ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް މިހާރުގެ ރައީސް އަބްދުﷲ ޔާމީން ކެމްޕެއިން ކުރެއްވި އިރު ރިސޯޓުތަކުގެ މުވައްޒަފުންނަށް ވަަރަށް ޚާއްސަ ވަޢުދެއް ވެވަޑައިގެންނެވިއެވެ. އެ ވަޢުދަކީ ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް އެމީހަކު ވަޒީފާ އަދާކުރާ ރިސޯޓެއްގެ ހިއްސާ ޕީޕީއެމްގެ ސަރުކާރެއްގައި ކޮންމެވެސް މިންވަރަކަށް ވިއްކަން ފަށާނެ ކަމަށް ވެވަޑައިގެންނެވި ވަޢުދެވެ.
ސެޕްޓެމްބަރު، 18، 2013 ގައި ފުވައްމުލަކު ހޯދަނޑު އަވަށުގެ ޒުވާނުންނާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޔާމީން ވިދާޅުވެފައި ވަނީ، "ރިސޯޓުތަކުގެ ހިއްސާ ވިއްކުމުގެ ބޭނުމަކީ ޓޫރިޒަމް ސިނާއަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން" ކަމަށެވެ.
އޭރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ގޮތުގައި ކެމްޕެއިން ކުރައްވަމުން ގެންދެވި މިހާރުގެ ރައީސް ޔާމީން ވިދާޅުވެފައިވަނީ، ރިސޯޓުތަކުގެ ހިއްސާ ވިއްކުމުގެ ސިޔާސަތު ތަންފީޒު ކުރާނީ އެކަމަށް އެއްބަސްވާ ރިސޯޓުތަކުގެ މުއްދަތު އިތުރުކުރުން ކަހަލަ އިނާޔަތްތައް ރިސޯޓުތަކަށް ދޭނެ ކަމަށެވެ.
އަދި އެކަމަށް އެއްބަސްވާ ރިސޯޓުތަކަށް "ދެވެން ހުރި އެންމެ ބޮޑެތި ބެނެފިޓްސް" ދޭން ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ވަނީ އޭރު ވިދާޅުވެފައެވެ.
"އަޅުގަނޑުމެންގެ ބޭނުމަކަށް ވަނީ އެތަންތަނުގައި މަސައްކަތްކުރާ ދިވެހި ޒުވާނުންނަށް އެތަންތަނުން(ރިސޯޓުތަކުން) ލިބޭ ފައިދާގެ ކޮންމެވެސް މިންވަރެއްގައި ބައިވެރިވެވޭނެ ގޮތް ހަދައިދިނުން،" ރިސޯޓުތަކުގެ ހިއްސާ ވިއްކުމާއި ބެހޭގޮތުން 2013 ވަނަ އަހަރު ޔާމީން ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީން އެމަނިކުފާނު އިތުރު ދައުރަކަށް އިންތިޚާބުކޮށްދިނުމަށް ރައްޔިތުންގެ ކިބައިން އެދެމުން ދާއިރު، މިހާތަނަށް "ރިސޯޓު ހިއްސާ ވިއްކަން" ފެށުމުގެ ވަޢުދު ވީތަނެއް އަދި ނޭނގެއެވެ. އެވައުދާއި ބެހޭގޮތުން 2015 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހްމަދް އަދީބު ވަނީ ވާހަކަ ދައްކަވާފައެވެ.
އެގޮތުން އަދީބު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު އެބޭފުޅާ ވަނީ ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ރިސޯޓް މުއައްޒަފުންނަށް ރިސޯޓްތަކުގެ ހިއްސާ ވިއްކުމުގެ މޮޑެލް 2015 ވަނަ އަހަރު ނިމުމުގެ ކުރިން އިއުލާން ކުރާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ފިނިފެންމާ ލޯޗް ހާދިސާއަށް ފަހު އަދީބު ހައްޔަރު ކުރި ހިސާބުން ރިސޯޓް ހިއްސާ ވިއްކުމާއި ބެހޭ އެއްވެސް ވާހަކައެއް ސަރުކާރުން ނުދައްކައެވެ.
2013 ވަނަ އަހަރު ޔާމީން ވިދާޅުވެފައި ވަނީ ރިސޯޓް ހިއްސާ ވިއްކަން ފެށުން ވެގެންދާނީ، "ރިސޯޓުތަކުގައި ތިބި ޒުވާނުންގެ އަދަދު އިތުރުވެ، ޒުވާނުންނަށް ލިބޭ އާމްދަނީން މުއްސަނދިކަން ލިބޭނެ" ކަމަކަށެވެ.
ސުވާލަކީ މި ވާހަކަ އަޑުއަހާފައި އެމަނިކުފާނު ރައީސް ކަމަށް އިންތިޚާބު ކުރި ޒުވާނުންނަށް އެ ހިއްސާ ވިއްކަން ނުފެށި ދައުރު ނިމިދާނެ ހެއްޔެވެ؟ ނުވަތަ ދައުރު ނިމެން ބާކީ މިއޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި ހިއްސާ ވިއްކަން ސަރުކާރުން ފަށާފާނެ ހެއްޔެވެ؟