Last Updated: November 25, 14:49
Monday, November 25, 2024
ޚަބަރު

އެޗްއާރްއެޗުން އަދިވެސް އެކްސްރޭ ނެގޭކަށް ނެތް!

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ން އެކްސްރޭ ނެގޭނެ ގޮތެއް ނެތިގެން ރައްޔިތުންގެ ޝަކުވާ އިތުރުވެއްޖެ އެވެ.

ހިތަދޫ ހޮސްޕިޓަލުން އެކްސްރޭގެ ޚިދުމަތް ނުލިބެނީ އެކްސްރޭ މެޝިނަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެފައިވާތީއެވެ. އެ މައްސަލަތައް ހައްލު ކުރުމަށް އެޗްއާރްއެޗުން މަސައްކަތް ކުރަމުން ގެންދާތާ މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

ހިތަދޫ ހޮސްޕިޓަލުން އެކްސްރޭ ނުނެގޭތީ، އެ ހޮސްޕިޓަލަށް ދައްކާ ބަލިމީހުން އެކްސްރޭ ނަގަން ޖެހިއްޖެ ނަމަ މިހާރު ދަނީ، ފޭދޫގައި އަމިއްލަ ފަރާތަކުން ހިންގާ އެއިމްސް ކްލިނިކަށެވެ.

ހިތަދޫން ފޭދޫއަށް ޓެކްސީއެއްގައި ދާ ނަމަ، 300 ރުފިޔާ ޚަރަދު ކުރަން ޖެހޭއިރު، އެ ކްލިނިކުން އެކްސްރޭ އެއް ނެގުމަށް ގާތްގަނޑަކަށް 60 ރުފިޔާގެ ފީއެއް ނަގައެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓް ހިނގުމަކީ ވަރަށް އާއްމު ކަމެކަށް ވާއިރު ހޮސްޕިޓަލުން އެކްސްރޭ ނެގެން ނެތުމަކީ އެފަދަ އެކްސިޑެންޓްތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް ފަރުވާ ދިނުމަށް ކުރިމަތިވާނެ ބޮޑު ހުރަހެކެވެ.

މިހާރު ވެސް އެކްސިޑެންޓްތަކުގައި ބޮލަށް އަނިޔާ ލިބޭ މީހުންގެ ސީޓީ ސްކޭން ހެދޭނެ އިންތިޒާމެއް ހިތަދޫ ހޮސްޕިޓަލުގައި ނެތުމުން ފޮނުވަން ޖެހެނީ މާލެއަށެވެ.