މި އަހަރުގެ ރިޔާސީ އިންތިޚާބާއި ބެހޭ ގޮތުން މިހާތަނަށް ޕީޕީއެމް އިން ދައްކަމުން އަންނަ ވާހަތަކަށް ބަލާއިރު އެ ޕާޓީގެ ލީޑާޝިޕާގެ އާއްމު މެންބަރުން ވެސް ތިބީ އިންތިޚާބު ކާމިޔާބު ކުރެވޭ ކަމުގެ "ޔަޤީން" ކަމާއި އެކުގައެވެ. އެއް ބަޔަކު ބުނާ ގޮތުގައި "އެއްލަކިން" އަދި "އެއްބުރުން" ރައީސް ޔާމީން އިންތިޚާބު ކާމިޔާބުކުރައްވާނެއެވެ.
ޕީޕީއެމް އަށް ރާއްޖޭގައި ތާޢީދު ބޮޑުކަމަށް އެޕާޓީގެ ލީޑާޝިޕުން ދައުވާ ކުރަމުން ގެންދާއިރު އިންތިޚާބުތަކުގައި ފެންނަނީ އެ މަންޒަރެއް ނޫނެވެ.
ކައުންސިލް އިންތިޚާބުގައި ޕީޕީއެމް އަށް ކުރިމަތިވީ ބޮޑު ނާކާމިޔާބީ އެކެވެ. އެ އިންތިޚާބާއި ޕީޕީއެމް އިން ކުރިމަތިލީ ޕީޕީއެމް އުފެއްދެވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް ޕީޕީއެމް އިން ވަކިކުރުމަށް ފަހުގައެވެ.
އިންތިޚާބުން ލިބުނު ނަތީޖާ މިގޮތަށް ހުރި ނަމަވެސް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަޙީމް ވިދާޅުވާ ގޮތުން 2018ގެ އިންތިޚާބު ރައީސް ޔާމީން "ފަސޭހަކަމާއެކީގައި" ކާމިޔާބު ކުރައްވާނެއެވެ. ޕީޕީއެމްގެ އިސްސަފުގައި މިހާރު ހަރަކާތްތެރިވާ ރީކޯ މޫސާ މަނިކު ވިދާޅުވާ ގޮތުން "އެއްލަކިން" ނެވެ. ސޯޝަލް މީޑިޔާ އެކްޓިވިސްޓުން ބުނަމުން ގެންދަނީ "2018 ޔަޤީން" ކަމަށެވެ.
މިފަދަ ބޮޑު ޔަޤީން ކަމެއްގައި ޕީޕީއެމް މެންބަރުން ތިއްބައި އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރޭނެ ކަމުގެ ކުލަވަރު ފެންނަން ފެށުމާއި އެކު ޕީޕީއެމްގެ ރާގު މިވަނީ ބަދަލުވެފައެވެ. ޕީޕީއެމްގެ ފަރާތުން އެންމެ ބާރަށް ވާހަކަ ދައްކަވާ މެންބަރު ނިހާން ވިދާޅުވާ ގޮތުގައި އެޕާޓީއަށް އިންތިޚާބު ކާމިޔާބު ކުރެވޭނީ ކުޑަ ތަފާތަކުންނެވެ.
"އެއްލަކިން" އަދި "ފަސޭހަކަމާއި" އެކު ކާމިޔާބު ކުރާނެ ކަމަށް ބުނި އިންތިޚާބު ކާމިޔާބު ކުރެވެނެ ކަމަށް މިހާރު ނިހާނު ވިދާޅުވަނީ %52 އިންނެވެ. އެއީ ނިހާނު ކޮން ގޮތަކަށް ޖެއްސެވި ހިސާބައެއް ކަން ސާފު ނުވި ނަމަވެސް ސުވާލަކީ، އިންތިޚާބު ކައިރިވާ ވަރަކަށް ސަރުކާރަށް ވެސް އިތުރު ޕްރެޝަރުތައް ކުރިމަތިވާނެ ކަމެވެ. އެ ޕްރެޝަރުތަކާއި އެކު ނިހާނުގެ ޕަސެންޓޭޖަށް އަނެއްކާވެސް ބަދަލުތަކެއް އަތުވެދާނެ ހެއްޔެވެ؟
ހަމަގައިމުވެސް ނިހާނުގެ ޕަސެންޓޭޖުން ސާފުވީ ކަމަކީ އިންތިޚާބު ފަސޭހަވާނެ ކަމަށް ޕީޕީއެމް އިން މިހާރު ނުދެކޭ ކަމެވެ. އެއީ ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބު ވާނެ ކަމުގެ ޔަޤީންކަން ޕީޕީއެމްގެ މެންބަރުންނަށް ވެސް ކުޑަވުން ކަމަށް ވެދާނެއެވެ.