ކަޒާން، ރަޝިޔާ: ވޯލްޑްކަޕް ގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ކިލިއަން އެމްބާޕޭ ކާމިޔާބުކުރި ދެލަނޑުން އާޖެންޓީނާ ބަލިކޮށް ފްރާންސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. މިމެޗުން ފްރާންސް މޮޅުވީ 4-3 އިންނެވެ.
އާޖެންޓީނާއިން މިމެޗަށް ނިކުތީ އެޓީމު އެންމެ ފަހުން ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ކުޅުނު ގޮންޒާލޯ ހިގުއައިން ގެ ބަދަލުގައި ކްރިސްޓިއަން ޕާވޮން ހިމަނައިގެންނެވެ.
މިމެޗަށް ނިކުތް ފްރާންސް ޓީމަށް ބަލައިލާއިރު އެޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ނުހިމެނޭ ހަ ކުޅުންތެރިއެއްވަނީ މިމެޗުގެ ފުރަތަމަ އެގާރައިގައި ހިމަނާފައެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވެނީ ޕައުލް ޕޮގްބާ އާއި ކިލިއަން އެމްބާޕޭ ގެ އިތުރުން ގޯލްކީޕަރު އަދި ކެޕްޓަން ހޫގޯ ލޮރިސް ހިމަނާފައިވުމެވެ.
މެޗު ފެށިގެން ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަނަމަވެސް ގިނަވަގުތު ބޯޅަ ގެންގުޅުނީ އާޖެންޓީނާ އެވެ. އެހެންނަމަވެސް ކައުންޓަރއެޓޭކުގައި ފްރާންސުން ދިޔައީ ނުރައްކާ ކުރަމުންނެވެ.
މިހާފުގައި ފްރާންސް އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތު ލިބުނީ 9 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން އަށެވެ. ޕެނަލްޓީ އޭރިޔާއަށްވުރެ ކުޑަ ތަންކޮޅެއް ބޭރުން އޭނާ ފޮނުވާލީ ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑީގައި ޖެހިފައެވެ.
ފްރާންސް ގެ ކައުންޓާއެޓޭކްތަކުގައި ކިލިއަން އެމްބާޕޭ އަށް ލިބޭ ބޯޅަތަކުގައި އާޖެންޓީނާގެ ޑިފެންޑަރުންނަށް ދިޔައީ މައްސަލަތައް ކުރިމަތިކުރަމުންނެވެ.
އޭގެނަތީޖާ އެއްގެ ގޮތުން ފްރާންސް ގެ އެމްބާޕޭ އަށް އާޖެންޓީނާ މާކޯސް ރޯހޯ ކުރި ފައުލަކަށް ރެފްރީ ވަނީ ޕެނަލްޓީއެއް ދީފައެވެ. 13 ވަނަ މިނެޓުގައި ލިބުނު މި ޕެނަލްޓީ ގޯލްގެ ތެރެއަށް އަމާޒުކޮށްލާ ފްރާންސް އަށް ލީޑް ނަގައިދިނީ ގްރީޒްމަން އެވެ. މިއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ދެވަނަ ގޯލެވެ.
އޭގެ ހަ މިނެޓުފަހުން ޕެނަލްޓީ އޭރިޔާ ބޭރުން އެމްބާޕޭ އަށް އާޖެންޓީނާ ގެ ޓަގްލިއާފްކޯ ކުރި ފައުލަކަށް ދިން ހިލޭޖެހުން ޕައުލް ޕޮގްބާ ފޮނުވާލުމުން ދިޔައީ ގޯލްގެ ދަނޑިމަތިން ބޭރަށެވެ.
މިހާފުގެ 41 ވަނަ މިނެޓުގައި އާޖެންޓީނާ އަށް އެއްވަރުކޮށްދިނީ އެންހެލް ޑި މާރިޔާ އެވެ. މިއީ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެ އޭނާ ފޮނުވާލާފައިވާ ރީތި ހަމަލާއަކުން ކާމިޔާބުކޮށްފައިވާ ގޯލެކެވެ.
ދެވަނަހާފު ފެށިގެން ތިންވަނަ މިނެޓުގައި ޕެނަލްޓީ އޭރިޔާތެރޭގައި ހުރެ ލިއޮނަލް މެސީ ފޮނުވާލި ބޯޅަ ގެބްރިއަލް މަކާޑޯ ވަނީ ގޯލްގެތެރެއަށް އަމާޒުކޮށްލާ އާޖެންޓީނާއަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދީފައެވެ.
56 ވަނަ މިނެޓުގައި އާޖެންޓީނާ ގެ ފެޑަރީކޯ ފާޒިއޯ އެޓީމުގެ ގޯލްކީޕަރު ފްރޭންކޯ އަރުމާނީ އަށް ދިން ބޯޅައެއް ހޯދައި ގްރީޒްމަން ފޮނުވާލުމުން ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
އޭގެ މިނެޓެއްފަހުން ބެންޖަމިން ޕަވާޑް ވަނީ ޕެނަލްޓީ އޭރިޔާގެ ބޭރުން ފޮނުވާލީ ވަރަށް ރީތި ޝޮޓަކުން ފްރާންސަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މިމެޗުގައި ފްރާންސަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ 64 ވަނަ މިނެޓުގައި އެމްބާޕޭ އެވެ. އޭގެ ހަތަރު މިނެޓުފަހުން އެމްބާޕޭ ވަނީ ފްރާންސްގެ ހަތަރު ވަނަ ލަނޑު ޖަހައިދީ ދެ ލަނޑުގެ ލީޑެއް ނަގައިދީފައެވެ.
މިމެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި ސާޖިއޯ އަގުއޭރޯ ވަނީ އާޖެންޓީނާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިމެޗުން މޮޅުވި ފްރާންސް ކުއާޓާފައިނަލް ގައި ބައްދަލުކުރާނީ މިރޭ ކުޅޭ ދެވަނަ މެޗުގައި ޕޯޗުގަލް އާއި އުރުގުއޭ ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ.