ނިޒްނީނޮވްގޮރޮޑް، ރަޝިޔާ: ވޯލްޑްކަޕް 2018 ގެ ކުއާޓާފައިނަލްގެ ފުރަތަމަ މެޗުގައި އުރުގުއޭ ބަލިކޮށް ފްރާންސް ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. މިމެޗުން ފްރާންސް މޮޅުވީ 2-0 އިން ނެވެ.
މިރޭގެ މިމެޗަށް ނިކުތްއިރު މިދެޓީމު އޮތް ފޯމަށް ބަލާއިރު މިމުބާރާތުގައި ފްރާންސް މިހާތަނަށް ކުޅުނު ހަތަރު މެޗުގެތެރެއިން ތިން މެޗުން މޮޅުވެ އެއްމެޗުން އެއްވަރުވެފައިވާއިރު، އުރުގުއޭ ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައެވެ.
މީގެއިތުރުން މިދެޓީމު މިހާތަނަށް ބައްދަލުކުރި މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ބުރަވެވެނީ އުރުގުއޭ ކޮޅަށެވެ. މިދެޓީމު މިހާތަނަށް ތިން ފަހަރު ބައްދަލުކޮށްފައިވާއިރު އުރުގުއޭ އަތުން ފްރާންސް އަށް މޮޅެއް ހޯދިފައިނުވާއިރު ދެމެޗުން އެއްވަރުވެ އަނެއް މެޗުން އުރުގުއޭ މޮޅުވެފައިވެއެވެ. ހުރިހާ ފަހަރެއްގައި ވެސް ކުޅުނީ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގަ އެވެ. އެ ގޮތުން 2002 އާއި 2010 ގެ މުބާރާތުގައި ކުޅެގެން ދެޓީމު އެއްވަރުވިއިރު 1966 ވަނަ އަހަރު ކުޅުނު މެޗުން އުރުގުއޭ މޮޅުވީ 1-0 އިންނެވެ.
އެހެންނަމަވެސް އުރުގުއޭ އަށް ލިބިފައިއޮތް އެންމެބޮޑު ނުތަނަވަސްކަމަކީ އެޓީމު އެންމެފަހުން ކުޅުނުމެޗުގައި ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް އަތުން މޮޅުވިއިރު ދެ ލަނޑު ކާމިޔާބުކުރި އެޑިންސަން ކަވާނީ އަށް އަނިޔާގެ ސަބަބުން ނުކުޅެވުމެވެ. އެ މެޗުގެ ފަހު ވަގުތު ކުޑަކަޅުވާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާވަނީ ބަދަލުކޮށްފަ އެވެ. މިމެޗުގެ ފުރަތަމައެގާރައިގައި އޭނާގެ ބަދަލުގައި ހިމަނާފައިވަނީ އެމެޗުގައިވެސް ދެވަނަހާފުގައި ކުޅެން ނިކުތް ކްރިސްޓިއަން ސްޓުއާނީ އެވެ.
މިމެޗަށް ނިކުތް ފްރާންސް ގެ ފުރަތަމަ އެގާރައަށް ބަލާއިރު ދެރީނދޫކާޑު ހަމަވުމުގެ ސަބަބުން ބްލައިޒް މަޓުއިޑީ އަށް ނުކުޅެވޭއިރު އޭނާގެ ބަދަލުގައި ކޮރެންޓިން ޓޮލީސޯ ހިމަނާފައިވާއިރު ދެންތިބީ އެޓީމު އެންމެ ފަހުން އާޖެންޓީނާ އާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިންނެވެ.
ނިޒްނީނޮވްގޮރޮޑް ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުގެ ފުރަތަމަހާފުގެ ބޮޑުބައި ފްރާންސް އިން ޑޮމިނޭޓްކޮށް ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތައް ފޮނުވާލާފައިވަނީ އުރުގުއޭ އިންނެވެ.
މިމެޗުގައި ފްރާންސް ގެ ކިލިއަން އެމްބާޕޭ އަށް ވަނީ މެޗުގެ 15 ވަނަ މިނެޓުގައި ގޯލްޖަހާނެ ރަނގަޅު ފުރުޞަތެއް ލިބި ބޭކާރުވެފައެވެ. އޮލިވިއޭ ޖިރޫ ބޮލުން ޖައްސާލި ބޯޅަ ޕެނަލްޓީއޭރިޔާތެރޭގައި ހުރި އެމްބާޕޭ ބޮލުން ފޮނުވާލުމުން ދިޔައީ ގޯލަށް އަމާޒުނުވެ ހުރަސްދަނޑިމަތިން ބޭރަށެވެ.
އެހެންނަމަވެސް މިހާފުގައި ފެނުނު ހަމައެކަނި ގޯލް ފުރަތަމަހާފުގެ 40 ވަނަ މިނެޓުގައި ފްރާންސް އިން ކާމިޔާބުކޮށްފައިވާއިރު އެޓީމަށް ލަނޑުޖަހައިދިނީ ރަފައެލް ވަރާން އެވެ. މިއީ ފްރާންސް ގެ ކޮރެންޓިން ޓޮލީސޯ އަށް އުރުގުއޭ ގެ ޕެނަލްޓީއޭރިޔާގެ އަރިމަތިން އެޓީމުގެ ރޮޑްރިގޯ ބެންޓަންކޫރް ކުރި ފައުލަކަށް ރެފްރީ ދިން ހިލޭޖެހުން ފްރާންސް ގެ އެންޓޮއިން ގްރީޒްމަން ފޮނުވާލުމުން ރަފައެލް ވަރާން ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
ފްރާންސް ގެ ލަނޑަށްފަހު ފުރަތަމަހާފުގެ ފުރިހަމަ ވަގުތު ހަމަަވާން މިނެޓަކަށްވެފައިވަނިކޮށް އުރުގުއޭ ގެ ޑިފެންޑަރު މާޓިން ކަސެރެސް އަށް ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނުުމަށް ވަރަށް ރަނގަޅު ފުރުޞަތެއް ލިބިފައެވެ. ހާފުގެ މެދާހަމައިން އެޓީމުގެ ލޫކަސް ޓޮރެއިރާ ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ޕެނަލްޓީއޭރިޔާތެރޭގައި ހުރި ކަސެރެސް ބޮލުން ފޮނުވާލުމުން ފްރާންސް ގެ ގޯލްކީޕަރު ހޫގޯ ލޮރިސް މަތަކުރުމުން ދެވަނަފަހަރަށް އެބޯޅަ ޑިއޭގޯ ގޯޑިން ފޮނުވާލުމުން ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
މީގެއިތުރުން އުރުގުއޭ ގެ މަޓިއަސް ވެސީނޯ އާއި ނަހިތަން ނަންޑޭޒް އަށް ވަނީ ލަނޑުޖަހާނެ ފުރުޞަތުތަކެއް ލިބިގެންގޮސްފައެވެ. މިހުރިހާ ހަމަލާއެއްގެ ހުރަހަކަށްވީ ފްރާންސް ގެ ކެޕްޓަން އަދި ގޯލްކީޕަރު ލޮރިސް އެވެ.
މިމެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 އިން ފްރާންސް ކުރީގަ އޮވެގެންނެވެ.
މިމެޗުގައި ފްރާންސް އިން ކާމިޔާބުކުރި ދެވަނަލަނޑު މެޗުގެ 61 ވަނަ މިނެޓުގައި ޖަހައިދިނީ ގްރީޒްމަން އެވެ. އުރުގުއޭގެ ޕެނަލްޓީއޭރިޔާގެ ބޭރުގައި ހުރެ ގްރީޒްމަން ފޮނުވާލި ބޯޅަ ގޮސް ގޯލްގެތެރެއަށް ވަނީ އުރުގުއޭގެ ގޯލްކީޕަރު ފެނާންޑޯ މުސްލޭރާ ގެ އަތުގައިޖެހިފައެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ދެވަނަހާފުގައި ކުޅެން ނިކުތް ކްރިސްޓިއަން ރޮޑްރިގޭޒް ވަނީ އުރުގުއޭ އަށް ގޯލެއް ކާމިޔާބުކުރުމާއި ގާތަށް ޖެހިލާފައެވެ. ފްރާންސް ގެ ޕެނަލްޓީއޭރިޔާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
އޭގެފަހުން ފްރާންސް ގެ ޓޮލީސޯ އަށާއި ގްރީޒްމަން އަށް ވަނީ އެޓީމުގެ ލީޑް ފުޅާ ކުރުމަށް ފުރުޞަތުތަކެއް ލިބި ބޭކާރުވެފައެވެ.
މިމެޗުން މޮޅުވެ ފްރާންސް ވަނީ ވޯލްޑްކަޕް ގެ ސެމީފައިނަލަށް ދަތުރުކުރި ފުރަތަމަ ޓީމަށް ވެފައެވެ. މިއީ ވޯލްޑްކަޕްގެ ތާރީޚުގައި އެޓީމު ސެމީ އަށް ދިޔަ ހަވަނަ ފަހަރެވެ.
ފްރާންސް ސެމީގައި ނިކުންނާނީ މިރޭ ބެލްޖިއަމް އާއި ބްރެޒިލް ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ.