Last Updated: November 25, 13:27
Monday, November 25, 2024
ޚަބަރު

"އީޔޫން ފިޔަވަޅު އަޅަނީ ބޮޑެތި ވަގުންނާ މެދު"

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ފަރާތުން ފިޔަވަޅު އަޅަން އުޅެނީ ދިވެހިރާއްޖެ އާއި ދެކޮޅަށް ނޫން ކަމަށް އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ޗެއާ އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

އަލީ ނަޒީރު މިހެން ވިދާޅުވީ، އީޔޫ އިން މި މަހުގެ މެދު ތެރޭގައި ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ލިބިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވަނިކޮށެވެ.

ދިއްގަރުގައި މިއަދު ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި ގޮތުގައި އީޔޫ އިން ފިޔަވަޅު އަޅަން އުޅެނީ ދިވެހިރާއްޖެ އާއި ދެކޮޅަށެވެ.

ރައީސް ޔާމީންގެ ވާހަކަތަކަށް ރައްދު ދެއްވައި އަލީ ނިޒީރު ވިދާޅުވެފައި ވަނީ، "މިހާ ހިސާބަށް ކަންތައް ދިޔައީމާ ޔާމީން ކިތަންމެ ވަރަކަށް ރައްޔިތުންނަށް އޮޅުވާލަން އުޅުއްވިޔަސް އެކަމެއް ނުވާނެ" ކަމަށެވެ.

އަލީ ނަޒީރު ވިދާޅުވި ގޮތުގައި އީޔޫއިން ފިޔަވަޅު އަޅަން އުޅެނީ މުޅި ރާއްޖެއަކަށް ނޫން ކަމަށެވެ. އެހެން ނަމަވެސް އެ ޖަމާޢަތުން ފިޔަވަޅު އަޅަން އުޅެނީ ދިވެހި ރައްޔިތުންގެ މާލިއްޔަތު "ރޮލާ ކައިފައި ހުސްކުރާ ބޮޑެތި ވަގުންނާއި" މެދުގައި ކަމަށެވެ.