ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ޕީޕީއެމުން ވައުދުވީ އައްޑޫ ސިޓީގައި "ބިން ހިއްކައިގެން" ނަމަވެސް 5000 އެނދު ތަރައްޤީ ކުރުމަށެވެ. އެކަން ފުރިހަމަ ނުވެ ދައުރު ދެބައިވާން އުޅެނިކޮށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އެ އަދަދުން 2000 އެނދު މަދު ކުރެއްވުމަށް ފަހު 3000 އެނދު ތަރައްޤީ ކުރުމަށް އަމާޒު ހިއްޕަވާފައިވާ ކަން ހާމަކުރެއްވިއެވެ. ރައީސް ޔާމީންގެ ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު އެ ވިދާޅުވި 3000 އެނދު ވެސް އިތުރު ކުރެވޭނެ ކަމުގެ ޔަޤީންކަމެއް ނެތެވެ.
މިކަން މިހެން އޮތް ނަމަވެސް ޕީޕީއެމް އަށް ތާއީދު ކުރާ ފަރާތްތަކާއި ވަކިން ޚާއްސަ ގޮތެއްގައި އެ ޕާޓީގެ "އަތްޖަހާ އޮޅީގެ" ކުދިން ބާރަށް އަތް ޖަހަނީއެވެ. އެމީހުންގެ ބަހުރުވައިން ނަމަ އައްޑޫގައި ފަތުރުވެރިކަން ވެސް "ޔަޤީން" ވެއްޖެއެވެ. ސަރުކާރު ދެމެހެއްޓުމަކީ ވަޒީފާގައި ތިބުމަށް މަޖުބޫރުވެފައިވާ ފަރާތްތަކުން މިފަދަ ގޮތަކަށް ގަބޫލުކޮށްގެން ތިއްބަސް ހަގީގަތް އޮޅުވައެއް ނުލެވޭނެއެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ސަރުކާރުން ފެށި ޕްރޮޖެކްޓަކުން އައްޑޫގައި ފަތުރުވެރިކަމުގެ އެންމެ އެނދެއް ވެސް އިތުރެއް ނުވެއެވެ. އިތުރުވީ ކަރުދާހުގައި ސަރުކާރުން ޖަހާ އަދަދުތަކާއި ފަތުރުވެރިކަމާއި ގުޅޭގޮތުން އައްޑޫގައި އިފްތިތާޙްކުރި މަޝްރޫޢުތަކެވެ.
މޮޅެތި ޕްލޭންތަކާއި ކުރެހުންތަކާއި އެކު 2017 ވަނަ އަހަރު އައްޑޫ ރައްޔިތުންގެ ލޯތަކަށް ދައްކާލި ގެސްޓް ހައުސް މަޝްރޫޢު އަކީ 18 މަސް ދުވަހުން އެއްކޮށް ނިންމާނެ ކަމަށް ބުނި މަޝްރޫއެކެވެ. އެ މަޝްރޫޢު އިއުލާންކުރި ފަހުން 14 މަސް ދުވަސް ވީއިރު ވެސް އަދި މަޝްރޫޢު އޮތީ ކަރުދާހުގައެވެ. ވާނުވާއެއް ރައްޔިތުންނަކަށް ނޭނގެއެވެ.
އިންތިޚާބަށް 2 މަސް ދުވަހަށް ވެފައިވާއިރު ޕީޕީއެމްގެ އިސްވެރިން އަނެއްކާ ވެސް އައްޑޫ އަށް ވޯޓު ހޯދުމަށް ވަޑައިގަންނަވާނެއެވެ. އައްޑޫގައި ފަތުރުވެރިކަމުގެ އެނދުތައް ޤާއިމްކުރުމާއި ބެހޭގޮތުން އެބޭފުޅުން ވިދާޅުވާނީ އެއްޗެއް އަންދާޒާ ކޮށްލުމަކީ ދަތިކަމެކެވެ. ފަހަރެއްގައި އަނެއްކާވެސް ބިޔަ މަޝްރޫޢެއް ތަޢާރަފްކޮށްފާނެއެވެ. ނުވަތަ "މައުނަވީ ގޮތުން އައްޑޫގައި ފަތުރުވެރިކަމުގެ އެނދުތައް އިތުރުކޮށްފިން" ކަމަށް ވެސް ބުނެފާނެއެވެ.