Last Updated: November 27, 21:29
Wednesday, November 27, 2024
ކުޅިވަރު

އުރުގުއޭ އަތުން ބަލިވެ ޕޯޗުގަލް ކަޓައިފި

އުރުގުއޭ ގެ ދެވަނަ ލަނޑު ޖެހުމަށްފަހު އެޑިންސަން ކަވާނީ އުފާ ފާޅު ކުރަނީ -- ފޮޓޯ: ފީފާ

ސޯޗީ، ރަޝިޔާ: ވޯލްޑްކަޕް ގެ ދެވަނަ ބުރުގައި އުރުގުއޭ އަތުން ބަލިވެ ޕޯޗުގަލް މުބާރާތުން ކަޓައިފިއެވެ.

މިމެޗުން އުރުގުއޭ 2-1 އިން މޮޅުވިއިރު އެޓީމުގެ ދެ ލަނޑުވެސް ޖަހައިދިނީ އެޑިންސަން ކަވާނީ އެވެ. ޕޯޗުގަލް ގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޕެޕޭ އެވެ.

ސޯޗީގެ ފިޝްޓް ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ދެޓީމުން ކުރެ ކޮންމެ ޓީމެއްވެސް ލިބުނު ކޮންމެ ފުރުޞަތެއްގައި ކުރިއަށްޖެހި ލަނޑުޖެހުމަށް ކުރި މަސައްކަތުގައި ހަތްވަނަ މިނެޓުގައި ލީޑް ނެގީ އުރުގުއޭ އިން ނެވެ. މިއީ ލުއިސް ސުއަރޭޒް ނަގައިދިން ހުރަހަކުން އެޑިންސަން ކަވާނީ ބޮލުން ފޮނުވާލައިގެން ކާމިޔާބުކޮށްދީފައިވާ ގޯލެކެވެ.

ދެވަނަހާފު ފެށިގެން 10 ވަރަކަށް މިނެޓުގެ ތެރޭގައި ޕޯޗުގަލް އަށް އެއްވަރުކޮށްދިނީ ރަފައެލް ގުރޭރޯ ނަގައިދިން ހުރަހަކުން ޕެޕޭ އެވެ.

މެޗުގެ 62 ވަނަ މިނެޓުގައި އުރުގުއޭ އަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ ވެސް ކަވާނީ އެވެ. މިއީ މިފަހަރުގެ ވޯލްޑްކަޕްގައި އޭނާ ޖެހި ތިންވަނަ ލަނޑެވެ.

އުރުގުއޭ ގެ ދެވަނަ ލަނޑަށްފަހު ނަތީޖާ ހަމަހަމަކުރުމަށް ޕޯޗުގަލް އަށް ވަނީ ރަނގަޅު ފުރުޞަތެއް ލިބި ބޭކާރުވެފައެވެ. މެޗުގެ 70 ވަނަ މިނެޓުގައި ރަފައެލް ގުރޭރޯ ފޮނުވާލި ބޯޅަ އުރުގުއޭ ގެ ގޯލްކީޕަރު ފެނާންޑޯ މުސްލޭރާ ކުރިއަށް ނިކުމެ ދިފާއުކުރަން މަސައްކަތް ކުރުމުން އޭނާގެ އަތުގައި ޖެހިފައި ބޯޅަ ނިކުތުމުން ހުސްކޮށް އޮތް ގޯލްގެ ތެރެއަށް ބާނާޑޯ ސިލްވާ ފޮނުވާލުމުން އެ ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށެވެ.

އޭގެ ކުޑައިރުކޮޅެއްފަހުން، މިމެޗުގައި އުރުގުއޭ އަށް ދެ ލަނޑު ޖަހައިދިން ކަވާނީ ވަނީ ލިބުނު އަނިޔާއަކާއި ގުޅިގެން ބަދަލުކޮށްފައެވެ. އޭނާ ގެ ބަދަލުގައި ކުޅެން ނިކުތީ ކްރިސްޓިއަން ސްޓުއާނީ އެވެ.

މިމެޗުގެ އިތުރު ވަގުތުގައި އުރުގުއޭ ގެ ލީޑް ފުޅާ ކުރުމަށް ކްރިސްޓިއަން ރޮޑްރިގޭޒް އަށް ވަނީ ރަނގަޅު ފުރުޞަތެއް ލިބި ބޭކަރުވެފައެވެ.

ޕޯޗުގަލް ޓީމުން މުޅި މެޗުގައި ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފައްދާފައިވީނަމަވެސް ލަނޑުޖެހުމަށް ލިބުނު އެތައް ފުރުޞަތެއް ވަނީ ބޭނުންކުރެވޭގޮތްނުވެފައެވެ.

މިމެޗުން މޮޅުވެ އުރުގުއޭ އިން ކުއާޓާފައިނަލް ގެ ދެވަނަ ޖާގަ ކަށަވަރުކުރިއިރު އެޓީމު ބައްދަލުކުރަން ޖެހެނީ ފްރާންސް އާ އެވެ.