Last Updated: November 27, 21:29
Wednesday, November 27, 2024
ކުޅިވަރު

ޗެލްސީގެ ކޯޗްކަމުން ކޮންޓޭ ވަކިކޮށްފި

ޗެލްސީގެ ކުރީގެ ކޯޗް އިޓަލީގެ އެންޓޯނިއޯ ކޮންޓޭ.

ލަންޑަން، އިންގްލެންޑް: މަގާމާ ހަވާލުވިތާ 2 އަހަރަށް ފަހު ޗެލްސީގެ ކޯޗުކަމުން އިޓަލީގެ އެންޓޯނިއޯ ކޮންޓޭ ވަކިކޮށްފި އެވެ.

ޗެލްސީގެ އާ ކޯޗަކަށް ގެންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ނަޕޯލީގެ ކުރީގެ ކޯޗު މައުރީޒިއޯ ސާރީ އެވެ. މިހާތަނަށް ޗެލްސީން ސާރީ ގެންނަން ކުރަމުން އައި މަސައްކަތް ލަސްވެފައިވަނީ އޭނާގެ ކުރީގެ ކްލަބް ނަޕޯލީއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ސަބަބުންނެވެ. ނަޕޯލީއާ އެކު ސާރީ ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ 6.9 މިލިއަން ޕައުންޑް ދައްކަން ޗެލްސީން ވަނީ އެއްބަސްވެފަ އެވެ.

މިދިޔަ ސީޒަނުގައި ޗެލްސީ އަށް އެފްއޭ ކަޕް ކާމިޔާބު ކޮށްދިން ކޮންޓޭ ދޫކޮށްލަން ނިންމީ އެ ޓީމުގެ ވެރިޔާ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް ގެ އިތުރުން ޓީމުގެ ބަައެއް ކުޅުންތެރިންނާއި އޭނައާ ދެމެދު މައްސަލަތަކެއް ޖެހިގެންނެވެ. އަދި ލީގުގެ 5 ވަނައިގައިއޮވެ ސީޒަން ނިންމާލުމުން، ޗެމްޕިއަންސް ލީގަށް ވެސް ކޮލިފައިނުވުމަކީވެސް އޭނާގެ މަޤާމު ގެއްލެން މެދުވެރި ސަބަބެކެވެ.

ކޮންޓޭގެ މަޤާމުގައި ދެމިހުންނާނެކަމާއިމެދު ސުވާލު އުފެދިފައިވަނިކޮށް އޭނާ ވަނީ ޗެލްސީއާ އެކު ޕްރީ ސީޒަން ޕްރެކްޓިސްތައް މި ހަފްތާގައި ފަށައިފަ އެވެ. ކޮންޓޭ މަޤާމުން ދުރުކޮށްފައިމިވަނީ އޭނާގެ ކޮންޓްރެކްޓްގައި އަދި ބާކީ އެއްއަހަރު އޮއްވައެވެ.

ޔުވެންޓަސް އާއި އިޓަލީގެ ގައުމީ ޓީމަށް ކުރިން ކޯޗުކޮށްދިން ކޮންޓޭ ޗެލްސީގެ ކޯޗުކަމާއި ހަވާލުވީ 2016 ވަނަ އަހަރުއެވެ. ކޮންޓޭގެ އިރުޝާދުގެ ދަށުން ކުޅެ ފުރަތަމަ ސީޒަނުގައި ވެސް ޗެލްސީން ވަނީ ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ.

އޭނާގެ އިރުޝާދުގެ ދަށުން ޗެލްސީ ވަނީ 106 މެޗު ކުޅެފަ އެވެ. މޮޅުވީ 70 މެޗުންނެވެ. އަދި 21 މެޗުން ބަލިވިއިރު 15 މެޗުން ވަނީ އެއްވަރުވެފަ އެވެ. އޭގެ ތެރެއިން 76 މެޗަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު މެޗުތަކެވެ. ޕްރިމިއާ ލީގުގައި ޗެލްސީ ގޮވައިގެން ކޮންޓޭ އަށް ހޯދުނީ 51 މޮޅެވެ. 15 މެޗުން ބަލިވިއިރު 10 މެޗުން އެއްވަރުވެފައިވެއެވެ.

ކޮންޓޭ ގެ ބަދަލުގައި ގެނައުމަށް ހަމަޖެހިފައިވާ އުމުރުން 59 އަހަރުވީ އިޓަލީގެ މައުރީޒިއޯ ސާރީ ވަނީ 2015 އިން ފެށިގެން މިދިޔަ ސީޒަނުގެ ނިޔަލަށް ނަޕޯލީގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އޭގެ ކުރީން އޭނާ ވަނީ އިޓަލިއަން ސެރިއޭ ގެ ޓީމެއް ކަމަށްވާ އެފްސީ އެމްޕޯލީ އަށް ވެސް ކޯޗުކަން ކޮށްދީފައެވެ.