ކެފޭއެއްގެ ތެރޭގައި ހުއްޓައި ފައިލްތައް ހިފައިގެން އައި ގްރޫޕަކުން މޭޒުތައް ދޮށަށް ގޮސް ވާހަކަ ދައްކަން ފަށައިފިއެވެ. މިއީ ކޮންބައެއް ކަން ނޭނގިގެން ހުއްޓައި ތަންކޮޅެއް ކައިރީގައި ހުރި މޭޒެއް ދޮށަށް އައިސް ވާހަކަ ފެށުމުން މިއީ ރައީސް ޔާމީން އަށް ކެމްޕެއިން ކުރަން އުޅޭ ބައެއް ކަން އެނގިއްޖެއެވެ.
ކެމްޕެއިން ކުރަން އައި މީހުން މައިގަނޑު ގޮތެއްގައި ދެއްކީ ރައީސް ޔާމީނަށް ވޯޓު ދޭން ޖެހެނީ ތަރައްޤީ ކުރާތީ ކަމަށް ބުނެއެވެ. ވަރަށް ދިގުކޮށް ދެއްކި ވާހަކަތަކަށް ފަހު އެ މޭޒުގައި ކޮފީ ބޯން އިން ޒުވާނަކު ސުވާލެއް ކުރިއެވެ.
"އަހަރުމެންގެ ރަށަށް ޔާމީން ކޮށްދީގެން މިއުޅެނީ ކޮން ތަރައްޤީ އެއް ހެއްޔެވެ؟"
މި ސުވާލާއި އެކު ޕީޕީއެމްގެ ކެމްޕެއިން ޓީމުގައި ތިބި މީހުން އެކަކު އަނެކެއްގެ މޫނަށް ބަލަން ފެށިއެވެ. އެވަގުތު ހަމަގައިމު ވެސް އަހަންނަށް ފެނުނީ ގޮތް ހުސްވެފައި ތިބި މަންޒަރެވެ.
ޒުވާނާގެ ސުވާލަށް ކޮންމެވެސް ވަރެއްގެ ޖަވާބެއް ޕީޕީއެމް ޓީމުން ދިނެވެ. "ކޮންމެ ސަރުކާރެއް އޮތަސް އައްޑޫ ރައްޔިތުން އެއްބާރުލުން ނުދެންޏާ ސަރުކާރުން ކުރާނެ ކަމެއް ނޯންނާނެ" ކަމަށާއި އަދި ކަންތައް ރަނގަޅު ވާނެ ކަމުގެ އުއްމީދު އެމީހުން ދިނެވެ. އަދި އިންތިޚާބުގެ ކުރިން އައްޑޫގެ މަގުތައް ވެސް ހަދަން ފަށާނެ ވާހަކަ އާއި އެކަން ކޮންމެވެސް ވަޒީރަކު ވިދާޅުވި ކަމަށް ވެސް ބުންޏެވެ.
އެހިސާބުން ވެސް ޒުވާނުން ނިންމާލީ އެއް ނޫނެވެ. ރައީސް ޔާމީނުގެ ސަރުކާރުގައި މަގު ހަދަން ހަވާލުކުރި މިނިސްޓަރު އެކަން ކުރަނީ ޓްވިޓަރ އިންތޯ އެމީހުން އެހިއެވެ. ދެން އެޒުވާނުން ދައްކަން ފެށީ މަގު ހެދުމަށް ބޭނުންވާ ސާމާނު އައްޑޫން ބޭރުކުރީ ކީއްވެތޯ ވެސް އެހިއެވެ.
ޕީޕީޢެމްގެ ކެމްޕެއިން ޓީމަށް މިއިން އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެވުނެވެ. އެހެން ނަމަވެސް ދަމުން ދިޔައީ ރައީސް ޔާމީނަށް ވޯޓު ދޭށޭ ބުނެފައެވެ. އެއީ ޒުވާނުންގެ ރައީސް ކަމަށް ވެސް ބުނި އަޑު އިވުނެވެ.
ކޮފީ ބޯން ތިބި ޒުވާނުން ކުރި ސުވާލަކީ މިއެވެ. އަހަރުމެން ޔާމީނަށް ވޯޓު ދޭންވީ އެއީ ޓްވިޓަރ މެދުވެރިކޮށް މަގު ހަދަން އެންމެ މޮޅު ސަރުކާރުގެ ރައީސަށް ވީމައި ހެއްޔެވެ؟