Last Updated: November 27, 21:29
Wednesday, November 27, 2024
ކުޅިވަރު

ފަހަތުން އަރައި މޮޅުވެ ބެލްޖިއަމް ކުއާޓާ އަށް

ރޮސްޓޯވް-އޮން-ޑޮން، ރަޝިޔާ: ވޯލްޑްކަޕްގެ ދެވަނަ ބުރުގައި ޖަޕާން އާއި ބެލްޖިއަމް ބައްދަލުކުރި މެޗް ކާމިޔާބުކޮށް ބެލްޖިއަމުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. ޖަޕާންގެ މައްޗަށް ބެލްޖިއަމުން ކުރި ހޯދީ 2-3 އިންނެވެ.

މި މެޗްގެ ފުރަތަމަ ހާފުގައި ބެލްޖިއަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް އެހާފުގައި އެ ޓީމަށް ޖަޕާނުގެ ގޯލު ފޫ އަޅުވާލެވޭ ގޮތެއް ނުވިއެވެ. މިހާފުގައި ޖަޕާނުގެ ފަރާތުން ފެނުނީ ވަރަށް ޑިފެންސިވް ކުޅުމެކެވެ.

ދެވަނަ ހާފު ފަށައިގެން ޖަޕާނުން ކުރިއަށް ޖެހި އެޓޭކް ކުރަން ފަށައި ދެވަނަ ހާފުގެ 3 ވަނަ މިނިޓްގައި ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ގެންކީ ހަރަގޫޗީ އެވެ. އޭނާގެ ލަނޑާއި އެކު މުޅި ބެލްޖިއަމް ޓީމު ހުއްޓުމަކަށް އައެވެ.

ބެލްޖިއަމް އަށް އިތުރު ހާސްކަމެއް ކުރިމަތިވީ، 52 ވަނަ މިނިޓްގައި ޓަކާޝީ އިނޫއީ އިތުރު ލަނޑެއް ޖަހައި ޖަޕާނުގެ ލީޑު ފުޅާކުރުމުންނެވެ.

ޖަޕާނުން ދެލަނޑުގެ ލީޑެއް ނެގުމާއި އެކު ބެލްޖިއަމުން ވަނީ ދެ ބަދަލެއް ގެނެސް އެޓީމުގެ ކުޅުން ބަދަލުކޮށްފައެވެ. އެގޮތުން ޔަނިކް ފެރެއިރާ ކަރާސްކޯ އާއި ޑްރީސް މާޓިންސްގެ ބަދަލުގައި މަރުއާން ފެލައިނީ އާއި ނާސިރް ޗަޑްލީ ކުޅެން ނެރުނެވެ.

މި ބަދަލުތަކާއި އެކު ބެލްޖިއަމުން ވަނީ އެޓީމުގެ ކުޅުންތެރިންގެ އިސްކޮޅުން ދިގުކަމުގެ ފައިދާ ނަގައި ޖަޕާނުގެ އޭރިޔާގެ ތެރެއަށް ގިނަ ހުރަސްތަކެއް ނަަގަން ފެށިއެވެ.

ބެލްޖިއަމްގެ ފުރަތަމަ ލަނޑު މެޗްގެ 69 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޔާން ވާޓޮންގަންއެވެ. އަދި އޭގެ 6 މިނިޓް ފަހުން ފެލައިނީ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ބެލްޖިއަމް މިމެޗުން މޮޅުވި ލަނޑު މެޗްގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ޗަޑްލީ އެވެ.

މިއީ ވޯލްޑްކަޕްގެ ތާރީޚުގައި ވޭތުވެދިޔަ 48 އަހަރުގެތެރޭގައި ނޮކްއައުޓް މެޗެއްގައި ދެލަނޑު ޖަހާފައިވަނިކޮށް އިދިކޮޅު ޓީމަކުން ފަހަތުން އަރައި ތިން ލަނޑު ކާމިޔާބުކޮށްގެން މޮޅުވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން މިގޮތަށް ނަތީޖާ އަނބުރާލީ 1970 ވަނަ އަހަރު ވެސްޓް ޖާމަނީ އެވެ. އެފަހަރު އިންގްލެންޑުން ދެލަނޑު ޖަހާފައި އޮއްވާ މެޗުގެ އިތުރުވަގުތުގައި އެޓީމު މޮޅުވީ ވެސް ހަމަ މިނަތީޖާއިންނެވެ.

ބެލްޖިއަމުން މުބާރާތުގެ ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ ބްރެޒިލް އާއެވެ.