Last Updated: November 25, 21:09
Monday, November 25, 2024
ސިޔާސީ

ދަރުބާރުގޭގައި ބާރަށް ބައްދައިގެން ތިއްބަވާ: ރޮޒޭ

އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ދަރުބާރުގެ ހޯދުމަށް އެދުމުން ސަރުކާރުން ދަރުބާރުގެ ދޫކޮށްފައި ނުވާތީ އެކަމާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒެއިނާ އާދަމް (ރޮޒޭ) ގެ ފާޑުކިޔުންތައް ރައީސް ޔާމީނާއި ހައުސިން މިނިސްޓަރު މުއިއްޒު އަށް އަމާޒުކޮށްލައްވައިފި އެވެ.

އެމްޑީޕީ ކޮންގްރެސް ބޭއްވުމަށް ދަރުބާރުގެ ދޫ ނުކުރުމުން ކޮންގްރެސް މިއަދު ކުރިއަށް ގެންދަނީ އއ. އުކުޅަހުގަ އެވެ.

އުކުޅަހުގައި ހުންނަވައި ރޮޒޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ދަރުބާރުގެ ނުލިބުމުން އެމްޑީޕީގެ ކޮންގްރެސް އަށް އެއްވެސް ވަރެއްގެ އުނިކަމެއް ނާންނަ ކަމަށެވެ. އަދި ފުރިހަމަކަން ލިބެނީ ތަނަކުން ނޫން ކަމަށާއި އެއީ މީހުންގެ ހިތްވަރުން ލިބޭ އެއްޗެއް ކަމަށެވެ.

"ރައީސް ޔާމީން އާއި މުއިއްޒު ދަރުބާރުގޭގައި ބާރަށް ބައްދައިގެން ތިއްބަވާ،" އޭނާ ވިދާޅުވި އެވެ.

އުކުޅަހުގައި މިހާރު ކުރިއަށްދާ އެމްޑީޕީ ކޮންގްރެސް އަށް އެރަށް ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެެވެ. އަދި ކޮންގްރެސްގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ މީހުން އެ ރަށަށް ގޮސްފައިވާކަން ފާހަގަކޮށްލެވެ އެވެ.