އަންނަ ބުދަ ދުވަހު ކަޒަކަސްތާނުގައި ފަށާ އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ) ގެ މި އަހަރުގެ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި ރާއްޖެ ތަމްސީލު ކުރާ މަރަދޫ އަބްދުﷲ ޒިޔާއު (ޒިޔާ) މިއަދު ފުރައިފި އެވެ.
އެ ގައުމަށް ދާން ދުބާއީ މަގުން އޭނާ ފުރި އިރު، މިދިޔަ ހަފުތާގައި މާލެ ގޮސް ޕީއެސްއެމާ އެކު ބަނީ ފެސްޓިވަލަށް ދިއުމުގެ ކުރިން ވާން ޖެހޭ ތައްޔާރީތަައްވެފަ އެވެ.
ޓީވީއެމުން 2015 ގައި ގެނެސް ދިން މޯލްޑިވިއަން އައިޑޮލްގައި ވެސް ވާދަ ކުރި ޒިޔާ ފެސްޓިވަލްގައި ރާއްޖެ ތަމްސީލު ކުރަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމްއާ އެކުގަ އެވެ. އޭނާއާ އެކު ޕީއެސްއެމްގެ އޮފިޝަލުންތަކެއް ވެސް ފުރި އެވެ.
ޒިޔާ ބުނި ގޮތުގައި އޭބީޔޫހެ މި އަހަރުގެ ރޭޑިއޯ ސޯންގް ފެސްޓިވަލުން އޭނާ އަށް ފުރުސަތު ލިބުނީ އެކަމަށް ހުޅުވައިލުމުން އޭނާ ފޮނުވު ލަވަ ހޮވިގެންނެވެ. ޒިޔާ ފެސްޓިވަލަށް ހުށަހެޅީ ލޯފަން ކުދިންނަށް ހާއްސަކޮށް ހަދާފައިވާ ލަވަ "ކުރިއަށް ދާނީ ގަދަ ހިތްވަރުން" އެވެ.
ރާއްޖެއާ އެކު މި ފަހަރުގެ ފެސްޓިވަލްގައި ނުވަ ގައުމަކުން ވާދަ ކުރެ އެވެ. އޭގެ ތެރޭގައި ފެސްޓިވަލް ބާއްވާ ކަޒަކަސްތާން، އިންޑިއާ، އަފްގާނިސްތާން، މަކާއޯ، ނޭޕާލް، ތުރުކީ، ތުރުކެމެނިސްތާން އަދި ވިއެޓްނާމް ހިމެނެ އެވެ.
އޭބީޔޫގެ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި އޮންނާނީ ބުދަ ދުވަހު ކަޒަކަސްތާންގެ އަސްޓާނާގަ އެވެ. ފެސްޓިވަލްގައި ޒިޔާ އޭނާގެ ލަވަ ހުށަހަޅައި ދޭނެ އެވެ.