ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާ ގައި "ޓަކި ޖަހަން ޖެހުނީ" އެ ގައުމަކީ ބޮޑު ކޮންޒިއުމާ މާކެޓެއް އޮތް ގައުމަކަށް ވުމުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސައީދު މިހެން ވިދާޅުވީ އޮޑިޓާރ ޖެނަރަލް އޮފީހުން މިއަދު ފެށި އެކައުންޓެންޓުންގެ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވި ގޮތުގައި ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ހަދަން ޖެހުނީ، ރާއްޖެ އިން ބޭރުކުރާ ތަކެއްޗަށް އެކަށީގެންވާ އަގު ނުލިބޭތީ ކަމަށެވެ.
ދިވެހި އުފެއްދުންތަކަށް ހަމަ އަގު ނުލިބޭކަމަށް ފާހަގަކުރައްވައި ވާހަކަ ދައްކަވަމުން ސައީދު މިސާލެއްގެ ގޮތުގައި ނެންގެވީ ރާއްޖޭގެ މަހަށް ދުނިޔޭގެ ބާޒާރުގައި ލިބޭ އަގުތަކެވެ. ސައީދު ވިދާޅުވި ގޮތުގައި ރާއްޖެއަކީ "ދޮށީގެ މަސްވެރިކަން ކުރާ ހަމައެކަނި ގައުމަކީ ރާއްޖެ ކަމަށް ވިޔަސް ޔޫރަޕްގެ މާކެޓުތަކުން އެކަމަށް ނުބަލާ" ކަމަށެވެ.
އަދި ރާއްޖެއިން އެކްސްޕޯޓް ކުރާ މަސް ޔޫރަޕުގެ ގައުމުތަކުން ގަންނަނީ ހަމަ އެހެން ގައުމުތަކުން ވެސް މަސް ގަންނަ އަގުގައި ކަމަށް ސައީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޓޫނާ އާ އެހެން ގައުމުތަކުން ޔޫރަޕުގެ ގައުމުތަކަށް ނުވަތަ ކޮންޒިއުމާ ބްލޮކްތަކަށް ގަންނަ ޓޫނާ އާއި އެއް ހަމައެއްގައި ޓެރިފް އެންޕޯސް ކުރަން ވެއްޖެ ނަމަ އެ އަކީ ފެއާ ޓްރޭޑެއް ނޫން" ސައީދު ވިދާޅުވިއެވެ.