Last Updated: November 27, 21:29
Wednesday, November 27, 2024
ކުޅިވަރު

ސެވިއްޔާގެ ޑިފެންޑަރު ލެންގްލެޓް ބާސެލޯނާ އަށް

ސެވިއްޔާ އިން ބާސެލޯނާ އަށް ބަދަލުވި ޑިފެންޑަރު ކްލެމެންޓް ލެންގްލެޓް ފޮޓޯ އަކަށް ހުއްޓިގެން

ސްޕެއިނުގެ ސެވިއްޔާއަށް ކުޅެމުން އައި ފްރާންސްގެ ޑިފެންޑަރު ކްލެމެންޓް ލެންގްލެޓް ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަށް ބަދަލުވެއްޖެއެވެ.

މިއީ ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެތެރޭގައި ސެވިއްޔާ ދޫކޮށް ބާސެލޯނާ އަށް ބަދަލުވި ހަވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން ޑެނިއަލް އަލްވޭސް، ސޭޑޫ ކެއިިޓާ، އެޑްރިއާނޯ އަދި އިވާން ރަކިޓިޗް ގެ އިތުރުން އަލެއިކްސް ވިޑާލް ވަނީ ބާސެލޯނާ އަށް ބަދަލުވެފައެވެ. މިހުރިހާ ކުޅުންތެރިން ގެނައުމަަށްޓަކައި ބާސެލޯނާއިން ވަނީ 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ގާތްގަނޑަކަށް 117 މިލިއަން ޔޫރޯ ހޭދަކޮށްފައެވެ.

ބާސެލޯނާ އިން ފްރާންސް ގެ އުމުރުން 23 އަހަރުގެ ލެންގްލެޓް ގެ ޓްރާންސްފާ ފީއެއްގެ ގޮތުގައި 35.9 މިލިއަން ޔޫރޯގެ ފީއެއް ދައްކާނެ ކަމަށް ބެލެވެއެވެ. ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރިއިރު އެޓީމުން ވަނީ އޭނާގެ ކޮންޓްރެކްޓްގައި 300 މިލިއަން ޔޫރޯގެ ބައިއައުޓް ކްލޯސް އެއް ހިމަނާފައިވެއެވެ.

ލެންގްލެޓް ވަނީ މިދިޔައަހަރުގެ ޖަނަވަރީ މަހު ފްރާންސްގެ އޭސީ ނޭންސީ އިން ސްޕެއިނުގެ ސެވިއްޔާ އަށް ބަދަލުވިފަހުން އެޓީމަށް ކުޅެދިން 52 މެޗުގައި ޖުމްލަ 7 ގޯލް ކާމިޔާބުކޮށް މޮޅުކުޅުމެއް ދައްކާފައެވެ.

ނިމިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ބުރުގައި އިންގްލެންޑް މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ސެވިއްޔާ ކުޅުނު ދެމެޗުގެ ފުރަތަމަ އެގާރައިގައިވެސް ހިމެނިގެން ރަނގަޅު ކުޅުމެއް ދައްކާފައިވާ ލެންގްލެޓާއި މެދު ބާސެލޯނާއިން ސިފަކުރާގޮތުގައި އެއީ މިވަގުތު ދުނިޔޭގައި ތިބި އިތުބާރު އަދި އުއްމީދީ ޑިފެންޑަރުންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިއެކެވެ.

ބާސެލޯނާއިން އަންނަ ސީޒަނަށް ގެނައި ފުރަތަމަ ކުޅުންތެރިޔާ: ބްރެޒިލްގެ އާތަރ މެލޯ

ލެންގްލެޓް ގެނައުމުގެ ސަބަބުން ބާސެލޯނާގައި މިވަގުތު ތިބި ސެންޓަބެކުން ކަމަށްވާ ޖެރާޑް ޕިކޭ އާއި ސެމުއެލް އުމްޓީޓީގެ އަދި ތޯމަސް ވާމެލަން އާއި އެކު އެޓީމު ޑިފެންސްލައިން މިހާރު ފުރިހަމަވެފައިވާކަމަށް ބާސާއިން ޤަބޫލުކުރެއެވެ.

ބާސެލޯނާގެ ޖާޒީގައި ލެންގްލެޓް ކުޅޭ ފުރަތަމަ މެޗުގައި އަންނަ އޯގަސްޓް މަހުގެ 12 ވަނަ ދުވަހު ސްޕެނިޝް ސުޕަކަޕްގެ ފައިނަލްގައި އޭނާގެ ކުރީގެ ކުލަބުކަމަށްވާ ސެވިއްޔާ އާ ދެކޮޅަށް ނިކުތުމުގެ ފުރުޞަތު އެބައޮތެވެ.

އެންމެފަހުގެ މީޑިއާ ރިޕޯޓްތަކަށް ބަލާއިރު ބާސެލޯނާ އާއި މިދިޔަ ސީޒަނުގައި ގުޅުނު މިފަހަރުގެ ވޯލްޑްކަޕްގައިވެސް ކޮލަމްބިއާގައި މޮޅުކުޅުމެއް ދެއްކި ޑިފެންޑަރު ޔެރީ މީނާ ހޯދުމަށް ޔޫރަޕްގެ ގިނަ ކުލަބުތަކުން މަސައްކަތްކުރަމުންދާކަމަށް ދަނީ އަޑުފެތުރެމުންނެވެ. ބެލެވޭގޮތުގައި ލެންގްލެޓް މިގެނައީ ބާސެލޯނާއިން ވިއްކާލުމަށް ހަމަޖެހިފައިވާ ޔެރީ މީނާ ގެ ބަދަލުގައެވެ.

މިއީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބާސެލޯނާ އަށް ގެނައި ދެވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެޓީމަށް ވަނީ ބްރެޒިލްގެ ގްރެމިއޯ އަށް ކުޅުނު ޒުވާން މިޑްފީލްޑަރު އާތަރ މެލޯ ގެނެސްފައެވެ.

ބާސެލޯނާއިން ކުރިއަށްއޮތް ސީޒަނަށް ތައްޔާރުވުމުގެގޮތުން ކުޅުންތެރިން ހޯދުމުގެ މަސައްކަތްް ހުއްޓުމެއްނެތި ކުރަމުންދާއިރު މިދިޔަ ސީޒަނަށްފަހު އެޓީމު ދޫކޮށް ތިން ކުޅުންތެރިއެއް ގޮސްފައިވެއެވެ. އަންދްރެއަސް އިނިއެސްޓާ ފްރީ ޓްރާންސްފާ ގައި ޖަޕާނު ލީގަށް ބަދަލުވެފައިވާއިރު ބްރެޒިލްގެ ޕައުލީނިއޯ ވަނީ އެނބުރި އޭނާގެ ކުރީގެ ކުލަބުކަމަށްވާ ގުއާންޒޫ އެވަގްރަންޑޭ އަށް ލޯން އެއްބަސްވުމެއްގެ ދަށުން ބަދަލުވެފައެވެ. މީގެއިތުރުން އެޓީމުގެ ޖެރާޑް ޑެލަފެއޫ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ވަޓްފޯޑަށް ބަދަލުވެފައެވެ.