ފީފާ ވޯލްޑްކަޕްގެ ގްރޫޕް އެޗްގައި ކޮލަމްބިޔާ އާއި ސެނެގާލް ބައްދަލުކުރި މެޗް 0-1 އިން ކާމިޔާބުކޮށް ކޮލަމްބިޔާ އިން ދެވަނަ ބުރުގެ ޖާގައެއް ހޯދައިފިއެވެ.
ކޮލަމްބިޔާއިން މިމެޗަށް ނިކުތީ އެ ޓީމުގެ ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެނައުމަށް ފަހުގައެވެ. އެގޮތުން އެޓީމު އެންމެފަހުން ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގެ ހިިމެނުނު ދެ ކުޅުންތެރިއެއްގެ ބަދަލުގައި މަޓެއުސް އުރީބޭ އާއި ސަސްޕެންސަނަށްފަހު އެނބުރިއައި ކާލޯސް ސަންޗޭޒް ހިމަނާފައެވެ.
ސަމާރާ އެރީނާގައި ފުރަތަމަހާފުގެ 18 ވަނަ މިނެޓުގައި ކޮލަމްބިއާގެ ޑިފެންޑަރު ޑެވިންސަން ސަންޗޭޒް، ސެނެގާލްގެ ސަޑިއޯ މާނޭ އަށް ޕެނަލްޓީ އޭރިއާގެ ތެރޭގައި ފައުލް ކުރުމުން ރެފްރީ ޕެނަލްޓީ އެއް ދޭން ނިންމިއެވެ. އެހެން ނަމަވެސް އެއީ ޕެނަލްޓީ އެއްކަން ޔަޤީންކުރުމަށްޓަކައި ރެފްރީ ވަނީ ވީއޭއާރް ގެ އެހީ ހޯދައި ޕެނަލްޓީއެއް ނޫން ކަމަށް ނިންމާފައެވެ.
ކޮލަމްބިއާގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ ހަމޭސް ރޮޑްރިގޭޒް ވަނީ އަނިޔާގެ ސަބަބުން 30 ވަނަ މިނެޓުގައި ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތީ ލުއިސް މުރިއެލް އެވެ.
ފުރަތަމަހާފު ނިމިގެންގޮސްފައިވަނީ ދެޓީމުކުރެން އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގައި ކޮލަމްބިޔާ އިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފާށް ވުރެ ގިނައިން ސެނެގާލްގެ ގޯލަށް ހަމަލާތައް ފޮނުވާލާފައިވެއެވެ.
ކޮލަމްބިޔާގެ ހަމައެކަނި ލަނޑު މެޗްގެ 74 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޔެރީ މިނާ އެވެ.