Last Updated: November 25, 09:17
Monday, November 25, 2024

(މެއި 1، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

އަދި މުރާދަށް ގޮވަން ފެށި އެވެ. މުރާދު މަޑު ގިސްލުމަކާ އެކު ލޯ ހުޅުވި އެވެ. އަދި ވަށައިގެން ހޯދާލި އެވެ.

"މަންމާ…ނާހީ ކޮބާ؟"

ހުސްނާ ހުރީ މި ސުވާލު އައިސް ދާނެ ކަމަށްޓަކައި ވަރަށް ހާސްވެފަ އެވެ.

"ޖެހިގެން ހުރި ކޮޓަރީގަ ނިދިފަ އެބަ އޮތް. މުރާދު އަވަހަށް ރަނގަޅުވޭ." ހުސްނާ އަށް އަދި ޖަވާބު ނުދެވިގެން އުޅެނިކޮށް ނަރުސް ކުއްޖާ ޖަވާބު ދިނެވެ.

ހުސްނާ ހަމަޖެހުމުގެ ނޭވާއެއް ލި އެވެ. ދަރިފުޅު ކައިރީ ދޮގު ހަދަން ނުޖެހުނު ކަމަށްޓަކައި ޝުކުރު ކުރި އެވެ. އެ ވާހަކަ ބުނަން އޭނާ އަށް ޖެހުނު ނަމަ ފަހަރުގައި އޭނަ އަށް އެކަންތަށް ނުވީސް ކަންނޭނގެ އެވެ.

އެ ހަފްތާގައި ވީއާމާ ގުރާދޫއަކަށް ނުދެ އެވެ. ބުރާސްފަތި ދުވަސް ވެސް އޭނާ ހޭދަ ކުރީ ސާރާ އާ އެކު މާލޭގަ އެވެ. ސާރާގެ ހިތާމައިގައި ބައިވެރިވުމުގެ ބޭނުމުގަ އެވެ.

"ވަރަށް އުފާވެއްޖެ މި ހަފްތާ ވިއާމާ ރަށަށް ނުދިޔައީތީ." ސާރާ ވިއާމާގެ ގައިގައި ބައްދާލަމުން ބުނެލި އެވެ.

"އެކުވެރިކަމަކީ އެހެން އޮންނަ ކަމެއް ނޫން. މަލް ވެސް އަހަރެންނަށް ނުލާހިކު ރަނގަޅު. ވީ އިރު މަ ލްއަށް ކަމެއް ދިމާވީމާ މަ ވެސް ހުންނާ ނަމެއްނުނ."

އާއިލާގެ މީހުންނާއި އެކުވެރިންގެ އެއްބާރުލުމުގެ ސަބަބުން މުރާދު ކޮންމެވެސް ވަރަކަށް ރަނގަޅުވި އެވެ. އަދި ގެއަށް ބަދަލު ކުރި އެވެ.
މުރާދު ގެ އަށް އައުމަށް ފަހު ވަރަށް އެކަނިވެރި ދިރިއުޅުމެއް އުޅެން ފެށި އެވެ. މިކަމާ ހުސްނާ ފިކުރު ބޮޑުވެ ކަރީމު ކަައިިރީ އެތައް ޝަކުވާއެއް ދުވާލަކަށް ކުރެ އެވެ. ތަފާތު އެތައް ގޮތަކަށް މުރާދު ގޭތެރޭ ކަންތަކުގައި ބައިވެރި ކުރެވޭތޯ ކަރީމު އުޅުނެވެ. އެހެނަސް ކަންތައްވީ ބޭކާރެވެ.
ކޮޓަރިތެ ރެއިން ބޭރަށް ނިކުތުމަކީ މުރާދު އެންމެ ކުރާ ހިތް ނުވާ ކަމަކަށް އޮންނަނީ ވެފަ އެވެ. އަދި ގިނަ ފަހަރަށް އޭނާގެ ކޮޓަރި އަށް މީހުން ވަނުމަކީ ވެސް އޭނާ އެދޭ ކަމެއް ނޫނެވެ. ހަމަ އެކަނި އޭނާ ވާހަކަ ދައްކައި އުޅެނީ ސާރާ އާ އެވެ. އެ ވެސް ކޮންމެހެން ބުނަން ބޭނުންވާ ވާހަކަތައް އެކަންޏެވެ. އެކަމަކު ވަރަށް ގިނަ ފަހަރު ނާހިދާ ބެހޭ ގޮތުން އޭނާ ސުވާލު ކުރި އެވެ. އާދިލްގެ ފަރާތުން އޭނާ އަށް އެނގުނީ ބޭސް ފަރުވާއަކަށް ނާހިދާ ބޭރު ޤައުމަކަށް ދިޔައީ ކަމަށެވެ.

ސާހިލް އަށްް މި ހަފްތާގައި ވިއާމާ ގެއަށް ނައަންނަކަން އެނގުނީ ވިއާމާގެ މައިންބަފައިން ބުނީމަ އެވެ.

"ސާހިލް ދަރިފުޅާ…މި ހަފްތާގަ ވިއާމާ ރަށަކަށް ނާދޭ. އޭނާ މިހާރު އުޅޭ ގޭގައި ދިމާވި ކަމަކާ ހެދި މަޑު ކުރަން ޖެހުނީ." ވިއާމާގެ މަންމަ ސާހިލް ކައިރީ ބުނެލި އެވެ.

ސާހިލް ހިމޭނުން ހުއްޓެވެ. އަސްލު މިފަ ހަރު ވިއާމާ ގެއަށް ކޮންމެހެން ގެންނަން ސާހިލް ބޭނުމެވެ. ސަބަބަކީ ކުރީ ދުވަހު އޭނާ އަށް އެއިވުނު އަޑުގެ ވެރިޔާގެ ވާހަކަ އަޑު އަހާލާާ ހިތް އޮތްލެއް ބޮޑުކަމުންނެވެ. އެ އަޑަކީ އޭނާ އަށް ވަރަށް ފަރިތަ އަޑެކޭ ވެސް އޭނާ އަށް ހީވި އެވެ. އެހެނަސް އެއީ ކާކު ބާވަ އެވެ؟

ސާހިލް ވިސްނުމެއްގެ ކަނޑަކަށް ފީނައިގެން އިނެވެ. ރޭގަނޑުގެ އެތަށް ދަމެއް ފާއިތުވެ ދިޔަހެނެއް ވެސް އޭނާއަށް ހީނުވާ ކަހަލަ އެވެ.

"ދަރިފުޅު މިރޭ ނުވެސް ކާ ރެއެއްތަ؟" ހުސްނާ މުރާދުގެ ކޮޓަރީ ދޮރު ހުޅުވާލަމުން އަހާލި އެވެ.
އެ ވަގުތު މުރާދު ރައްޓެހި އަދީލު ވެސް އެ ކޮޓަރީގައި އިނެވެ.

މުރާދު އަށް ދިމާވި ހާދިސާގެ ފަހުން ކޮންމެ ދުވަހަކުހެން އަދީލު އެ ގެއަށް އާދެ އެވެ. އަދި ވަރަށް ގިނަ ވަގުތު މުރާދު އާ އެކު އޭނާ ހޭދަ ކުރެ އެވެ.

"މަންމާ…މި ރެއަކު ބަނޑުހައެއް ނުވޭ. އެހެން ނޫނަސް މާ ހަވީރުވެފަ ހުއްޓާ އަދީލު އައުމުން އޭނާ އާ އެކު އަޅުގަނޑު މިހިރީ ސައި ވެސް ބޮއިގެން." މުރާދު އެނދުގައި ދިގު ދެމިލަމުން ބުނެލި އެވެ. އެ ވަގުތު ވެސް އޭނާގެ އަތުގައި ނާހިދާގެ ފޮޓޯއެއް އޮތެވެ. ހުސްނާ އަށް ހަމަ ރީތިކޮށް މި ތަން ފެނުނެވެ. ކަރުނައިން ހުސްނާގެ ލޯ ތެމުނެވެ.

ލޯ ފޮހެލަމުން ހުސްނާ ސިޓިންގް ރޫމަށް ނިކުތް އިރު ސާރާ އާއި ވިއާމާ ފޮތްތަކެއް ހިފައިގެން ވަރަށް އަވަދިނެތި ގޮތެއްގައި ތިއްބެވެ.

"ދަރިފުޅުމެން ކައިފިންތަ؟" ހުސްނާ ސާރާގެ ކައިރިއަށް ޖެހިލާފައި އަހާލި އެވެ. ސާރާމެން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލި އެވެ. އިތުރު އެއްޗެކޭ ނުބުނެ ހުސްނާ ވެސް ބަދިގެ ފަރާތަށް ދިޔައީ އެވެ.

އަދީލު ވެސް އެ ގެއިން ނިކުމެގެން ދިޔައީ ސާރާމެން އެތާ ތިއްބައެވެ. ނަސީބަކުން އޭނާގެ ލާނެއް އާދަތަކެއް އެ ވަގުތަކު ހާމައެއް ނުކުރެ އެވެ. ހަމަ އެކަނި މަޢުނަވީ ގޮތަކަށް ސާރާ އާ ދިމާއަށް ބަލާލުން ފިޔަވައި އިތުރު ގޮތެއް އޭނާ ހަދާ ނުލަ އެވެ.

"ވިއާމާ…އަހަރެންގެ ހިތް ބުނާ އެއްޗެއް އެބައޮތް." ސާރާ ހިނދުކޮޅެއްގެ ފަހުން ފޮތް ލައްޕާ ލަމުން ބުނެލި އެވެ.

"އެއީ ކޯޗެެއް؟" ވިއާމާ ވެސް ފޮތް ލައްޕާލަމުން ސީދާ ސާރާގެ ކުރިމަތީ އިށީނދެ އަހާލި އެވެ.

"މި ފަހަރު ޗުއްޓީ ލިބުނީމަ އަހަރެން ވިޔާމާ އާ އެކު ތި ރަށައް ދާން ބޭނުން. އެންމެ ރަނގަޅުތަ؟" ސާރާ ދުރަށް ނަޒަރު ހިންގާލަމުން އަހާލި އެވެ.

ވިޔާމާ އަނގަ ތަންމިނަށް ހުޅުވައިގެން ސާރާގެ މޫނަށް ބަލަން ބަސް ހުއްޓިފައި އިނެވެ.

"ބަލަ މިހާރު ބައްޔެއްޖެހިފަ އިންހެން ތި އިނީ ކީއްވެ؟" ހިނިގަނޑެއް ޖަހާލަމުން ސާރާ އަހާލި އެވެ. އަދި ވިއާމާ އާ ކައިރިއަށް ޖެހިލި އެވެ.

"ހަމަ އިވުނު އަޑާ މެދު ޔަގީން ކަމެއް ނުދެވުނީ. އާނ އެހެންޏަ މި އޮތް ހުރިހާ ދުވަހު ދާން ހިނގާށޭ ކިޔާފައި ދެފައިގައި ހިފައި އާދޭސް ކުރެވިއްޖެ. އެކަމަކު ދާ ޙިޔާލެއް އަމުދުން ނުވެސް ނެތް މީހަކު ކުއްލި ގޮތަކަށް ރަށައް ދާން ނިންމީމާ ހުރިހާ ގޮތްތަކެއް ވެސް މަށައް ވާނެއެއްނުނ." ވިޔާމާ އެއް ނޭވާއިން ހުރިހާ ފަތިވަރެއް އަމުނާލަމުން ފުން ނޭވާއެއްލި އެވެ.

"ދެން އެހެންވެއްޖިއްޔާ ނުދާންވީތަ؟" ސާރާ ލާނެއް ރާގަކަށް އަހާލި އެވެ.

"ތައުބާ…ތައުބާ…ކަމަނާ ދާން ބޭނުން ކޮންމެ ދުވަހަކު ޙާދިމާ މިހިރީ ކަމަނާ ގެންދަން ތައްޔާރަށް. ހަމަ ހޭވައްލާ ތައްޔާރު." ވިއާމާ ކަންފަތު ފޫޅުގައި ދެ އަތުން ހިފާލަމުން ބުނެލި އެވެ.

މި ދެ އެކުވެރިންގެ ކަންތައް ބަލާ އަޑު އަހަން ދުރުގައި ހުރި ކަރީމު އަށް ވެސް ހީގަނެވުނެވެ. ސިހިފަައި ވިއާމާ އާއި ސާރާ ދޮރާ ދިމާއަށް އެނބުރުނެވެ.
ބައްޕަ ފެނުމުން ސާރާ ވެސް ލަދުގަނެ އިސް ދަށަށް ޖެހި އެވެ. ކަރީމު ވެސް ނޫން ކަމަށް ހަދާލާފަައި ކޮށިއެރި ގޮތް ދައްކަމުން ގޮސް ކޮޓަރިއަށް ވަނެވެ. އެވަގުތު ހުސްނާ ހީކުރީ ހަމަ ރަނގަޅަށް ކަރީމު ކޮށި އަރައިގެން އުޅެނީ ކަމަށެވެ.

"އަން އަވަހަށް މި ފެންފޮދު ހިތްޕަވާ. އިސާހިތަކު ރަނގަޅު ވެދާނެ."

(ނުނިމޭ)