ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވަނީ ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބަރޓް މުގާބޭ ގޮތަށް މޮޓޯ ކޭޑްގައި ދަތުރުކުރައްވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
'ރާއްޖެ ޓީވީ'ގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ އެބޭފުޅާ ޒިމްބާބްވޭގެ ވެރިރަށް ހަރާރޭ އަށް ކުރެއްވި ދަތުރުފުޅެއްގެ ތަޖުރިބާ ހިއްސާ ކުރައްވާފައެވެ.
މައުމޫނުގެ ސަރުކާރުގައި ޚާރިޖީ ވަޒީރަކަށް ހުންނެވި ޝާހިދު ވިދާޅުވި ގޮތުގައި، ހަރާރޭގައި ހުންނެވި އިރު 150 އެއްހާ ކާރާއި އެކު ދަތުރު ކުރެއްވަމުން ގެންދެވި މުގާބޭގެ މޮޓޯ ކޯޑް ފެނިވަޑައިގެންނެވި ކަމަށެވެ.
"މުގާބޭ ދަތުރުކުރެއްވި މޮޓޯރކޭޑް އަޅުގަނޑު ދުށިން. 150 ކާރު އެއްފަހަރާ ދޭ. ހަމަ ވިދާ ބަބުޅަމުން ދަތުރުކުރަމުން ދިޔަ. އެކަމަކު މަގުގެ އަނެއް ފަރާތުގައި ތިބި މީހުން ހަމަ ބަނޑަށް ޖެހިފައި ތިބީ" ހަރާރޭ އިން ފެނިވަޑައިގެންނެވި ކަންތައް ހިއްސާކުރައްވަމުން ޝާހިދު ވިދާޅުވިއެވެ.
ރައީސް ޔާމީނާއި މުޤާބޭ އާއި ދެމެދު އެއްގޮތް ކަންތަކެއް ހުރިކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވި ގޮތުގައި، މުގާބޭ ވެސް ހުންނެވީ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ފިޔަވަޅު އެޅި ނަމަވެސް ގޮތް ދޫނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އެހެން ހުންނެވީ ކުރު މުއްދަތެއްގައި ކަމަށެވެ.