އައްޑޫ ސިޓީގައި ރައީސް ޔާމީންގެ ސަރުކާރުން ސިޔާސީ ގޮތުން އެކި ވަޒީފާތައް ދީފައި ބަޔަކު ބޭތިއްބުމުގެ އެންމެ މުހިއްމު ބޭނުމަކީ އެމަނިކުފާނަށް ތާއީދު އިތުރު ކުރުމެވެ. ސިޔާސީ މަސައްކަތްތައް ކޮށްގެން އިންތިޚާބުތަކުގައި ޕީޕީއެމް އަށާއި ސަރުކާރަށް ކާމިޔާބު ހޯދައި ދިނުމެވެ. އެމީހުންނާއި ހަވާލުކޮށްފައިވާ ވަޒީފާތަކުގެ މަސްއޫލިއްޔަތުގެ ވާހަކަ ދައްކަން ޖެހެނީ އޭގެ ފަހުންނެވެ.
އެފަރާތްތަކަށް ވަޒީފާގެ މަސްއޫލިއްޔަތު އަދާނުކުރެވުނު ނަމަވެސް ސިޔާސީ މަސައްކަތް ކުރާ ނަމަ ރައީސް ޔާމީންގެ ސަރުކާރުން އެމީހުން އައްޔަން ކުރި މުހިއްމު ބޭނުން އަދާވީއެވެ.
އައްޑޫގައި ސަރުކާރުގެ އެތައް ކޯޑިނޭޓަރުންނާއި "ސިޔާސީ ޑިރެކްޓަރުން" ކުންފުނިތަކާއި އެކި މުއައްސަސާތަކަށް އައްޔަންކޮށްފައި ތިބިއިރު އެމީހުންގެ ފަރާތުން ރައީސް ޔާމީނަށް އެއްވެސް މަންފާއެއް ލިބޭ ހެއްޔެވެ؟ނުވަތަ އެމީހުންގެ މަސައްކަތްތަކާއި ހެދި ސަރުކާރަށް އަމާޒު ވަނީ ނަފްރަތު ހެއްޔެވެ؟
ސިޔާސީ ވަޒީފާތަކުގައި ތިބި މިފަރާތްތަކާއި އާއްމު ރައްޔިތުންނާއި ގުޅުން ކުޑައިރު ކިރިޔާވެސް އެމީހުންނަށް ވާހަކަ ދެއްކެނީ ޕީޕީއެމް ކުލައިގެ މީހުންނާއެވެ. އެހެން ބަޔަކާއި ވާހަކަ ދެއްކުމަކީ އެމީހުންނަށް "މަނާ ކަމެއްގެ ގޮތުގައި" ދެކެއެވެ.
ޖާގައިގެ ދަތިކަމާއި ހުރެ ކަމަށް ބުނެ އައްޑޫގެ ހައުސިން ޑިޕާޓްމަންޓް ކައުންސިލް އިދާރާ ހިންގާ އިމާރާތަށް ބަދަލުކުރަން ނިންމީ ކޮން ގޮތަކަށް ވިސްނާފައި ކަމެއް ނޭނގެއެވެ. އެހެން ނަމަވެސް އެގޮތް ނިންމަން ސަރުކާރުގައި ދުވާލު ދެދަޅައަށް އެދެމުން ދިޔައީ "ޖާގައިގެ ދަތިކަން ކުރިމަތިވެގެން" ކަމަށް ބުނާ ހައުސިން އައްޑޫ ޑިޕާޓްމަންޓުގެ އިސްވެރިންނެވެ.
އާޚިރުގައި ހައުސިން އައްޑޫ ޑިޕާޓްމަންޓުން އެދުނު ގޮތަށް ހައުސިންގެ އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންނާއި އެތަނުގައި މަސައްކަތް ކުރާ 80 މުވައްޒަފުން މަގުމަތިކޮށްލާނެއެވެ. ރިޔާސީ އިންތިޚާބަށް ބޯމަތިވެފައި ވަނިކޮށް ކައުންސިލަށް އަންނަ ރުޅި ހަގީގަތުގައި މި ބާލަނީ، އެތަނުގައި ތިބި 80 މުވައްޒަފުންނަށެވެ.
އޭގެ ސަބަބުން އެ މުވައްޒަފުން ސަރުކާރަށް އަންނަ ރުޅިވެރިކަމުގައި އެމީހުންގެ އާއިލާތަކާއި ހަމައަށް ފޯރާނެއެވެ. ކޮންމެ މުވައްޒަފެއްގެ އާއިލާގައި މަދުވެގެން 10 މީހުން ތިބިކަމަށް ބަލަންޏާ އެއީ 800 އެއްހާ ވޯޓެވެ. އެ 800 ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ހިތްތަކުގައި ހަމަ ގައިމުވެސް ރައީސް ޔާމީނާއި މެދު އުފެދޭނީ ނަފްރަތެވެ.
ގެއްލިގެންދާ ވޯޓުތަކާއި އެއްވަރަށް ނުވަތަ ގާތްކުރާ އަދަދަކަށް ހަމަ ގައިމުވެސް ހައުސިން އައްޑޫ ޑިޕާޓްމަންޓްގައި ތިބި ސިޔާސީ މީހުންނަށް ވޯޓު ނުހޯދޭނެއެވެ.
އެކަމަށް ޕީޕީއެމްގެ އެކްޓިވިސްޓުން ކިތަންމެ ވަރަކަށް ދެކޮޅު ހެދިޔަސް ހަމަގައިމުވެސް އެ ހަގީގަތް 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް ފެނިގެން ދިޔައެވެ.
ސުވާލަކީ ރިޔާސީ އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާއި މެދު ރުޅިވެރިކަން އުފެދޭ ގޮތަށް ހައުސިން މިނިސްޓްރީން މަސައްކަތް ކުރަނީ ކީއްވެގެން ހެއްޔެވެ؟ 2018 ވަނަ އަހަރުގެ އިންތިޚާބު މާބޮޑަށް ވެސް "ޔަޤީން" ވީ ހެއްޔެވެ؟