ބާސެލޯނާ އަދި ރޯމާގެ ކުރީގެ ކޯޗް ލުއިސް އެންރީކޭ ސްޕެއިނުގެ ކޯޗަކަށް ހަމަޖައްސައިފިއެވެ.
ކުރިން ރެއާލް މެޑްރިޑް އަދި ބާސެލޯނާ އަށް ކުޅެފައިވާ އެންރީކޭ ސްޕެއިނުގެ ކޯޗުކަމާއި ހަވާލުވީ ދެއަހަރު ދުވަހުގެ އެއްބަސްވުމެއްދަށުންނެވެ.
އުމުރުން 48 އަހަރުގެ އެންރީކޭ ސްޕެއިނުގެ ކޯޗުގެ މަޤާމަށް ހަމަޖެއްސީ މިފަހަރުގެ ވޯލްޑްކަޕުގައި އެޓީމާއި ވަގުތީގޮތުން ހަވާލުވެހުރި ފެނާންޑޯ ހިއޭރޯ މިދިޔަ އާދީއްތަ ދުވަހު އިސްތިއުފާ ދިނުުމުންނެވެ.
ކުރިން ސްޕޯޓިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރި ހިއޭރޯ އާއި ކޯޗުގެ މަޤާމް ހަވާލުކުރީ ވޯލްޑްކަޕްގައި އެޓީމު ކުޅުމަށް ހަމަޖެހިފައިއޮތް ފުރަތަމަ މެޗު ފެށެން 48 ގަޑިއިރަށްވެފައިވަނިކޮށް އޭރުގެ ކޯޗު ޖޫލެން ލޮޕެޓެގީ މަޤާމުން ދުރުކުރުމަށްފަހުގައެވެ.
ލޮޕެޓެގީ ވަކި ކުރަން ސްޕެއިން ފެޑެރޭޝަނުން ނިންމީ ވޯލްޑްކަޕް ނިމުުމުން ރެއާލް މެޑްރިޑް ގެ ކޯޗުކަމާއި ހަވާލުވުމަށް އެކުލަބާއި އެކު އެއްބަސްވުން ހެދީ ފެޑެރޭޝަނަށް އެންގުމަކާ ނުލައި ކަމަށް ބުނެ އެވެ.
އޭގެފަހުން ހިއޭރޯ އެޓީމުގެ ކޯޗުކަމުގެ މަޤާމާއި ހަވާލުވެ ވޯލްޑްކަޕްގައި ނެރުނު ދަށް ނަތީޖާގެ ސަބަބުން އިސްތިއުފާދިނުމުން ކޯޗުގެ މަޤާމް އޮތީ ހުސްވެފައެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގައި ބާސެލޯނާގެ ކޯޗުކަމުން އިސްތިއުފާދިނުމަށްފަހު މިހާތަނަށް އެންރީކޭ ހުރީ ކޯޗިންގެ ދާއިރާއާ ދުރުގައެވެ.
ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ލުއިސް ރުބިއަލްސް މީޑިޔާއާ ވާހަކަ ދައްކަމުން ބުނީ މިއީ އެންމެން އެއްބަސްވެގެން ނިންމި ނިންމުމެއް ކަމަށާއި ކޯޗުކޮށްދިނުމަށް ބޮޑު މުސާރައާއި އެކު ލިބުނު ގިނަ ހުށަހެޅުންތަކަށް ފުރަގަސްދިނުމަށްފަހު އެގޮތަށް ދެމިހުރުމުން އެންރީކޭ އަށް ތައުރީފް ޙައްޤު ކަމަށެވެ.
"އެއީ އަހަރެމެންގެ ފެޑެރޭޝަނުން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ކޯޗެއް" ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ލުއިސް ރުބިއަލްސް ބުންޏެވެ.
ކުރިން ރެއާލް މެޑްރިޑް އަދި ބާސެލޯނާގެ އިތުރުން ސްޕެއިނުގެ ޤައުމީޓީމަށްވެސް ކުޅެފައިވާ އެންރީކޭ ވަނީ ކޯޗިންގ ކެރިއަރުގައި ބާސެލޯނާ އާއި އެކު 2015 ވަނަ އަަހަރު ގެ ލަލީގާ އަދި ސްޕެނިޝްކަޕްގެ އިތުރުން ޗެމްޕިއަންސްލީގު ކާމިޔާބުކޮށްފައެވެ.
ލުއިސް އެންރީކޭ ގެ އިރުޝާދުގެ ދަށުން ސްޕެއިންގެ ޤައުމީޓީމު ކުޅޭ ފުރަތަމަ މެޗުގައި ނިކުންނާނީ އަންނަ ސެޕްޓެންބަރު މަހު ފަށާ ޔޫއެފާ ނޭޝަންސް ލީގުގައި ރަށުން ބޭރުގައި އިނގިރޭސިވިލާތާއި ދެކޮޅަށެވެ.
އެންރީކޭ ސްޕެއިނުގެ ކޯޗަކަށް ހަމަޖެއްސިކަން ހޯމަ ދުވަހު އިޢުލާންކުރިއިރު އެޤައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މިހާރު ހުސްވެފައިވާ ސްޕޯޓިންގ ޑިރެކްޓަރުގެ މަޤާމަށް ސްޕެއިނުގެ ކުރީގެ ގޯލްކީޕަރެއް ކަމުގައިވާ ހޯސޭ ފްރާންސިސްކޯ މޮލީނާ ވެސް ހަމަޖައްސާފައެވެ.