މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ޑރ. ޝަހީމް އަލީ ސަޢީދު ހަމަޖައްސަން މަޝްވަރާ ކުރަމުން ގެންދާކަން އިތުބާރު ހުރި ގޮތަކަށް އެނގިއްޖެ އެވެ.
'އައްޑޫލައިވް' އަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ރަނިން މޭޓަކަށް ވެވަޑައިގަތުމަށް ޑރ. ޝަހީމަށް ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ދަޢުވަތު ވެސް ފޮނުއްވައި ފައެވެ.
"ޝަހީމާ އެކު މަޝްވަރާ ކުރެވުމުން އަންނަނީ. ވަރަށް އަވަހަށް އެ މަޝްވަރާތަކުން ނިންމާ ގޮތެއް އިއުލާން ކުރެވޭނެ." އޭނާ ވިދާޅު ވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ. ޝަހީމަކީ މިހާރު އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) ގެ ޗާންސެލަރެވެ.
އިސްލާމިކް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޝަހީމް ވަނީ އަދާލަތު ޕާޓީން ވެސް ވަކިވެވަޑައިގެންފަ އެވެ. އޭގެ ފަހުން ސިޔާސީ ކަންތަކާ ތަންކޮޅެއް ދުރުގައި ހުންނެވުމަށް ފަހު އިސްލާމިކް އައިޔޫއެމްގެ ޗާންސެލަރުގެ މަގާމަށް ވަޑައިގެން ދުވަކޮޅެއް ފަހުން ޝަހީމް ވަނީ ޕީޕީއެމް އަށް ސޮއިކުރައްވައިފަ އެވެ.
އޭނާ ފާހަގަ ކުރެވިފައި ވަނީ ސިޔާސީ ގޮތުން ހަލަބޮލިވާ ދުވަސްވަރު އަބަދުވެސް ރައީސް ޔާމީންގެ ސިޔާސަތުތަކަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވާ ބޭފުޅެއްގެ ގޮތުގަ އެވެ.
އެގޮތުން ރައީސް ޔާމީން ދީނީ ގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ތައުރީފު ހައްގު މަސައްކަތްތަކެއް ކަމަށް ވިދާޅުވެ ވަރަށް ފަހުން ވެސް ޝަހީމް ވަނީ ވާހަކަ ދައްކަވައިފަ އެވެ.
ނަމަވެސް ޔާމީންގެ ރަނިންމޭޓަކީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕީޕީއެމްގެ އެކްޓިވިސްޓުންތަކެއް ކެމްޕޭން ކުރާކަން ވެސް ފާހަގަ ކުރެވިފައިވެ އެވެ.