ފާނަ ބަސަނދު (Chicken pox) އަކީ ވައިރަސް އެއްގެ ސަބަބުން ޖެހޭ ވަރަށް ފަސޭހައިން ގައިންގަޔަށްއަރާ ބައްޔެކެވެ. މިއީ ހުންއައުމާއެކު ގައިން ބިހި ނަގައި ނުވަތަ ފޮޅު ނަގާ ބައްޔެކެވެ. މިއީ އޭގެ ޒާތުގައި ފަރުވާއެއް ނުކުރި ނަމަވެސް ރަގަޅުވާ ބައްޔެކެވެ. އާންމުކޮށް ފާނަ ބަސަނދު ޖެހެނީ އުމުރުން 10-5 އަހަރާއި ދެމެދުގެ ކުދިންނަށެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި އުޅޭކަމަށް ފާހަގަކުރެވިފައިވާ މިބަލި ހޫނު ގައުމުތަކުގައި ފެތުރޭ މިންވަރު އިތުރުކަން ފާހަގަ ކުރެވެއެވެ. ފާނަ ބަސަނދު ޖެހިއްޖެނަމަ އޭގެ ސަބަބުން މުޅިއުމުރަށް އެމީހެއްގެ ހަށިގަނޑުގައި ފާނަ ބަސަނދު އާއި ދެކޮޅަށް ދިފާޢީ ބާރު އުފައްދައެވެ
ފާނަ ބަސަންދުން ރައްކާތެރިވުމަށް ޖަހަންޖެހޭ ވެކްސިން ނުޖަހައި ހުރިނަމަ، އެމީހަކަށް ޙަޔާތުގެ ކޮންމެ ވެސް ދުވަސްވަރެއްގައި ފާނަ ބަސަންދުގެ އުދަގޫތައް ތަހައްމަލުކުރަން ޖެހޭކަމަށް ދިރާސާތަކުން ދައްކަ އެވެ. ބައެއް ގައުމުތަކުގައި މިއީ ކުޑަކުދިންނަށް ޖެހޭ ބައްޔެއްކަމަށް ވިޔަސް އަނެއް ބައި ގައުމުތަކުގައި ޚާއްޞަކޮށް ހޫނު ހިސާބުގައި އޮންނަ ގައުމުތަކުގައި ، ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް އާންމުކޮށް މިބަލިޖެހޭކަން ފާހަގަ ކުރެވިފައި ވެއެވެ.
ފާނަ ބަސަނދުން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިނުވުން، ނުވަތަ ކުރިން ފާނަ ބަސަނދު ޖެހިފައި ނުވުމަކީ އެމީހަކަށް ފާނަ ބަސަނދު ޖެހުމުގެ ފުރުޞަތު އޮންނާނެ ކަމެކެވެ. ހަމަ އެހެން މިފަދަ މީހަކު ފާނަ ބަސަނދު ޖެހިފައިވާ ބަޔަކު ނުވަތަ މީހަކާއެކު އުޅޭނަމަ، އެމީހަށް ވަކިން ފާނަ ބަސަނދު ޖެހުމުގެ ފުރުޞަތު ބޮޑެވެ. އެއް ފަހަރު ފާނަ ބަސަނދު ޖެހިއްޖެނަމަ ދެން ފާނަ ބަސަނދު ޖެހުމަކީ ވަރަށް ދުރު އަދި ނާދިރު ކަމެކެވެ. ފާނަ ބަސަނދު ޖެހޭ ހިސާބުން ފާނަ ބަސަނދުގެ ޖަރާސީމާއި ދެކޮޅަށް ހަށިގަނޑު ހަށިދަމަނަ އާލާވެ، ދިފާޢީބާރު އުފެދިގެން ދެއެވެ. އަދި ތިބާއިމެދު ބެލެވޭނީ ފާނަ ބަސަނދު އިން ހަށިގަނޑު ދިފާޢު ކުރުމުގެ ބާރު ލިބިފައިވާ މީހެއް ކަމުގައެވެ.
ފަސޭހައިން ގައިންގަޔަށްއަރާ މިބަލީގެ ވައިރަހަށް ހުށަހެޅޭ 90 އިންސައްތަ މީހުންގެ ހަށިގަނޑުގައި ވައިރަހުގެ ސަބަބުން ބަލި އާލާކުރުވައެވެ. މާނައަކީ ފާނަ ބަސަނދު ޖެހެއެވެ.
މިބަލި ފެތުރޭ ނުވަތަ ގައިން ގަޔަށް އަރާ ގޮތަށް ބަލާއިރު ފާނަ ބަސަނދު ޖެހިފައިވާ މީހާ ކެއްސައި ކިނބިިހިއެޅުމުގެ ތެރޭގައި، ވައިގެ ތެރެއަށް ވައިރަސްތައް ބޭރުވެގެން ދެއެވެ. އަދި ނޭވާލުމުގެ ޒަރީޢާއިން ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް އެވައިރަސް ވާޞިލްވެއްޖެނަމަ، އެމީހަކަށް ބަލިޖައްސުވަ އެވެ. ފާނަ ބަސަނދު ޖައްސާ ވައިރަސް އާއި އަތް ތަޣައްޔަރުވެފައި ހުއްޓައި، އެއަތް ނުދޮވެ، އަނގަ،ލޯ، އަދި ނޭފަތުގައި ޖައްސައިފިނަމަ ވެސް ފާނަ ބަސަނދު ޖެހިދާނެ އެވެ. މީގެ އިތުރުން ފާނަ ބަސަނދާއި ގުޅިގެން ނަގާފޮޅުތައް ފެޅި އެއިން ބޭރުވާ ދިޔައިގައި، ނުވަތަ ފެޅުމުން އުފެދޭ ފާރުކޮޅުގައި ބީހުމަކީ ވެސް ސަލާމަތުން ހުރި މީހާއަށް ފާނަ ބަސަނދު ޖައްސުވާނެ ކަމެކެވެ.
ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތިކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން ފާނަބަސަނދު ޖައްސާ ވައިރަސް ފުރަތަމަ ފަހަރަށް މީހާގެ ހަށިގަނޑަށް ވަނުމަށް ފަހު އޭގެ އަލާމާތްތައް ފެނުމަށް 16-12 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ. ބައެއް ފަހަރު 21-10 ދުވަހާއި ދެމެދުގެ މުއްދަތެއް ހޭދަވުމަކީ ވެސް ވެދާނެ ގޮތެކެވެ.މިއީ ބައްޔެއްގެޖަރާސީމު ހަށިގަނޑަށް ވަނުމަށްފަހު އެބަލިފެނުމަށް ހޭދަވާ މުއްދަތެވެ. މިމުއްދަތުގެ އެވްރެޖަކީ 14 ދުވަހެވެ. އާއިލާއެއްގެ ތެރޭގައި އެކަކު ރަގަޅުވާއިރު އަނެކެއްގެ ފުށުން ބަލީގެ އަލާމާތްތައް ފެންނަ ސަބަބަކީ މިއީ އެވެ.
ފާނަ ބަސަނދު ޖައްސާ ވައިރަސް އަށް ހުށެހެޅޭތާ ގާތްގަނޑަކަށް 14 ވަރަކަށް ދުވަސް ފަހުން ހުންއައުން، ކަރުތެރެ ފާރުވެ، ހަލާކުވުން،ކެއްސުން، ނޭފަތުން ފެންއައުން، ބޮލުގައި ރިހުން،ގައިގައިރިހުން، މޭނުބައިކުރުން، ހޮނޑުލެވުން، ބޯއެނބުރުން، ވަރުބަލިވުން، އަދި ކާހިތްނުވުން 2-1 ދުވަހުގެ މުއްދަތަކަށް މެދުވެރި ކުރުވައެވެ. ހުންއައުން އާންމު ގޮތެއްގައި ހުންނަނީ 38 ޑިގްރީ ސެލްޒިއަސް ހިސާބުގައެވެ. ކުޑަކުދިންނަށް މިއުދަގޫތައް އާދައިގެ މިންވަރަކަށް ކުރިމަތިވި ނަމަވެސް ޒުވާނުންނާއި ބޮޑެތި މީހުންނަށް މިއުދަނގޫތައް މަތީ ދަރަޖައަކަށް މެދުވެރި ކުރުވައެވެ. ބަލި ފަސޭހަވެ ރަގަޅުވަންދެން ވެސް ބައެއް ފަހަރު މިއުދަގޫތައް ހުރެދާނެ އެވެ.
ފާނަ ބަސަނދަކީ އޭގެ ޒާތުގައި ޖުމުލަކޮށް ބަލާއިރު ނުރައްކާތެރި ބައްޔެއް ނޫނެވެ. ބަލީގެ ނުރައްކާތެރިކަން ކުރިމަތިވާ މިންވަރު އެކިމީހުންނަށް ތަފާތެވެ. ފާނަ ބަސަނދުގެ އުދަނގޫތަކާއި އޭގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް މެދުވެރިވުމުގެ ފުރުޞަތު އިތުރުވާ ފަރާތްތަކުގެ ތެރޭގައި މާބަނޑު މީހުން، 15 އަހަރު ފުރިފައިވާ ކުދިން، ބޮޑެތި މީހުން (18 އަހަރުން މަތީގެ)،ދިފާޢީ ބާރު ދަށްވެފައިވާ މީހުން ހިމެނެއެވެ.
އުމުރުން 5 އަހަރުން ދަށުގެ ކުޑަކުދިންނަށް މިބަލީގައި ދިމާވާ އެންމެ ނުރައްކާތެރި އުދަނގުލަކީ ހަންގަނޑުގައި ބެކްޓީރިއަލް އިންފެކްޝަން އަށަގަތުން ނުވަތަ ހަމުގައި ޖަރާސީމު އެޅުމެވެ. މިކަން ކުރިމަތިވަނީ ހަމުގައި ނަގާ ފޮޅުތައް ކެހުމުގެ ތެރޭގައި ނިޔަފަތީގެ ދަށް، ނުވަތަ ހަންގަނޑުގައި ހުންނަ ބެކްޓީރިޔާ ފަދަ ޖަރާސީމުތައް ފެންފޮޅު ތަކަށް ވާޞިލްވުމުންނެވެ. ބޮޑެތި މީހުންނަށް ދިމާވާ އެންމެ ނުރައްކާތެރި ކަމަކީ ނިއުމޯނިޔާ ޖެހުމެވެ.
ފާނަ ބަސަނދު ޖެހިފައި ހުންނަކަން ވަރަށް ފަސޭހައިން ދެނެގަނެވެއެވެ. ފާނަ ބަސަނދު ޖެހިފައިވާކަން ދެނެގަންނަނީ ބަލިމީހާގެ ފުށުން އަހައި އޮޅުންފިލުވައިގެން ލިބޭ މަޢުލޫމާތު ތަކުންނާއި، އަދި ހަށިގަނޑު ބަލައި ހަދާއިރު ފެންނަ ފެނުންނަތަކަށް ރިޢާޔަތްކޮށެވެ. ބައްޔާއި ގުޅިގެން ހަށިގަނޑުގައި ނަގާ ބިއްސާއި ފޮޅުތަކުން ފާނަ ބަސަނދު ވަރަށް ފަސޭހައިން ދެނެގެވޭނެ އެވެ. އެހެންކަމުން ޓެސްޓް ކުރުމަކާއި ނުލައި ހަށިގަނޑުން ފެންނަ މިފަދަ އަލާމާތްތަކުގެ ސަބަބުން ފާނަ ބަސަނދު ކަން ޔަގީންކަމާއެކު ބުނެދޭން އެނގެއެވެ.
ފާނަ ބަސަނދަށް ދެވޭ ފަރުވާ ބިނާވެފައި އޮންނަނީ މީހާގެ ޢުމުރާއި، ޞިއްޙަތާއި، ބަލީގެ ނުރައްކާތެރިކަން ހުރި މިންވަރެއްގެ މައްޗަށެވެ. އެހެންކަމުން އެކި އުމުރުގެ މީހުންނަށް ފަރުވާ ދެވޭގޮތް ތަފާތުވުމަކީ ވެދާނެ ގޮތެކެވެ. ބައެއް މީހުން ހޮސްޕިޓަލްގައި އެދުމަތިކޮށްގެން ވެސް ފަރުވާ ދޭންޖެހުމަކީ ގާތް ކަމެކެވެ. ފާނަ ބަސަނދު ޖެހުމަށްފަހު، މުޅި ފަސޭހަކޮށްލެވޭނެ ބޭހެއް ނުހުރެއެވެ. ނަމަވެސް ބަލީގެ ކުރީކޮޅު (ފުރަތަމަ 48 ގަޑިއިރުގެ ތެރޭގައި) ބޭނުންކުރުމުން ބަލީގެ އުދަގޫ ކުޑަކޮށްދޭ ބޭސް ހުރެއެވެ.
ފާނަ ބަސަނދު ޖެހުމަކީ ގިނަ ފަހަރު ގޭގައި ވެސް އެކަމަށް ފަރުވާ ކުރެވިދާނެ ކަމެކެވެ. ފާނަ ބަސަނދުއާއި ގުޅިގެން ހަމުގައި ނަގާ ބިހިތަކާއި ފޮޅުތަކުގައި ވަރަށް ބޮޑަށް ކަހައި ހިރުވާނެ އެވެ. މިކަންކަން ލުއިކުރުމަށްޓަކައި ގޭގައި ވަރަށް ގިނަ ކަންތައްތައް އަމިއްލައަށް ވެސް ކުރެވިދާނެ އެވެ.
– ފިނިފެނުން ފޮޅުތައް ބޮޑިތާންކުރުމަކީ ކެލަމިން ލޯޝަން އުގުޅުމުން ލިބޭފަދަ ލުއިކަމެއް ލިބޭނެ ކަމެކެވެ. ޑައިފެންހައިޑްރަމިން(ބެނަޑްރައިލް) އެކުލެވޭ ކެލަމިން ލޯޝަން ބޭނުންކުރުން އެދެވިގެނެއް ނުވެއެވެ.
– ކޮންމެ 4-3 ގަޑިއިރުން 1 ފަހަރު ފިނިފެނުން ފެންވަރުވާށެވެ. ފެނަށް ބޭކިން ސޮޑާ އަޅައިގެން ފެންވެރުވުމުން ހަމުގައި ހުންނަ ކެހުމާއި ހިރުވުމަށް ލުއިކަން ލިބޭނެ އެވެ.
– ތުއްތު ދަރިފުޅުގެ ނިޔަފަތި ކުރުކޮށް ކަނޑާފައި ބެހެއްޓުން: މިކަމުގެ ސަބަބުން އެކުއްޖާ އަމިއްލައަށް ފޮޅުތައް ތުއްވުން، ހަމުގައި ކަހައި ހިރުވުން ފަދަ ކަންތައްތައް ހުއްޓުވޭނެ އެވެ. އަދި ކަހައި ހިރުވުން ކުޑަކުރުމަށް ދަރިފުޅުގެ އަތަށް އަންގިއެއް ލެއްވިދާނެ އެވެ.
– ސެޓްރިޒިން އަދި ބެނަޑްރައިލް ފަދަ ބޭހެއް ދިނުމުން ހަމުގައި ހުންނަ ހިރުވުމާއި ކެހުމަށް ލުއިކަން ލިބޭނެއެވެ.
– ހުން އަންނަނަމަ ގޭގައި ޕެނަޑޯލް ނުވަތަ ބުރޫފަން ފަދަ ބޭހެއް ދެވިދާނެ އެވެ. އެސްޕިރިން ފަދަ ބޭސްތައް ކުޑަކުދިންނަށް ދިނުން އެދެވިގެނެއް ނުވެއެވެ.
– ބައެއް ފަހަރު ފާނަ ބަސަނދު ޖެހުމުން އަނގައިގައި ފޮޅު ނަގައިފާނެ އެވެ. އަދި އެކަމުގެ ސަބަބުން ކެއިންބުއިމަށް އުދަގޫވެދާނެ އެވެ. ނަމަވެސް ވީވަރަކުން ދިޔާތަކެތި ބުއިމަކީ މުހިއްމު ކަމެކެވެ. އެއީ ހަށިގަނޑުން ފެންހުސްވިޔަ ނުދިނުމަށްޓަކައެވެ. އަދި ފަސޭހައިން ކެވޭ ހަފަން ނުޖެހޭ ސާދާ ފިނި ތަކެތި ދެވިދާނެ އެވެ. އެގޮތުން އައިސްކްރީމް، މިލްކް ޝޭކް، އަދި ހިމުންކޮށް މުގުރާފައި ހުންނަ ކާނާ ދެވިދާނެ އެވެ. ކުޅި، ހޫނު އަދި ހުތް ތަކެތި ދިނުން ރަގަޅެއް ނޫނެވެ.
ހުންއަންނަނަމަ ޕެނަޑޯލް، ލިޔެދޭނެ އެވެ. ބުރޫފަން އަދި އެސްޕިރިން ފަދަ ބޭސްތައް ދިނުން ރަގަޅެއް ނޫނެވެ. ގައިކަހައި ހިރުވާނަމަ އެކަން ކުޑަކުރުމަށް ބޭސް ދޭނެ އެވެ. މީގެ އިތުރުން ހަންގަނޑުގައި ހިރުވައި ކަހާނަމަ، ކެލަމިން ލޯޝަން ބޭނުން ކުރެވިދާނެ އެވެ.
ފާނަ ބަސަނދުން ރައްކާތެރިކޮށްދޭ ވެކްސިން(Chickenpox vaccine) އެއް އުފައްދާފައި ވެއެވެ. މިވެކްސިން ތަޢާރަފްކޮށް ފުރަތަމަ ފަހަރަށް ބޭނުންކޮށްފައިވަނީ 1990 ވަނަ އަހަރުގެ ތެރޭގައެވެ. މިއީ އުމުރުން އެއް އަހަރުންގެ މަތީ ކުދިންނާއި މީހުންނަށް ދެވިދާނެ ވެކްސިނެކެވެ. މިވެކްސިން ދެނީ 2 ޑޯޒެއްގެ މަތީންނެވެ. ދެވަނަ ޑޯޒް ދެވެނީ ފުރަތަމަ ޑޯޒް ދިނުމަށްފަހު ގާތްގަނޑަކަށް 6 ހަފްތާ ފަހުން ނުވަތަ 8-4 ހަފްތާގެ މުއްދަތެއް ހޭދަވުމަށްފަހު ގައެވެ. މިވެކްސިން ދިވެހިރާއްޖޭގެ ގައުމީ ވެކްސިން ޕްރޮގްރާމް ގައި އަދި ހިމަނާފައެއް ނުވެއެވެ.
ފާނަ ބަސަނދުން ރައްކާތެރިވެ ހުރުމަށް އެޅޭނެ އަނެއް ފިޔަވަޅަކީ ފާނަ ބަސަނދު ޖެހިފައިވާ މީހުންނާއި ގައިގޯޅިނުވެ، ބަލައިގެން އުޅުމެވެ. ޚާއްޞަކޮށް ތިމާއަކީ ދިފާޢީ ބާރު ދަށްކޮށްލާ ފަދަ ޙާލަތެއްގައިވާ މީހެއް ނަމަ މިކަމަށް ސަމާލުވާން ޖެހޭނެ އެވެ. އެހެންކަމުން ފާނަ ބަސަނދު މީހަކަށް ޖެހިއްޖެނަމަ އެމީހަކު އެހެން މީހުންނާއި ވަކިން ގެންގުޅުމަކީ ބަލި އެހެން މީހުންގެ ގަޔަށް ފެތުރި ވާޞިލްވެގެން ދިއުމަށް އެޅޭ ހުރަހަކަށް ވާނެ އެވެ.