ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ދިވެހި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރާ ހަވާލާދީ "ސަން" އޮންލައިނުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސަރުކާރުން ވަނީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ނިންމާލާފައެވެ. އަދި އެކަން ކުރުމަށް ބުނެފައިވާ ތާރީޚަށް ވުރެ ލަސް ވެގެން ގޮސްފައިވަނީ އެއީ ވަރަށް ބޮޑު ކަމަކަށް ވެފައި، ބަލަން ޖެހޭ ކަންތައް ގިނަ ކަމުން ކަމަށް އަޒްލީން ވިދާޅުވިއެވެ.
އަޒްލީން އިތުރަށް ވިދާޅުވެފައިވަނީ ރައީސް ޔާމީން އެކި ފަހަރު މަތިން މަރުގެ ހުކުމް މިގައުމުގައި ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށާއި އެއީ ގުރުއާނާއި ސުންނަތުގައި ވެސް އަމަލު ކުރަން އަންގަވާފައިވާ ގޮތް ކަމަށް ވާތީ، އެކަން މިދައުރު ނިމުމުގެ ކުރިން ކުރެވޭނެ ކަމަށެވެ.
މަރުގެ ހުކުމް ތަންފީޒު ކުރުމަށް ރާވާފައިވާ ދުވަސް ދަންނަވަން ނޭނގޭ ކަމަށާއި، ނަމަވެސް އެކަން ކުރެވިގެން ދާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް މިނިސްޓަރު އަޒްލީން ވިދާޅުވިއެވެ.
ސަރުކާރުން މަރަށް މަރު ހިފައި، ރާއްޖޭގައި އަނެއްކާވެސް މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ބުނުމުން ބޭރުގެ ބައެއް ފަރާތްތަކުން ވަނީ އެކަމާ މެދު މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭގެ ތެރޭގައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލް ވެސް ހިމެނެއެވެ.
ރައީސް ޔާމީން ވަނީ ސަރުކާރުގެ ސިޔާސަތުތައް ގާއިމް ކުރުމަށް ބޭރުގެ ނުފޫޒު ހުރަހަކަށް ވެފައިވާކަން ދާދި ފަހުން ވެސް ހާމަކޮށްފައެވެ.