އައްޑޫގައި ހަލުވި ކަމާއި އެކު ފާނަބަސަނދު ފެތުރެމުންދާތީ އާއްމު ރައްޔިތުން ސަމާލުވުމަށް އައްޑޫ ޕަބްލިކް ހެލްތު ޑިޕާޓުމަންޓުން އިލްތިމާސްކޮށްފިއެވެ.
ޕަބްލިކް ހެލްތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ބަލިން ސަލާމަތްވުމަށް އެންމެ ރަނގަޅު ގޮތަކީ މި ބައްޔަށް ހާއްސަ ވެކްސިން ޖެހުން ކަމަށެވެ. އަދި އުމުރުން 12 މަހުން ފެށިގެން މަތީގެ ކޮންމެ ފަރުދަކަށް މި ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭނެކަމަށެވެ.
ޕަބްލިކް ހެލްތުން މިފަދަ އިލްތިމާސެއްކޮށްފައިވާ އިރު އައްޑޫގައި މި ބަލީގެ ވެކްސިން ލިބެން ނެތްކަމަށް މައުލޫމާތު ލިބެއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ސީނިއާ ކޮމިއުނިޓީ އޮފިސަރ މުހައްމަދު ނަޖީބު މިއަދު "އައްޑޫލައިވް"އަށް ވިދާޅުވީ ފާނަބަސަނދު ޖެހިގެން އާއްމު ހާލަތަށްވުރެ ގިނައިން ދައްކަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގައި 25 މީހަކު މިބަލި ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ.'
ނަޖީބު ވިދާޅުވީ މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ފަރުދީ ފެންވަރެއްގައި މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން މި ދުވަސްވަރު ކުޑަކުދިންނާއި ބޮޑެތި މީހުން އަދި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ތަފާތު ބަލިތަކަށް ދިގު މުއްދަތަކަށް ބޭސް ބޭނުން ކުރައްވާ ފަރާތްތަކުން އާއްމުން ގިނައިން އެއްވާ ތަންތަނަށް ދިއުން ރަނގަޅު ނޫންކަމަށެވެ.
ޕަބްލިކް ހެލްތުން ވެސް ވަނީ މިފަދަ އިރުޝާދު ދީފައެވެ.
ފާނަބަސަނދުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:
1- ބަލި ޖެހިފައިވާ ކުއްޖެއް/ މީހެއް ދިރިއުޅޭ ގޭގެއަށް ނުދިއުން
2- ބަލިޖެހިފައިވާ ކުއްޖާ/ މީހާ އޭނާގެ ގައިގައި ނަގާފައިވާ ބިހިތައް އެއްްކޮށް ކުރަމަގާލިލާންދެން ބޭރުތެރެއަށް ( ހާއްސަކޮށް ސްކޫލްތަކަށް) ނުފޮނުވުން
3- ފާނަބަަސަނދު ޖެހިފައިވާ މީހަކު ބޭނުން ކުރާ ތަކެތި ބޭނުން ނުކުރުން
4- ބަލީގެ ވެކްސިން ޖެހުން
މި ބަލި އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި ދަނީ ފެތުރެމުންނެވެ. އެހެންވެ ހުރިހާ ފަރާތްތަކުންވެސް ސަމާލުވެ ތިބުން ރައްކާތެރިއެވެ.