ވޮލްގޮގްރާޑް، ރަޝިޔާ: ވޯލްޑްކަޕްގެ ގްރޫޕް އެޗް ގެ ފަހު މެޗުގައި ޕޮލެންޑް އަތުން 1-0 ލަނޑުން ބަލިވި ނަމަވެސް މުބާރާތުގެ ދެވަނަ ބުރުގެ ފަހު ޖާގަ ޖަޕާން ހޯދައިފިއެވެ.
ޖަޕާން ދެވަނަ ބުރުން ޖާގަ ހޯދީ ސެނެގާލް އާއި ޕޮއިންޓާއި ގޯލުން އެެއްވަރުވުމުން ބެލީ ދެ ޓީމް ބައްދަލު ކުރި މެޗުގެ ނަތީޖާއަށެވެ. އެ މެޗު 2-2 އިން އެއްވަރުވެ ދެ ޓީމަށް ވެސް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާއިރު އެ މެޗުގެ ފައިދާ ގޯލާއި ޖެހި ގޯލު ވެސް ހަމަހަމަ އެވެ. އެންމެ ފަހުން ޖަޕާނަށް ކުރި ލިބުނީ ފެއާޕްލޭ ޕޮއިންޓަށް ބަލައިގެންނެވެ. މެޗުތަކުގައި ކުޅުންތެރިންނަށް ދައްކާ ކާޑަށް ބަލައިގެން ދޭ މި ޕޮއިންޓް ސިސްޓަމުގައި ޖަޕާން އަތުގައި ގެއްލުން ހަތަރު ޕޮއިންޓް އޮތްއިރު ސެނެގާލުގެ އޮތީ ގެއްލުން ހަ ޕޮއިންޓެވެ
މިރޭގެ މެޗުގައި ޕޮލެންޑް ޓީމަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ކަމީލް ގްލިކް ފުރަތަމަ އެގާރައިގައި ހިމަނާފައިވުމެވެ.
ފުރަތަމަހާފުގައި ގިނަ ވަގުތު ޕޮލެންޑުން ބޯޅަ ގެންގުޅުނުނަމަވެސް ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތައް ފޮނުވާލާފައިވަނީ ޖަޕާނެވެ.
މިހާފު ނިމިގެންދިޔައީ ދެޓީމަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަހާފު ފެށިގެންވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަކުޅުމެއް ފެނިގެންދިޔަނަމަވެސް މިމެޗުގައި ފެނުނު ހަމައެކަނި ލަނޑު 59 ވަނަ މިނެޓުގައި ޕޮލެންޑަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އެންމެ ފަހަތަށް ކުޅޭ ޔާން ބެޑްނަރެކް އެވެ.
މި މެޗުން ޕޮލެންޑު މޮޅުވި ނަމަވެސް އެޓީމު ދިޔައީ 3 ޕޮއިންޓާއިއެކު މިގްރޫޕްގެ އެންމެ ފުލަށެވެ.
މި ގްރޫޕުން އެއްވަނަ ކޮލަމްބިއާ ހޯދި އިރު މުބާރާތުން އެންމެ ހިތި ގޮތަކަށް ކަޓައިގެން ދިޔަ ސެނެގާލަށް ލިބުނީ ތިންވަނަ އެވެ.