Last Updated: November 25, 12:52
Monday, November 25, 2024
ޚަބަރު

އަނިޔާ ލިބޭ މަޔަކު ދަރިންގެ ރައްކަލަށް އާދޭސް ކުރަނީ!

ހުޅުދޫ ބޮޑު މަގު.

އައްޑޫ ހުޅުދު އަށް ނިސްބަތްވާ އަންހެނަކު އޭނާގެ ކުރީގެ ފިރިމީހާގެ ފަރާތުން ލިބެމުންދާ އަނިޔާތަކުން ސަލާމަތްކޮށް ދިނުމަށް އާއްމު ރައްޔިތުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ސޯޝަލް މީޑިޔާގައި އާއްމު ރައްޔިތުންގެ އެހީތެރި ކަމަށް އަންހެން މީހާ އެދިފައި ވަނީ އޭނާއަށް އެއްވެސް މުއައްސަސާއަކުން އެހީތެރިކަމެއް ލިބިފައި ނުވާތީއެވެ.

އަންހެން މީހާ ފޭސްބުކްގައި ބުނެފައިވާ ގޮތުގައި އޭނާގެ ތިން އަންހެން ކުދިންނަށް އެ ކުދިންގެ ބައްޕަގެ ފަރާތުން އަނިޔާ ލިބެމުންދާތާ ފަސް އަހަރުވެފައިވާ ކަމަށެވެ. އަދި މީގެ ކުރިން އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށާއި ކޮންމެ ފަހަރަކު "ހެކި ނެތުމުން" މައްސަލަ ކުރިއަށް ނުދާ ކަމަށެވެ.

ފޭސްބުކްގައި އަންހެން މީހާ ކުރި ޕޯސްޓެއްގައި ވަނީ، އޭނާގެ ކުރީގެ ފިރިމީހާ ހުތުރުބަހުން ވާހަކަ ދައްކާ މަންޒަރު ފެންނަ ވީޑިއޯ އެއްވެސް ޝެއާރ ކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ފިރިހެން މީހާ އަވަގުރާނަ ގޮވަމުން ދާއިރު އެ އަންހެން މީހާ އާއި އެކު ކުޑަ އަންހެން ކުއްޖަކު ހުރެއެވެ.

"އަޅުގަނޑުގެ 3 ކުދިންނަށް އަނިޔާ ލިބެމުންދާތާ 5 އަހަރު ވަނީ. ކުދިންނަށް ގުޅާ ހުތުރުބަހުން އެކުދިންނާ ވާހަކަ ދެއްކުމަށް ކުދިންނަށް އެބަސްތައް ކިޔާށޭ ބުނެ ތަކުރާރުކޮށް ދަސްކޮށްދެނީ އަދި އެކުދިން ދިރިއުޅޭ ކޮންމެ ގެއަކަށް އައިސް ކުދިންގެ އެއްޗިއްސަށް އަނިޔާކުރަމުން ރޯ ކުރާނެ ކަމަށް އިންޒާރު ދީހަދާ"

ފޭސްބުކްގައި ކުރި ޕޯސްޓްގައި އަންހެން މީހާ ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި، ދަރިން ތިއްބައި ހުތުރު ބަހުން ވާހަކަ ދެއްކުމުގެ އިތުރަށް ދަރިން ދިރިއުޅޭ ތަންތަނަށް ފިރިހެން މީހާ ދަނީ ގެއްލުން ވެސް ދެމުންނެވެ.

އަދި ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ އަންހެން މީހާ ޕޯސްޓްކުރި ބައެއް ފޮޓޯތަކުން އޭނާގެ ދަރިންގެ އަންނައުނުތައް ފިރިހެން މީހާ ފޭރިގަނެގެން ދާ މަންޒަރު ވެސް ފެނެއެވެ.


ހުޅުދޫ އަންހެނަކު އޭނާގެ ކުރީގެ ފިރިމީހާގެ ކިބައިން ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވާ ފުރައްސާރައިން ދަރިންނާއި އޭނާ ރައްކާތެރިކޮށްދިނުމަށް މިފަދަ ގޮތަކަށް އާއްމު ރައްޔިތުންގެ ކިބައިން އެހީއަށް އެދުނު އިރު އައްޑޫގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ އޮފީހެއް ވެސް ހުރެއެވެ. ހިތަދޫގައި ހުންނަ އެ އޮފީހުން މި މައްސަލަ އާއި ބެހޭގޮތުން އެތަނުން އަދި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

އަދި އަންހެން މީހާއަށް ގެވެށި އަނިޔާކުރަމުން ގެންދާ ފިރިހެން މީހާ އެ އަމަލު ހިންގަމުންދާތާ ދުވަސްތަކެއް ވެފައިވާއިރު އޭނާ އާއި މެދު ހުޅުދޫ ޕޮލިސް ސްޓޭޝަނުން ވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަންހެން މީހާގެ އާއިލާގެ މީހަކު ބުނި ގޮތުގައި ހުޅުދޫ ޕޮލިހުން "އެ މައްސަލަ ނުބަލަނީ އަންހެން މީހާގެ ފަރާތުން ރަސްމީކޮށް މައްސަލަ ހުށަނާޅާ ކަމަށް" ބުނެއެވެ.

ފުލުހުންގެ ގާނޫނުގައިވާ ގޮތުން ފުލުހުންގެ މަސްއޫލިއްޔަތުގެ ތެރޭގައި މުޖުތަމައުގެ އާންމު މަސްލަހަތާއި އަމަންއާންމު ދެމެހެއްޓުމާއި ފަރުދުންގެ ފުރާނައާއި މުދަލާއި ގޯތިގެދޮރު ރައްކާތެރިކޮށް ހިމާޔަތްކުރުމުގައި އެހީތެރިވުމާއި ޖިނާއީ ކުށުގެ އަމަލުތައް ހުއްޓުވައި އެއަމަލުތަކާ ދެކޮޅަށް ހަރަކާތްތެރިވުމާއި، ޖިނާއީ ކުށުގެ އަމަލުތައް ހޯދައި ދެނެގަނެ ތަހުގީގުކުރުން ހިމެނެ އެވެ. އެހެން ކަމުން އަންހެން މީހާ މައްސަލަ ހުށަނޭޅި ނަމަވެސް އެކަން ހުއްޓުވުމަކީ ފުލުހުންގެ ޒިންމާއެކެވެ.

ފަހުގެ ތާރީޚުގައި ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތަކުގައި އަންހެނުންނަށް ބޮޑެތި އަނިޔާތައް ލިބިފައިވާއިރު، އާއިލާތައް ރޫޅުމުގެ ސަބަބުން ކުޑަކުދިންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާ ލިބޭ ކަމުގެ ރިޕޯޓްތައް ވަނީ އިތުރުވެފައެވެ.