ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދުވާލެއްގެ މައްޗަށް 52 ވަޒީފާ އުފައްދާ ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އައިބީ މިހެން ވިދާޅުވީ، ސަރުކާރުން 94 ހާސް ވަޒީފާ އުފައްދާފައިވާ ކަމަށް ދައްކާ ވާހަކަތަކަކީ ދޮގެއް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވުމު އެކަމަށް ރައްދު ދެއްވައެވެ.
ނިޒާރުގެ އިތުރުން ރޭގެ ޕްރޮގްރާމްގައި ބައިވެރިވި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވެސް ވަނީ ސަރުކާރުން ވަޒީފާ އުފެއްދި ކަމަށް ބުނާ އަދަދުތަކީ އޮޅުވާލުމެއް ކަމަށް ވިދާޅުވެފައެވެ.
ރޮޒެއިނާ އާއި ނިޒާރުގެ ވާހަކަތައް ދޮގުކުރައްވައި އައިބީ ވިދާޅުވީ، އެއީ "ރޯ ބުހުތާން ދޮގު" ކަމަށެވެ.
އައިބީ ވިދާޅުވި ގޮތުގައި 5 އަހަރުގެ ދައުރުގައި ޖުމްލަ 1825 ދުވަސް ކަމަށާއި އެ ދުވަސްތަކަށް 95 ހާސް ވަޒީފާ ބަހާލުމުން ދުވާލަކަށް 52 ވަޒީފާ ޖެހޭ ކަމަށެވެ. "95 ހާސް ވަޒީފާ އުފައްދަން މިއުޅެނީ، 365 ދުވަސް އަހަރަކު މިއުޅެނީ. 5 އަހަރަށް ބަލާއިރު އެއީ 1825 ދުވަސް…1825 ވެފައި 95 ހާސް ބަހާލާއިރު އެއީ ދުވާލަކަށް 52 ވަޒީފާ" އައިބީ ވިދާޅުވިއެވެ.
"ރާއްޖޭގައި އެބައޮތް 187 ރަށާއި 120 ރިސޯޓް. ކުންފުނިތައް ނުލައި. އެހެން ބަލާއިރު ކޮންމެ 6 ދުވަހަކުން އެއީ ރާއްޖޭގައި އެއް ވަޒީފާ. ކޮންމެ ހަ ދުވަހަކުން އެއް ވަޒީފާ އުފެއްދިޔަސް އެބަޖެހޭ 95 ހާސް ވަޒީފާ" އައިބީ
ވިދާޅުވިއެވެ.
އައިބީ އެބޭފުޅާގެ ހިސާބުތައް ހާމަކުރެއްވުމަށް ފަހު އިތުރަށް ތަފްސީލްކޮށްދެއްވަމުން ވިދާޅުވެފައި ވަނީ ރާއްޖޭގެ ކޮންމެ ރަށަކުން ކޮންމެ 6 ދުވަހަކު 1 ވަޒީފާ އުފެދޭ ކަމަށެވެ.