ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަޙުމަދު ޝިޔާމް އެމްއެންޑީއެފް ސަދަން އޭރިއާ އަށް ދަތުފުޅެއް ކުރައްވައިފި އެވެ.
ޗީފް އޮފް ޑިފެންސް ފޯސް ސަދަން އޭރިއާ އަށް މި ކުރެއްވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ، ގަމުގައި ހުންނަ ސަދަން އޭރިޔާ ހެޑް ކްއޯޓާރޒް އަށެވެ. މި ދަތުރުފުޅުގައި ސަދަން އޭރިޔާގެ ތަންތަން ބައްލަވާ ލައްވާ ސަދަން އޭރިޔާގައި މިހާރު ކުރިއަށްދާ މަސައްކަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު އޮޅުންފިލުވާ ހެއްދެވި އެވެ.
އެ މަނިކުފާނު އިއްޔެ ވަނީ ފުވައްމުލަކަށް ވަޑައިގެން މިހާރު ފުވައްމުލަކުގައި ކުރިއަށްދާ އޮފިސަ ކެނޑިޑޭޓް ކޯހުގެ ފައިނަލް އެކްސަސައިޒާއި ސަދަން އޭރިއާގައި ކުރިއަށްދާ "އެކްސަސައިޒު ހޭވައްލާ، އަދި ރަންނަމާރި ހަންޓު 1-2013" ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ އެވެ. އަދި އެ ސަރަހައްދަށް ވަޑައިގެން އެކްސަސައިޒު ކުރިއަށްދާ ގޮތާ ބެހޭ ގޮތުން މަޢުލޫމާތު ހޯއްދެވި އެވެ.
އަދި ހަވީރު ޗީފް އޮފް ޑިފެންސް ފޯސް ވަނީ ފުވައްމުލަކުގެ އާސާރީތަނެއް ކަމުގައިވާ "ފުވައްމުލަކު ހަވިއްތަ" ބައްލަވާލައްވާފަ އެވެ. އަދި އެ ސަރަޙައްދު ބައްލަވާލެއްވުމަށް ފަހު އެ ސަރަޙައްދު ތަރައްޤީ ކުރުމަށްޓަކައި އެމްއެންޑީއެފްގެ ފަންނީ ލަފާ ދިނުމާ ބެހޭ ގޮތުން ފުވައްމުލަކު އަތޮޅު ކައުންސިލުގެ ނައިބް ރައީސް ޢަބްދުﷲ މުޙައްމަދާ އެކު މަޝްވަރާ ކުރައްވުމަށް ފަހު، އެތަން ތަރައްޤީ ކުރުމަށްޓަކައި އެމްއެންޑީއެފްގެ ފަރާތުން ވެދެވެން އޮތް އެހީތެރި ކަމެއް ވެސް ވެދެއް ވާނެ ކަމުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ވިދާޅުވެފަ އެވެ.
އެ މަނިކުފާނުގެ މި ދަތުރުފުޅުގައި އެމްއެންޑީއެފް ސަދަން އޭރިއާ ފުވައްމުލަކު ޕޯސްޓަށް ވަޑައިގެން އެ ޕޯސްޓްގައި މަސައްކަތްތައް ހުރި ނެތް ގޮތް ބައްލަވާލެއްވި އެވެ. އަދި މިހާރު ސަދަން އޭރިއާގައި ކުރިއަށް ދާ އޯސީސީ ފައިނަލް އެކްސަސައިޒްގައި ބައިވެރިވާ ދަރިވަރުންގެ އެކަމަޑޭޝަން ހަމަޖެހިފައިވާ ގޮތް ވެސް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އަޙުމަދު ޝިޔާމް ވަނީ ބައްލަވާލައްވާފަ އެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް އެމްއެންޑީއެފް ސަދަން އޭރިއާ އަށް މިއަދު ކުރެއްވި އެއްދުވަހުގެ ދަތުރުޅުގައި ޓްރޭނިން އެންޑް ޑޮކްޓަރީންގެ ކޮމާންޑްގެ ކޮމާންޑަރ ބްރިގޭޑިއަ ޖެނެރަލް އަބްދުﷲ ޝާމާލް ބައިވެރިވެވަޑައިގެންނެވި އެވެ.