ސަމާރާ، ރަޝިޔާ: ވޯލްޑްކަޕްގެ ގަދަ 16 ބުރުގައި މިރޭ ކުޅުނު މެޗުން މެކްސިކޯ ބަލިކޮށް ބްރެޒިލް ކުއާޓާފައިނަލަށް ދަތުރުކޮށްފިއެވެ. މިމެޗުން ބްރެޒިލް މޮޅުވީ 2-0 އިންނެވެ.
ސަމާރާ އެރީނާގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި އެއްވަރަކަށް ބޯޅަ ގެންގުޅެފައިވީ ނަމަވެސް ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތައް ފޮނުވާލާފައިވަނީ ބްރެޒިލުންނެވެ. މިހާފުގައި މެކްސިކޯ ގެ ފަރާތުން އެންމެ ހަމަލާއަށް ވެސް ބްރެޒިލް ގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައެއްނުވެއެވެ.
މިމެޗުގެ ފުރަތަމަހާފު ނިމިގެންދިޔައީ ދެޓީމަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
ދެވަނަހާފު ފެށިގެން ހަވަނަ މިނެޓުގައި ބްރެޒިލް އަށް ލީޑް ނަގައިދިނީ ނޭމާ އެވެ. މިއީ ވިލިއަން ނަގައިދިން ހުރަހަކުން އޭނާ ކާމިޔާބުކޮށްފައިވާ ގޯލެކެވެ.
މިހާފުގައިވެސް ދެޓީމުގެ ފަރާތުން ދާދި އެއްވަރަކަށް ބޯޅަ ގެންގުޅެފައިވާއިރު ދެޓީމަށްވެސް ލަނޑު ޖަހާނެ ފުރުޞަތުތައް ލިބިގެންގޮސްފައިވެއެވެ. މިގޮތުުން އެންމެ ނުރައްކާތެރި ހަމަލާތައް ބްރެޒިލް ގެ ފަރާތުން އުފައްދާފައިވާއިރު އޭގެ ހުރަހަކަށްވީ މިމުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މެކްސިކޯގެ ގޯލްކީޕަރު ގިލޭމޯ އޮޗޯއާ އެވެ.
މެޗު ނިމެންދިޔަވަރަކަށް މެކްސިކޯ އިން ބްރެޒިލްގެ ޑިފެންސަށް އުނދަގޫތައް ކުރިމަތިކުރަމުން ދިޔަނަމަވެސް ކާމިޔާބުވާގޮތްވަނީނުވެފައެވެ.
ދެވަނަހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެމިނެޓަށް ވެފައިވަނިކޮށް ބްރެޒިލް ގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރޮބާޓޯ ފިރްމީނޯ އެވެ. މިއީ ނޭމާ ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
މިމެޗުގައި ކާމިޔާބުކުރި ލަނޑާއިއެކު ނޭމާ ވަނީ މިހާތަނަށް ވޯލްޑްކަޕްގައި ހަލަނޑު ހަމަކޮށްފައެވެ. މިހާތަނަށް ޤައުމީޓީމަށް ކުޅުނު 89 މެޗުގައި ޖުމްލަ 57 ލަނޑު ޖަހާފައިވެއެވެ.
މިމެޗުން މޮޅުވި ބްރެޒިލް ކުއާޓާފައިނަލަށް ދަަތުރުކުރިއިރު އެޓީމު ބައްދަލުކުރަންޖެހޭނީ މިރޭ 11 ޖަހާއިރު ބެލްޖިއަމް އާއި ޖަޕާން ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ.