މޮސްކޯ، ރަޝިޔާ: ވޯލްޑްކަޕް ގެ ދެވަނަބުރުގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިކޮށް މުބާރާތް ބާއްވާ ޤައުމުކަމަށްވާ ރަޝިޔާ ކުއާޓާފައިނަލަށް ދަތުރުކޮށްފިއެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި ރަޝިޔާ މޮޅުވީ 4-3 އިން ނެވެ.
މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުގެ ފުރަތަމަހާފުގައި ސްޕެއިންގެ ފަރާތުން ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް ރަޝިޔާއިން ގޯލަށް އަމާޒުކޮށް ފޮނުވާލާފައިވާއިރު ލިބޭ ކައުންޓައެޓޭކްގައި ރަޝިޔާއިން ދިޔައީ ސްޕެއިނުގެ ޑިފެންސަށް އުނދަގޫތައް ކުރިމަތިކުރަމުންނެވެ.
މިމެޗުގެ ފުރަތަމަހާފުގެ 12 ވަނަ މިނެޓުގައި ރަޝިޔާގެ ސަރްގެއި އިގްނާޝެވިޗް އަތުން ބައިކޮޅަށްވަން ލަނޑަކުން ސްޕެއިން ވަނީ ލީޑް ނަގާފައެވެ. މިއީ ރަޝިޔާގެ ޕެނަލްޓީއޭރިޔާގެ އަރިމަތިން ރަޝިޔާގެ ކުޅުންތެރިއަކު ސްޕެއިނުގެ ނާޗޯ އަށް ކުރި ފައުލަކަށް ލިބުނު ހިލޭޖެހުމަކުން މާކޯ އަސެންސިއޯ ފޮނުވާލި ބޯޅަ އިގްނާޝެވިޗް ދިފާއުކުރަން އުޅުމުގެ ތެރޭގައި ވަދެފައިވާ ގޯލެކެވެ.
މިހާފުގައި ރަޝިޔާގެ ފަރާތުން އުފެއްދި ފުރަތަމަ ނުރައްކާތެރި ހަމަލާ ފެނިގެންގޮސްފައިވަނީ 36 ވަނަ މިނެޓުގައި އަލެކްސެންޑަރ ގޮލޮވިން ގެ ފަރާތުންނެވެ. ޕެނަލްޓީއޭރިޔާގެ ރޮނގުމަތީގައި ހުރެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ ދަނޑިކައިރިން ބޭރަށެވެ.
އޭގެ ފަސް މިނެޓުފަހުން ލިބުނު ޕެނަލްޓީއަކުން ރަޝިޔާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އާރޓެމް ޒޫބާ އެވެ. މިއީ ސްޕެއިނުގެ ޑިފެންޑަރު ޖެރަޑް ޕީކޭ ޕެނަލްޓީއޭރިޔާތެރެއިން ބޯޅައިގައި އަތްލުމުން ރެފްރީ ދީފައިވާ ޕެނަލްޓީއެކެވެ. މިއީ މިފަހަރުގެ ވޯލްޑްކަޕްގައި ޒޫބާ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.
ރަޝިޔާގެ ލަނޑަށްފަހުވެސް މިހާފުގައި ސްޕެއިނުގެ ޑިއޭގޯ ކޮސްޓާ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ލިބި ބޭކާރުވެފައިވެއެވެ.
މިމެޗުގެ ފުރަތަމަހާފު ނިމިގެންދިޔައީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަހާފުގެ ކުރީކޮޅު ސްޕެއިނުގެ ޖޯޑީ އަލްބާ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއްލިބި ބޭނުންކުރެވޭގޮތްނުވެފައެވެ.
އޭގެފަހުން 58 ވަނަ މިނެޓުގައި އިސްކޯ ފޮނުވާލި ބޯޅަ ވަނީ ރަޝިޔާގެ ގޯލްކީޕަރު އިގޯ އަކިންފީވް މަތަކޮށްފައެވެ.
މިމެޗުގެ 85 ވަނަ މިނެޓުގައި ސްޕެއިނުގެ އަންދްރެއަސް އިނިއެސްޓާ އަށް ވަނީ ވަރަށް ރަނގަޅު ފުރުޞަތެއް ލިބި ބޭކާރުވެފައެވެ. ރަޝިޔާގެ ޕެނަލްޓީ އޭރިޔާގެ ބޭރުގައި ހުރެ އޭނާ ފޮނުވާލި ބޯޅަ ވަނީ އިގޯ އަކިންފީވް ސަލާމަތްކޮށްފައެވެ. އޭގެފަހުން އީއާގޯ އަސްޕާސް ދެވަނަފަހަރަށް ފޮނުވާލުމުން ވެސް އަކިންފީވް ވަނީ އެ ބޯޅަ މަތަކޮށްފައެވެ.
މިމެޗުގެ ފުރިހަމަވަގުތު ހަމަވެގެން ދިޔައިރު ދެޓީމު 1-1 އިން އެއްވަރުވުމުން 15 މިނެޓުގެ އިތުރުވަގުތުގެ ދެހާފު ކުޅެން ޖެހިފައިވެއެވެ.
އިތުރުވަގުތުގެ ފުރަތަމަހާފުގައިވެސް ސްޕެއިނުގެ ފަރާތުން ގިނަވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް ދެޓީމުގެ ފަރާތުން މާގިނަ ހަމަލާތަކެއް ފެނިގެންގޮސްފައެއްނުވެއެވެ.
އިތުރުވަގުތުގެ ދެވަނަހާފުގައި ސްޕެއިނުގެ ރޮޑްރިގޯ އަށް ވަނީ ވަރަށް ރަނގަޅު ފުރުޞަތެއް ލިބިފައެވެ. ހާފުގެމެދާއިހަމައިން ހިފައިގެންދިޔަ ބޯޅަ ގެންގޮސް ޕެނަލްޓީ އޭރިޔާތެރެއިން ފޮނުވާލުމުން ރަޝިޔާ ގެ ގޯލްކީޕަރު އަކިންފީވް އަތުގައި ޖެހިފައިނިކުތުމުން ދެވަނަފަހަރަށް ޑެނިއަލް ކަރްވަހާލް ފޮނުވާލުމުން ވަނީ ރަޝިޔާގެ ޑިފެންޑަރުން ދިފާއުކޮށްފައެވެ.
މެޗު ނިމެންދަނިކޮށް ސްޕެއިނުގެ ރޮޑްރިގޯ އަށް ވަނީ އެޓީމު މޮޅުކޮށްދިނުމަށް ވަރަށް ރަނގަޅު ފުރުޞަތެއް ލިބި ބޭކާރުވެފައެވެ.
އިތުރުވަގުތުގެ ދެ ހާފު ކުޅެ ނިމުނުއިރު ދެޓީމަށް އިތުރު ލަނޑެއް ޖެހިފައިނުވާތީވެ ނަތީޖާ ނެރުމަށްޓަކައި ޖެހުނީ ޕެނަލްޓީ ޝޫޓް އައުޓް އަށް ދާށެވެ.
ސްޕެއިނުގެ ފަރާތުން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވިފައިވަނީ އިނިއެސްޓާ އާއި ރާމޯސް ގެ އިތުރުން ޕީކޭ އަށް އެކަނި އެވެ. ކޯކޭ އާއި އަސްޕާސް ފޮނުވާލި ޕެނަލްޓީތައް ރަޝިޔާގެ ކީޕަރު އަކިންފީވް މަތަކުރިއިރު ރަޝިޔާއިން ފޮނުވާލީ ހުރިހާ ޕެނަލްޓީއެއްވަނީ ގޯލްގެ ތެރެއަށް ވައްދާލާފައެވެ. ރަޝިޔާ އަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ސްމޮލޯވް އާއި އިގްނާޝެވިޗް އަދި ގޮލޮވިން ގެ އިތުރުން ޑެނިސް ޗެރިޝޭވް އެވެ.
މިމެޗުން މޮޅުވެ ރަޝިޔާއިން ކުއާޓާފައިނަލުން ޖާގަ ހޯދިއިރު އެޓީމު ބައްދަލުކުރަންޖެހޭނީ މިރޭ ކްރޮއޭޝިޔާ އާއި ޑެންމާކް ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ.