ށ. އަތޮޅު ބިލެތްފަހި ގިރާ މައްސަލަ ހައްލުކުރުމަށް އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ސަރުކާރުން ފެއްޓެވި މަސައްކަތް ރަސްމީ ގޮތެއްގައި ރައީސް އަބްދުﷲ ޔާމީން ނިންމަވާލައިފިއެވެ.
ދައުލަތުގެ ބަޖެޓުން 15 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއު ނިންމާލާފައިވަނީ ރަށުގެ ގިރާ ސަރަޙައްދަށް 25,738 ކޮޑިމީޓަރު ވެލި އަޅައި 520 މީޓަރު ދިގުމިނުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖަހާފައެވެ. އަދި އެސަރަހައްދު މިހާރު ވަނީ ހިމާޔަތްކޮށްފައެވެ.
މިމަސައްކަތް ހަވާލު ކޮށްފައިވަނީ ކެޕިޓަލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުނިން މިމަޝްރޫއު ނިންމާލާފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ސަރުކާރުން މަސައްކަތް ހަވާލުކުރީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ރާއްޖޭގެ ގިނަ ރަށްތަކުގައި ރަށް ގިރާ މައްސަލަ ކުރިމަތިވެފައިވާއިރު ސަރުކާރުން ވަނީ ފާއިތުވީ ތިން އަހަރުގެ ތެރޭގައި1.34 ބިލިއަން ރުފިޔާ ހަރަދުކޮށް، ޖުމްލަ 32 ރަށެއްގައި 31 ކިލޯ މީޓަރުގެ ގޮނޑުދޮށް އެކަށޭނެ އަދި ދެމެހެއްޓެނެވި ގޮތެއްގައި ހިމާޔަތްކޮށްފައި ކަމަށް އެންވަޔަރޮމެންޓް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.