Last Updated: November 30, 11:04
Saturday, November 30, 2024
ޚަބަރު

"ޓްރަސްޓް ފަންޑަކީ ހަމައެކަނި ފައިސާ ފަންޑެއް ނޫން"

ޓްރަސްޓް ފަންޑަކީ ހަމައެކަނި ފައިސާ ބަހައްޓާ ފަންޑެއް ނޫން ކަމަށާއި، އެފަދަ ފަންޑެއްގެ އެއް މަޤްޞަދަކީ، އެ ދާއިރާއެއްގައި ދެމުންގެންދާ ޚިދްމަތްތައް ދެމުން ގެންދާ ވަރަށް ވުރެ ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ފަހިކުރުން ކަމަށް ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ޞިއްޙީ ދާއިރާގެ ޓްރަސްޓް ފަންޑު އިފްތިތާޙު ކުރެއްވުމަށް ޓްރޭޑަޒް ހޮޓެލްގައި އިއްޔެ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، ވީހާވެސް ގިނަ ބޭފުޅުން، އެ ބޭފުޅަކަށް ވެވަޑައިގެންނެވި ވަރަކުން، އަދި ފޯރުންތެރިކަން ހުރިވަރަކުން، ޞިއްޙީ ދާއިރާގެ ޓްރަސްޓް ފަންޑަށް އެހީވެދެއްވަމުން ގެންދެވުމަށް އެދިވަޑައިގެންނެވި އެވެ.

މި ރޮނގުން ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޞިއްޙީ ދާއިރާގެ ޓްރަސްޓް ފަންޑު ވެސް ދެމި އޮންނާނީ، އެހެން އެފަދަ ޓްރަސްޓް ފަންޑުތަކެކޭ އެއްގޮތަށް އެސެޓްތަކެއް އޮވެގެން ކަމަށާއި، މި ޓްރަސްޓް ފަންޑަށް ސަރުކާރުގެ ފަރާތުން ވެސް އަދި އަމިއްލަ ފަރާތްތަކުން ވެސް އެސެޓްތަކެއް ލިބޭނެ ގޮތް ހެދުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ޞިއްޙީ ޚިދްމަތުގެ ޓްރަސްޓް ފަންޑަކީ ޞިއްޙީ ޚިދުމަތުގެ ފަންޑެއް ނޫން ކަމަށާއި، މިއީ ރައްޔިތުންގެ ފަރާތުން އަމާނާތެއްގެ ގޮތުގައި ބަލަހައްޓައި ދިނުމަށް ޙަވާލު ކުރައްވާ އެއްޗެއް ކަމުގައި ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ޞިއްޙީ ދާއިރާގައި ކުރަންޖެހިފައިވާ ވަރަށް ގިނަ ކަންކަން އެބަ ހުރި ކަމުގައި ވިދާޅުވެ، އެކަންކަން ކުރުމުގައި ދިމާވެފައިވާ ދަތިތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވި އެވެ.

މިގޮތުން، ޚާއްޞަ ގޮތެއްގައި ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ބަޖެޓުގެ ދަތިކަން ފާހަގަ ކުރައްވައި، ޞިއްޙީ ދާއިރާ އަށް ކުރަން ޖެހޭ ޚަރަދު މިއަދު ނުކުރެވޭ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ޞިއްޙީ ދާއިރާގެ ޓްރަސްޓް ފަންޑު އިފްތިތާޙު ކުރެވިގެން ދިޔުމަކީ، ރާއްޖޭގައި ޞިއްޙީ ކަންކަން މިހާރަށް ވުރެ ރަނގަޅު ކުރުމަށްޓަކައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ލިބޭނެ ފުރުޞަތެއް ކަމުގައި ވިދާޅުވި އެވެ.
މިގޮތުން، ޢާންމު ރައްޔިތުންގެ ޞިއްޙީ ކަންކަން ރަނގަޅު ކުރުމަށްޓަކައި އެކިއެކި ބިނާތައް ހައްދަވައި ދެއްވުމާއި، ތަކެތީގެ އެހީ ވެދެއްވުމަކީ ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި ވެސް ކުރާ ކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ.

ޞިއްޙީ ކަންކަމަށް ރައްޔިތުން މިހާރު ވަރަށް ބޮޑަށް ފަރުވާ ބަހައްޓަވާކަމާއި، އަދި އަމިއްލަ ފަރުދުން ވެސް ޞިއްޙީ ކަންކަމަށް ވަރަށް ބޮޑަށް އެހީވެ ދެއްވަމުން ގެންދަވާކަން ވެސް ރައީސް ޝުކުރުވެރި ކަމާއެކު ފާހަގަ ކުރެއްވި އެވެ.