މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން މަސްތުވެފައި ހުންނަ ހާލަތުގައި "ފުރަގަސްފަރާތަށް ސަޖިދަ ޖަހާ ތަން" ވެސް ފެނިވަޑައިގަންނަވާ ކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ވިދާޅުވެއްޖެއެވެ.
އާމިރު މިހެން ވިދާޅުވީ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙާއި ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާމިރު ވަނީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް މުޖްތަމަޢުގައި ވަރަށް ހާމަކަން ބޮޑުގޮތެއްގައި އުޅޭކަމަށް ވިދާޅުވެ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވީ، މަގުމަތީގައި "ބިއްޖެހިފައި ހަމަ ކަނޑައެޅިގެން އެއީ އެ ޢަމަލު ކޮށްގެން ތިބޭ މީހުންކަން އެނގޭ ހާލުގައި" ވެސް އެމީހުން ތިބީ މަސްތުގެ ހާލަތުގައި ތޯ ބެލުމަށް ޓެސްޓު ކުރެވެނީ ވަކި ހަމަތަކެއްގެ މަތިން ކަމަށެވެ. އާމިރު ވިދާޅުވި ގޮތުގައި ވަކި ހަމަތަކެއްގެ މަތިން ނޫން ގޮތަކަށް އެފަދަ މީހުން ޓެސްޓުކުރެވޭނެ ގޮތެއް ނެތުމަކީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"މަސްތުވެފައި ހުންނަ ހާލަތުގައި ފުރަގަސްފަރާތަށް ސަޖިދަޖަހާ ތަން ވެސް އެބަ ފެނޭ. އަޅުގަނޑުމެންނަށް އެކިއެކި ވީޑިއޯތަކުންނާއި އަދި ލޮލަށް ފެންނަ މަންޒަރުތަކުން މިސްކިތްތަކުގެ ތެރޭގައި ވެސް މި ބާވަތުގެ ސަޖިދަ ޖަހާކަމީ މިއީ ހިތާމަކުރަންޖެހޭ ކަމެއް." އާމިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ވީޑިއޯތަކުންނާއި އަދި ލޮލަށް ފެންނަ މަންޒަރުތަކުން މިސްކިތްތަކުގެ ތެރޭގައި އެފަދަ ސަޖިދަ ޖަހާ ކަމަށާއި އެފަދަ ކަންތަކަށް ހައްލެއް ނުލިބުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ.