މޮސްކޯ، ރަޝިޔާ: ފީފާ ވޯލްޑްކަޕް 2018ގެ ދެވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން ކޮލަމްބިއާ ބަލިކޮށް އިނގިރޭސިވިލާތް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މިމެޗް އެޓީމު ކާމިޔާބު ކުރީ 3-4 އިންނެވެ.
މިއީ ވޯލްޑްކަޕްގެ ތާރީޚުގައިވެސް ޕެނަލްޓީ ޖަހައިގެން އެޓީމު މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ. މީގެއިތުރުން މިހާތަނަށް އިނގިރޭސިވިލާތް އަތުން ކޮލަމްބިއާ މޮޅުނުވުމުގެ ސިލްސިލާއަށް ނިމުމެއް އައިސްފައެއްނުވެއެވެ. ދެޓީމު ބައްދަލުކުރި ހަމެޗުގެ ތެރެއިން ތިން މެޗުން އެއްވަރުވެފައިވާއިރު ބާކީ ތިން މެޗުން ކޮލަމްބިއާ ވަނީ ބަލިވެފައެވެ.
މިމެޗަށް ނިކުތް ކޮލަމްބިއާ އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ ސަބަބުން އެޓީމުގެ މުހިއްމު ކުޅުންތެރިޔާ ހަމޭސް ރޮޑްރިގޭޒް އަށް ނުކުޅެވުމެވެ. އިންގްލެންޑުން މިމެޗަށް ނިކުތްއިރު ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެޓީމު އެންމެ ފަހުން ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ނުހިމެނުނު ޑެލެ އަލީ މިިމެޗުގެ ފުރަތަމަ އެގާރައިގައި ހިމަނާފައިވުމެވެ.
މޮސްކޯގެ ސްޕާޓަކް ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނައިރު ބޯޅަ ގެންގުޅެ ރަނގަޅަށް ކުޅުނީ އިންގްލެންޑުންނެވެ.
މިހާފުގައި އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ 16 ވަނަ މިނެޓުގައި އިންގްލެންޑް ގެ ހެރީ ކޭން އަށެވެ. ކިރަން ޓްރިޕިއާ ނަގައިދިން ހުރަހަކުން އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑި މަތިން ބޭރަށެވެ.
މިމެޗުގެ ފުރަތަމަހާފު ނިމިގެންދިޔައީ ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަހާފުގެ ކުރީކޮޅު ކޮލަމްބިއާ އަށް މާއެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު އިންގްލެންޑުން ދިޔައީ ސެޓްޕީސްތަކުން ކޮލަމްބިއާ ގެ ޑިފެންސަށް ބާރު ބޮޑުކުރަމުންނެވެ.
އޭގެ ނަތީޖާއެއްގެގޮތުން 57 ވަނަ މިނެޓުގައި އިންގްލެންޑުން ވަނީ ލީޑް ނަގާފައެވެ. މިއީ ކޮލަމްބިއާގެ ކާލޯސް ސަންޗޭޒް އިންގްލެންޑްގެ ހެރީ ކޭން އަށް ޕެނަލްޓީއޭރިޔާތެރޭގައި ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ކޭން ވަނީ ވަރަށް ހަމަޖެހިލައިގެންހުރެ ގޯލްގެ ތެރެއަށް ވައްދާލައިފައެވެ. މިއީ މިފަހަރުގެ މުބާރާތުގައި އޭނާ ކާމިޔާބުކުރި ހަވަނަ ލަނޑެވެ. ވޯލްޑްކަޕްގެ ރަންބޫޓަށް ވާދަަކުރާ ކުޅުންތެރިންގެ ލިސްޓްގެ އެންމެ ކުރީގައިއުޅެނީވެސް އޭނާ އެވެ.
މެޗުގެ ދެވަނަހާފުގައި އިންގްލެންޑްގެ ދެ ކުޅުންތެރިން ކަމަށްވާ ޑެލެ އަލީ އަށާއި ހެރީ މެގުއަޔާ އަށް ވަނީ ރަނގަޅު ފުރުޞަތުތަކެއް ލިބި ބޭކާރުވެފައެވެ. މި ދެ ހަމަލާވެސް ދިޔައީ ގޯލްގެ ދަނޑިމަތިން ބޭރަށެވެ.
މިމެޗުގެ 81 ވަނަ މިނެޓުގައި ކޮލަމްބިއާ ގެ ހުއާން ކުއަޑްރާޑޯ އަށް ވަނީ ރަނގަޅު ފުރުޞަތެއް ލިބި ބޭކާރުވެފައެވެ. އިންގްލެންޑްގެ ޕެނަލްޓީއޭރިޔާ ތެރޭގައި ހުރެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިއަށްވުރެ މާމަތިން ބޭރަށެވެ.
އޭގަފަހުން، މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ކޮލަމްބިއާގެ ކެޕްޓަން ރަޑަމެލް ފަލްކާއޯ އަށް ވެސް ރަނގަޅު ފުރުޞަތެއް ލިބިފައިވާއިރު އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
މިމެޗުގެ އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި ކޮލަމްބިއާ އަށް އެއްވަރުކޮށްދިނީ ޔެރީ މީނާ އެވެ. ކޮލަމްބިއާ ގެ ކުޅުންތެރިއަކު ނެގި ކޯނަރެއްގައި ޕެނަލްޓީ އޭރިޔާތެރޭގައި ހުރެ އޭނާ ބޮލުން ފޮނުވާލި ބޯޅަ ގޮސް އިންގްލެންޑް ގެ ގޯލްގެ ތެރެއަށް ވަނީ ރޮނގުމަތީގައި ހުރި ކިރަން ޓްރިޕިއާގެ ބޮލުގައިވެސް ޖެހިފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައިވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. އިތުރުވަގުތުގެ ދެހާފުގައިވެސް ދެޓީމަށް ލަނޑުޖަހާނެ ފުރުޞަތުތަކެއް ލިބިގެންގޮސްފައިވީނަމަވެސް ލަނޑެއް ކާމިޔާބުކުރެވޭގޮތްވަނީ ނުވެފައެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި އިންގްލެންޑުން ޖެހި ފަސް ޕެނަލްޓީގެތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރީ ހެރީ ކޭން، މާކަސް ރަޝްފޯޑް، ކިރަން ޓްރިޕިއާ ގެ އިތުރުން އެރިކް ޑަޔާ އެވެ. އެޓީމުން ޕެނަލްޓީ ވައްދާނުލެވުނީ ޖޯޑަން ހެންޑަސަން އަށް އެކަނިއެވެ. ކޮލަމްބިޔާގެ ޕެނަލްޓީތަކުގެ ތެރެއިން ފަލްކާއޯ، ކުއަޑްރާޑޯ އަދި މުރިއެލް ޕެނަލްޓީ ކާމިޔާބު ކުރި އިރު ކާލޮސް ބަކާ އާއި އުރިބޭ ޖެހި ޕެނަލްޓީ އިނގިރޭސިވިލާތުގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ދިފާޢުކޮށްފައެވެ.
މިމުބާރާތުގެ ކުއާޓާ ފައިނަލުގައި މިމަހުގެ ހަތްވަނަ ދުވަހު އިނގިރޭސިވިލާތް ނިކުންނާނީ ސްވިޑަން އާއި ދެކޮޅަށެވެ. މިމެޗު ކުޅެވޭނީ ރަޝިޔާގެ ސަމާރާގައެވެ.