ސ. ހިތަދޫގައި، ކުރިން އެސްޓީއޯ އިން ސުޕަމާޓް ހިންގި އިމާރާތް، 25 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާން ބާތިލްކޮށްފައިވާ ކަމަށާއި އެތަނާ ގުޅޭ ގޮތުން ނިންމާ ގޮތެެއް ފަހުން އިއުލާން ކުރާނެ ކަމަށް ކައުންސިލުން ބުނެފި އެވެ.
ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ އިމާރާތް ކުއްޔަށް ދޭން ނިންމީ، ރައްޔިތުންނަށާއި ކައުންސިލަށް އެންމެ ފައިދާވާނެ ގޮތަކަށް، މި އިމާރާތުގެ ބޭނުން ހިފެން އޮތީ، އަދި މި އިމާރާތް ރައްކާތެރި ގޮތުގައި ބެލެހެއްޓެން އޮތީ، މި އިމާރާތް ކުއްޔަށް ދީގެން ކަމަށްވާތީ ކަމަށެވެ.
"އެ އިމާރާތް ކުއްޔަށް ދިނުމަށް ކުރި އިޢުލާނާ ގުޅިގެން އެތަން ކުއްޔަށް ހިފަން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯޒަލް ހުށަހެޅި ފަރާތްތަކުގެ ޕްރޮޕޯޒަލް ދިރާސާކޮށް، އިވެލުއޭޓްކޮށް، ބީލަން ކާމިޔާބު ކުރި ފަރާތާއެކީ އެއްބަސްވުން ހަދަން ނިންމާފައި ވަނިކޮށް، އެ އިމާރާތާ ގުޅޭ މައްސަލައެއް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނެވެ. އެހިސާބުން އިމާރާތް ކުއްޔަށް ދިނުން ލަސްވެގެން ދިޔައެވެ.
މި އިމާރާތް ކުއްޔަށް ދިނުމުގެ ކަންކަން ލަސްވެފައި ވަނިކޮށް، ބަޔަކު ވަނީ އެ އިމާރާތުގެ ދޮރުތައް ހަލާކުކޮށްލައިގެން ވަދެ، ކަރަންޓް ކޭބަލް ބުރިކޮށް، މާލީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ." ބަޔާނުގައިވެ އެވެ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު އެ މައްސަލަ ނިމިފައި ވަނިކޮށް، މި އިމާރާތް ކުއްޔަށް ދިނުމާ ބެހޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެ ކޮމިޝަނުން ވަކިގޮތަކަށް އެންގުމާ ހަމައަށް މި އިމާރާތް ކުއްޔަށް ދިނުމަށް އެއްވެސް ފަރާތަކާ އެކު އެއްބަސްވުމެއްގައި ސޮއި ނުކުރެއްވުމަށް އެ ކޮމިޝަނުން މި އިދާރާއަށް ވަނީ 14 ނޮވެމްބަރު 2012 ގައި އަންގަވާފަ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން މިކަމާ ގުޅިގެން އަދި ވަކި އެއްޗެއް މި އިދާރާ އަށް އަންގަވާފައި ނުވެ އެވެ."
އެނގިފައިވާ ގޮތުގައި އެ އިމާރާތުގެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ކައުންސިލް އިދާރާގެ ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު ހަލީމް އެވެ. އަދި އެ އިމާރާތް ހުރި ބިމަކީ އޭނާގެ އާއިލާގެ ބިމެކެވެ.
ކައުންސިލުން ބުނީ ބޭނުން ވަނީ އެ އިމާރާތް ރައްޔިތުންނަށާއި، ކައުންސިލަށް އެންމެ ފައިދާ ވާނެ ގޮތަކަށް ކުއްޔަށް ދިނުމަށެވެ.
އެހެން ނަމަވެސް މި އިމާރާތް ކުއްޔަށް ދިނުމުގެ ކަންކަން ލަސްވެ، ދިގުލައިގެން ދާތީ، އިމާރާތް ކުއްޔަށް ދިނުމަށް މި އިދާރާ އިޢުލާންކޮށް އިމާރާތާ މެދު ދެން ކަން ކުރާނެ ގޮތެއް ފަހުން އިޢުލާން ކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ދާދި ފަހުން ބުނެފައިވާ ގޮތުގައި އައްޑޫގައި ގާއިމު ކުރާ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބްރާންޗް އެ އިމާރާތުގައި ހުޅުވުމަށް ވެސް ވަނީ ވާހަކަ ދެކެވިފަ އެވެ.