ސަމާރާ، ރަޝިޔާ: ވޯލްޑްކަޕް 2018ގެ ކުއާޓާފައިނަލްގައި ސްވިޑަން ބަލިކޮށް އިންގްލެންޑް ސެމީން ޖާގަ ހޯދައިފިއެވެ. މިމެޗުން އިނގިރޭސީން މޮޅުވީ 2-0 އިންނެވެ.
މިއީ ވޭތުވެދިޔަ 28 އަހަރުގެތެރޭގައި ވޯލްޑްކަޕްގެ ސެމީ ފައިނަލަށް އިނގިރޭސީން ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެންމެފަހުން އެޓީމު ސެމީފައިނަލްގައި ކުޅުނީ 1990 ވަނަ އަހަރު އިޓަލީގައި އޮތް މުބާރާތުގައެވެ. އެފަހަރު އެމުބާރާތުގެ ސެމީ ފައިނަލްގައި ވެސްޓް ޖާމަނީ އަތުން ބަލިވެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
މީގެކުރިން ވޯލްޑްކަޕުގައި ސްވިޑަން އާއި އިންގްލެންޑް ދެފަހަރެއްގައި ބައްދަލުކޮށްފައިވާއިރު ގްރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުންވެސް ދެޓީމު ވަނީ އެއްވަރުވެފައެވެ. އެ ދެފަހަރުވެސް އިންގްލެންޑް ގެ ކޯޗެއްގެ ގޮތުގައި ހުރީ ސްވިޑަން ގެ ސްވެން ގޯރާން އެރިކްސަން އެވެ.
އިންގްލެންޑްގެ ކޯޗް ގަރެތު ސައުތުގޭޓް މިމެޗަށް ނެރުނީ އެޓީމު އެންމެފަހުން ދެވަނަބުރުގައި ކޮލަމްބިއާ އާއި ދެކޮޅަށްް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިންނެވެ.
ސްވިޑަން އިން މިމެޗަށް ނިކުތީ އެޓީމު އެންމެފަހުން ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ދެެ ކުޅުންތެރިން ކަމަށްވާ މިކާއިލް ލުސްޓިގް އާއި ގުސްޓަވް ސްވެންސަން ގެ ބަދަލުގައި އެމީލް ކްރާފްތު އާއި ސެބާސްޓިއަން ލާސަން ހިމަނައިގެންނެވެ. ސްވިޑަން ގެ މިކާއިލް ލުސްޓިގް ވަނީ އެޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ދެއްކި ރީނދޫކާޑުގެ ސަބަބުން މިމެޗަށް ސަސްޕެންޑް ކުރެވިފައެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި ފެނުނު ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 30 ވަނަ މިނެޓުގައި އިންގްލެންޑުގެ ޑިފެންޑަރު ހެރީ މެގުއަޔާ އެވެ. މިއީ އެޓީމުގެ އޭޝްލީ ޔަންގް ނަގައިދިން ކޯނަރަކުން ޕެނަލްޓީއޭރިޔާތެރޭގައި ހުރެ ބޮލުން ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދީފައިވާ ގޯލެކެވެ. މިއީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ޤައުމީޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.
މީގެއިތުރުން ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އިންގްލެންޑް ގެ ރަހީމް ސްޓާލިންގ އަށް ވަނީ އެޓީމުގެ ލީޑް ފުޅާ ކުރުމަށް ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އިންގްލެންޑް ގެ ޖޯޑަން ހެންޑަސަން އެޓީމުގެ ހާފު ތެރޭގައި ހުރެ ދިން ރީތި ބޯޅައެއް ސްޓާލިންގ އަށް ލިބުމުން ސްވިޑަން ގެ ޕެނަލްޓީއޭރިޔާތެރޭގައި ހުރެ އޭނާ ފޮނުވާލުމުން ސްވިޑަން ގެ ގޯލްކީޕަރު ރޮބިން އޯލްސެން އަތުގައި ޖެހިފައި ނިކުތުމުން ސްޓާލިންގ ދެވަނަފަހަރަށް ފޮނުވާލުމުގެކުރީން އެންޑްރެއަސް ގްރޭންކްވިސްޓް ވަނީ ކޯނަރަކަށް ބޭރުކޮށްލާފައެވެ.
މިމެޗުގެ ފުރަތަމަ ހާފު ގައި ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އިންގްލެންޑުން ފޮނުވާލާފައިވާއިރު ސްވިޑަން ގެ ފަރާތުން އިންގްލެންޑް ގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއްނުވެއެވެ. މިހާފު ނިމުނީ 1-0 އިން އިނގިރޭސީން ކުރީގަ އޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން މާގިނައިރުނުވަނީސް ސްވިޑަން އަށް ވަނީ ނަތީޖާ ހަމަހަމަކޮށްދިނުމަށް ރަނގަޅު ފުރުޞަތެއް ލިބިފައެވެ. އެޓީމުގެ ލުޑްވިގް އޮގަސްޓިންސަން ނަގައިދިން ހުރަހަކުން މާކަސް ބާގް ބޮލުން ފޮނުވާލި ބޯޅަ އިންގްލެންޑް ގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފައެވެ.
ސްވިޑަން އަށް ލިބުނު ފުރުޞަތުގެ ބޭނުންނުހިފުމުގެ ފައިދާނަގައި، މެޗުގެ 59 ވަނަ މިނެޓުގައި އިންގްލެންޑުން ވަނީ ލީޑް ފުޅާކޮށްފައެވެ. މިއީ ޖެސޭ ލިންގާޑް ނަގައިދިން ބޯޅައަކުން ޕެނަލްޓީއޭރިޔާތެރޭގައި ހުހަށްހުރެ ބޮލުން ފޮނުވާލައިގެން ޑެލެ އަލީ ކާމިޔާބުކޮށްދިން ގޯލެކެވެ.
މެޗުގެ 62 ވަނަ މިނެޓުގައި ސްވިޑަން ގެ ކްލާސަން އަށް ވަނީ ލަނޑުޖަހާނެ ވަރަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. މާކަސް ބާގް އާއި ގުޅިގެން އުފެއްދި މިހަމަލާ ކްލާސަން ފޮނުވާލުމުން އިންގްލެންޑް ގެ ކީޕަރު ޖޯޑަން ޕިކްފޯޑް ގެ އަތުގައި ޖެހިފައި ނިކުތުމުން ދެވަނަ ފަހަރަށް އޭނާ ފޮނުވާލުމުގެ ކުރީން އިންގްލެންޑް ގެ ޑިފެންޑަރުން ވަނީ ސަލާމަތްކޮށްފައެވެ.
އޭގެފަހުން ސްވިޑަން އަށް ލަނޑުޖަހައިދިނުމަށް މާކަސް ބާގް އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ އިންގްލެންޑް ގެ ކީޕަރު ޕިކްފޯޑް ވަނީ ކޯނަރަކަށް ބޭރުކޮށްލާފައެވެ.
މީގެއިތުރުން ވެސް ސްވިޑަންގެ ފަރާތުން މިހާފުގައި އިންގްލެންޑް ގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ގިނަ ހަމަލާތައް ދިފާއުކުރުމުގައި ޕިކްފޯޑް ވަނީ ސާބިތުކަމާއިއެކު ސަލާމަތްކޮށްފައެވެ.
މިމެޗުން މޮޅުވި އިންގްލެންޑް ސެމީގައި ވާދަކުރަންޖެހޭނީ މިރޭ ރަޝިޔާ އާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ. މިމެޗު ކުޅެވޭނީ މިމަހުގެ 11 ވަނަ ދުވަހު މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމްގައެވެ. އެމެޗު ފަށާނީ މާލޭގަޑިން ރޭގަނޑު 11 ޖަހާއިރު އެވެ.