލިފައިވާ ކޮސްޓާރިކާގެ ފަރާތުން ފުރަތަމަހާފުގައި ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައިވެއެވެ. އެޓީމަށް ދިމާވި ހަމައެކަނި މައްސަލައެއްގެ ގޮތުގައި ފާހަގަވެގެންދިޔައީ ލިބުނު ފުރުޞަތުތައް ނިންމާނުލެވުމެވެ.
ކޮސްޓާރިކާ ވަނީ މިހާފުގައި ރަނގަޅު ހަމަލާތަކެއް އުފައްދާ އެހައި ރަނގަޅަށް ޑިފެންސް ކޮށްފައެވެ. އެހެންނަމަވެސް، ފުރަތަމަހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅުނު ސްވިޒަލޭންޑުން ވަނީ މެޗުގެ 31 ވަނަ މިނެޓުގައި ލީޑް ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްލެރިމް ޒެމައިލީ އެވެ.
ފުރަތަމަހާފު ނިމިގެންގޮސްފައިވަނީ 1-0 އިން ސްވިޒަލޭންޑް ކުރީގަ އޮވެގެންނެވެ.
މިމެޗުގެ ދެވަނަހާފުގެ 56 ވަނަ މިނެޓުގައި ކޮސްޓާރިކާ އަށް އެއްވަރުކޮށްދިނީ ކެންޑަލް ވޮސްޓަން އެވެ.
މެޗުގެ ފުރިހަމަވަގުތު ހަމަވާން ދެމިނެޓަށް ވެފައިވަނިކޮށް ސްވިޒަލޭންޑަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޖޮސިޕް ޑާމިޗް އެވެ.
މިމެޗުގައި ކޮސްޓާރިކާ ގެ ފަރާތުން ފެނުނު ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގައި ސްވިޒަލޭންޑްގެ ގޯލްކީޕަރު ޔަން ސޮމާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ ކޮސްޓާރިކާގެ ޖޮއެލް ކޭމްބަލް އަށް ސްވިޒަލޭންޑް ގެ ޑެނިސް ޒަކަރިއާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެއް ބްރަޔަން ރުއިޒް ފޮނުވާލުމުން ދަނޑީގައިޖެހިފައިގޮސް ސްވިޒަލޭންޑްގެ ކީޕަރުގެ ގައިގަ ޖެހިފަ ވަން ގޯލެކެވެ.