Last Updated: November 25, 09:28
Monday, November 25, 2024

(އެޕްރީލް 30، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

"އެއީ ސާހިލްއެއްނު." ވިއާމާ ޖަވާބު ދިނެވެ.

"އެހެންތަ…ވިއާމާ ނައިސްގެން ފޫހިވެގެން މި ގުޅީ. މިއަދު އަހަރެން ބޭބެމެން އޮފީސް ކުދިންނާ އެކު ދަތުރު ވެސް ދިޔައިން. ވަރަށް މަޖާ. ފާޑެއްގެ އަދީލުއެއް މަގޭ ފަހަތުން އަޅައިގެން ނެއްޓެން ނޭނގިގެން އުޅެން ޖެހުނީ." ސާރާ މަޖާވެފައި ވިއާމާ އަށް އަދީލުގެ ވާހަކަ ކިޔައި ދިނެވެ.

ދެ އެކުވެރިންގެ ވާހަކައަށް ފަހު ސާރާ ފޯނު ބޭއްވި އެވެ. އެކަމަކު ވެސް އޭނާ އަށް ސާހިލްގެ އަޑު ހަނދާން ނައްތާނުލެވުނެވެ.
ޖެހިގެން އައި ދުވަހު ވިއާމާ މާލެ އަ އެވެ. އޭނާ ސާރާ އަށް ހަދިޔާއެއް ވެސް ދިނެވެ.

"ވިއާމާ…މީ ކޯޗެއް؟" ސާރާ އެ އެތި އަތްމަތީ ފުށްފުށަށް ފުރޮޅާލާފަ ބަލާލި އެވެ.

"މިއީ ކެސެޓެެއް. ނިކަން ތީތި ޖަހާލަބަލަ. އަޖައުބުން ފުރިގެންވާ ހިތްހަމަޖެހޭ އަޑެއް އިވޭނެ."

ސާރާ ކޮޓަރި އަށް ގޮސް އެ ކެސެޓް ޖަހާލި އެވެ. އެ ކެސެޓުން އެ ވަގުތު ގުގުމައިގެން ދިޔައީ އޭނާ އަށް ކުރީ ދުވަހު އިވުނު ޖާދުވީ އަޑެވެ. އޭނާ އަށް ތާ އަބަދު އެ ޙިޔާލަކަށް ގެއްލިފައިވާ އަޑެވެ. އޭނާ ސާހިލް ނުދެކެ އެވެ. އެކަމަކު އޭނާ އަށް ވަނީ ސާހިލްގެ އަޑު ދެކެ ލޯބިވެވިފަ އެވެ. އެތައް އިރެއް ވަންދެން ސާހިލްގެ ލަވަ ސާރާ ޖެހިއެވެ. ފޫހިކަމެއް ނެތި އެވެ.

"މަލް…ކޮބާ ރީތި ދޯ…މަބުނީމެއް ނުނ. އޭނާގެ އަޑު އިންތިހާ އަށް ރީތި ވާނޭ." ވިއާމާ ސާރާ ގެ ކޮޓަރި ތެރެއަށް ވަންނަމުން ބުނެލި އެވެ.

"ތި ބުނީ ތެދެެއް. މި އަޑުގައި ޖާދޫއެއްވޭ…ރިހުމެއްވޭ. އަސަރެއް ވެސް ވޭ. އަޑު އަހާލާ ކޮންމެ ހިތަކަށް ހިތްހަމަޖެހުން ލިބިދޭނެ."
ސާރާ ހުވަފެނީ ރާގަކަށް މި ބުނެލި ބަހުން ކުޑަ ހުއްޓުމެއް އަ އެވެ. އަދި ސާރާގެ މޫނަށް ވަރަށް ފުންކޮށް ވިއާމާ ބަލާލިއެވެ. އަދި މަޑުމަޑުން ބޭރަށް ނިކުމެގެން ބަގީޗާ ތެރެއަށް ދިޔަ އެވެ.

ނާހިދާ އާއު މުރާދު ސައިކަލް ދުއްވާލަން ކޮންމެ ރެއަކު ދެ އެވެ. މި ރެއަކީ ވެސް މި ދެލޯބިވެރިންގެ އުފާވެރި ރޭތަކުގެ ތެރެއިން ރެއެކެވެ.
ނާހިދާ ބޭނުން ވަނީ ރޭސް ޖަހާށެވެ. އެހެން މީހުންނަށް ވުރެ ބާރަށެވެ. ދެ މީހުން މަޖާވެފައި ސައިކަލް ދުއްވި އެވެ. ކުއްލިއަކަށް ކުރިމަތިން ގޯޅިއަޅާލި ކާރެއްގައި މުރާދު ދުއްވަން އިން ސައިކަލް ޖެހުނެވެ. އަދި މުރާދު އާއި ނާހިދާ ވިއްސައިގެން ގޮސް ކުރިމަތިން އައި ސައިކަލްތަކުގައ ޖެހި ދެ ސައިކަލް ވެއްޓުނެވެ.
އެހާމެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގީއެވެ. އެންމެ ގެއްލުންވީ ނާހިދާ އަށެވެ. މުރާދު ގޮސް ޖެހުނީ ފިހާރަ ބަރިއެއްގެ ތެރޭގައި ކަމުން ވެއްޓުނު ސައިކަލް ތަކުން މުރާދު ސަލާމަތްވި އެވެ. އެހެނަސް ނާހިދާ ވަރަށް ހާލު ބޮޑުވި އެވެ. ދެ މީހުން ވެސް ހޮސްޕިޓަލަށް ގެންދެވުނެވެ.
ޑޮކްޓަރުންގެ މިންނެތް މަސައްކަތުން ވެސް ނާހިދާ ސަލާމަތެއް ނުކުރެވުނެވެ. ދެމިއޮތުމުގެ އާލަމަށް ނާހިދާ ދަތުރު ކުރީ އެވެ. މުރާދު އައިސީޔޫގައި ވަރަށް ސީރިޔަސް ހާލަތެއްގައި އޮތެވެ.

ނަސީބު ގޭތެރެ އަނެއްކާ ވެސް ހީވަނީ ހިތާމައިގެ ދާނެއް ހެންނެވެ. ލޮލުން ކަރުނަ ނުފައިބާ އެކަކު ވެސް އެ ގޭތެރެއަކު ނެތެވެ. ހުސްނާ އާއި ކަރީމުގެ ހާލު ވަކިން ބޮޑެވެ.
ގާތްގަނޑަކަށް ދެ ގަޑި އިރު ފަހުން މުރާދު ހޭ އެރި އެވެ. މުރާދު ނާހިދާ އަށް ގޮވަން ފެށި އެވެ. އަދި ހަޅޭއްލަވައި އަޑު ގަދަ ކުރި އެވެ. ޑޮކްޓަރުން އެ ވަގުތު ނިދާ އިންޖެކްޝަނެއް ޖަހައު މުރާދު ނިންދަވާލި އެވެ. މިހާރު މުރާދުގެ ހާލު އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ.

ނާހިދާގެ މަރުގެ ޒިންމާ ނާހިދާގެ މައިންބަފައިން އޭޅުވީ މުރާދުގެ ބޮލުގަ އެވެ. ނާހިދާގެ މަންމަ ރުޅިގަދަވެފައި ހޮސްޕިޓަލްތެރޭ އަޑު ގަދަ ކުރި އެވެ.
އިސާހިތަކު ހޮސްޕިޓަލުގެ މެނޭޖްމަންޓް މުވައްޒަފުން އައިސް ނާހިދާ މަންމަ ހަމައަކަށް އަޅުވާ ނަސޭހަތް ދީ އެތަނުން އެއް ފަރާތަކަށް ގެންދިޔަ އެވެ.
ހުސްނާ އާއި ސާރާ އައިސީޔޫ ކައިރީ އިށީނދެ ތިއްބެވެ. ތަންކޮޅެއް ދުރުގައި ކޮޅަށް ފާރުގައި އަތް އަޅުވާލައިގެން ބޭރު ބަލަހައްޓައިގެން ކަރީމު ހުއްޓެވެ.

އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ މުރާދު ކުޑަ އިރު މޫދަށް ގެއްލުނު ދުވަހުގެ ހަނދާނެވެ. އެ ވަގުތު ސާރާ މަންމަ އަށް އިޝާރާތުން ބައްޕަ ދައްކާލި އެވެ. ހުސްނާ މަޑުމަޑުން ހިނގާލާފައި ގޮސް ކަރީމު ގެ ބުރަކަށީގައި އަތް ޖައްސާލި އެވެ. ކަރީމު އެނބުރިލާފައި ހުސްނާ އަށް ބަލާލި އެވެ. އަދި ހުސްނާ ކަރީމުގެ މޭގައި ބޯ އަޅާލައިގެން ރޯން ފެށި އެވެ.

"ހުސްނާ… ނުރޮއި… ތްވަރު ކުރޭ. ހުސްނާ ރުއީމާ އަހަރެންގެ ހިތްވަރު ވެސް އެލޭނެ." ކަރީމު ހުސްނާގެ ބޮލުގައި ފިރުމާލަމުން ނަސީހަތް ދިނެވެ.
ކިތަންމެ ނަސީހަތް ލައި ދިނަސް ކަރީމުގެ ލޮލުން ވެސް ހޯސްލާފައި ކަރުނަ ފައިބަމުން ދިޔަ އެވެ. އެކަމަކު އާންމު ގޮތެއްގައި ފިރިހެނުންނަކީ ހިތްވަރުގަދަ ބައެއް ކަމުން ކަރީމު ހިތްވަރު ކުރެވޭތޯ މަސައްކަތް ކުރި އެވެ.

ޑޮކްޓަރ ޔޫސުފް އައިސީޔޫ ތެރެއިން ނިކުންނެވި އެވެ. އަދި ހުސްނމެންނަށް ބަލާލި އެވެ.

"ޑޮކްޓަރު…އަޅުގަނޑުގެ ދަރިފުޅު ރަނގަޅުޗވާނެ ދޮގެއްތޯ؟" ހުސްނާ ޑޮކްޓަރާ ކައިރިވެލާފައި ޑޮކްޓަރުގެ ކޯޓްގައި ދެ އަތުން ހިފައިގަންނަމުން ރޮމުން ބުނެލި އެވެ. އެވަގުތު ކަރީމު ހުސްނާ ޑޮކްޓަރާ ދުރަށް ލިއެވެ. ހުސްނާ އެނބުރިލާފައި އަނެއްކާ ވެސް ކަރީމުގެ ގައިގައި އޮޅުލައިގަތެވެ.

"ހުސްނާ…މުރާދު މިހާރު އޮތީ ނުރައްކަލުން ބޭރުގައި. ނިންދަވާފަ…ގަޑިއެއްހާއިރު ތެރޭ އޭނާ ހޭ އަރާނެ…އެކަމަކު ނާހިދާގެ މަރުގެ ޙަބަރު އިހަށް އޭނާ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅެންދެން ނުބުނާތި. ފަހަރެއްގަ އެ ޙަބަރުގެ ސަބަބުން އޭނާގެ ކޮންޑިޝަން ސަކަރާތްވުން އެކަށީގެންވޭ." ޑޮކްޓަރު މިހެން ބުނުއްވާފައި އަނެއްކާ ވެސް އައިސީޔޫ ތެރެއަށް ވެންނެވިއެވެ.

މުރާދު ކޮޓަރިއަށް ބަދަލު ކުރެވިއްޖެ އެވެ. ނަރުހުންގެ އެދުމުގެ މަތިން މުރާދު އޮތް ކޮޓަރީގައި މާ ގިނަ މީހުން ނެތި ހުސްނާ އާއި ސާރާ އަދި ފަޒުނާ އާއި ވިއާމާ އާ ތިބެފައި އެހެން އެންމެން ދިޔައީ އެވެ.

ފަޒުނާ އަށް ޙަބަރު ލިބޭ އިރަށް ފަޒުނާ އާއި އެ ގޭ އެހެން ކުދިން އެތަނަށް އަ އެވެ. އަދި ހުސްނާއަށާއި ސާރާ އަށް ހިތްވަރު ދިނެވެ. ހުސްނާ އެ ކުދިންނަށް ޝުކުރު އަދާ ކުރި އެވެ.

ކުއްލިޔަށް މުރާދު ކުޑަކޮށް އަޑުލައްވަން ފެށި އެވެ.

"ނާހީ…ނާހީ…" މުރާދު ފިސްވެފައިވާ އަޑަކުން ނާހިދާ އަށް ގޮވަމުން ދިޔަ އެވެ.

"ދަރިފުޅާ…ދަރިފުޅާ…" ހުސްނާއަކަށް އިތުރު އެއްޗެކޭ ނުބުނެވުނެވެ. ފަޒުނާ އަވަހަށް ގޮސް ނަރުސް ކުއްޖާއަށް އެންގި އެވެ. ނަރުސް އަވަހަށް އައިސް މުރާދު ޗެކްކުރި އެވެ.

(ނުނިމޭ)