Last Updated: November 25, 11:31
Monday, November 25, 2024
ކުޅިވަރު

"އަހަރެން އައީ ވޯލްޑްކަޕްގެ ރަންބޫޓް ހޯދާކަށް ނޫން"

އިންގްލެންޑް ކެޕްޓަން ހެރީ ކޭން އެޓީމުގެ މެޗަކަށްފަހު. --ފޮޓޯ: ފީފާ

މޮސްކޯ، ރަޝިޔާ: ވޯލްޑްކަޕް 2018 ގެ ސެމީ ފައިނަލް މެޗުގައި ކްރޮއޭޝިއާ އަތުން އިންގްލެންޑް ބަލިވުމުން ފައިނަލްގައި ކުޅުމުގެ ފުރުޞަތު ގެއްލުމުން ހިތްހަމަނުޖެހިފައިހުރި އިންގްލެންޑް ގެ ކެޕްޓަން ހެރީ ކޭން ބުނިގޮތުގައި އޭނާ ރަޝިޔާ އަށް އައީ ވޯލްޑްކަޕް ގެ ރަންބޫޓު ހޯދާކަށް ނޫނެވެ.

ވޯލްޑްކަޕްގައި އިނގިރޭސިންނަށް ބާކީ އެއް މެޗް އޮތް އިރު ވޯލްޑްކަޕްގެ ރަންބޫޓަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓްގެ އެންމެ ކުރީގައި އުޅެނީވެސް ކޭން އެވެ. އެއީ މިހާތަނަށް ކުޅުނު 5 މެޗުގައި ޖުމްލަ 6 ގޯލް ކާމިޔާބުކޮށްގެންނެވެ.

ކޭންގެ ފަހަތުން ލަނޑު ލިސްޓުގެ ދެވަނައިގައި އުޅެނީ ހަތަރު ލަނޑާއިއެކު ބެލްޖިއަމްގެ ރޮމެލޫ ލުުކާކޫ އެވެ. މިމުބާރާތުގައި ހަތަރު ލަނޑު ޖަހާފައިވާ އަނެއް ދެ ކުޅުންތެރިންނަކީ ރަޝިޔާ ގެ ޑެނިސް ޗެރިޝޭފް ގެ އިތުރުން ޕޯޗުގަލް ގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މި ދެ ކުޅުންތެރިންނަށް ރަންބޫޓު ހޯދުމުގެ ފުރުޞަތު ގެއްލިފައިވީނަމަވެސް މިމުބާރާތުގައި ތިން ލަނޑުޖަހާފައިވާ ފްރާންސްގެ ކިލިއަން އެމްބާޕޭ އާއި އެންޓޮއިން ގްރީޒްމަން އަށް ރަންބޫޓު ހޯދުމުގެ ވަރަށް ހަނި ފުރުޞަތެއް އެބައޮތެވެ.

"އަހަރެންނަށް ރަން ބޫޓު ލިބުނު ނަމަވެސް އަހަރެން އުފާވޭ. އެކަމަކު އެއީ އަހަރެން ހޯދުމަށް އައި ޓްރޮފީއެއް ނޫން." ކޭން ބުންޏެވެ.

އިނގިރޭސި ޤައުމީޓީމަށް ކުޅުނު 29 މެޗުގައި ޖުމްލަ 19 ގޯލް ކާމިޔާބުކޮށްފައިވާ ކޭން އަަށް ވަނީ އިންގްލެންޑް އެންމެ ފަހުން ކްރޮއޭޝިއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި އެޓީމުގެ ލީޑް ފުޅާ ކުރުމަށް ވަރަށް ރަނގަޅު ފުރުޞަތު ތައް ލިބުނު ނަމަވެސް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

"އަހަރެމެންނަށް އެނގޭ އެންމެން ފަޚުރުވެރިވާ ކަހަލަ ކުޅުމެއް ދެއްކުނުކަން. އެކަމަކު އަހަރެމެން ބޭނުންވީ އިތުރަށް ކުރިއަށް ދިއުމަށް." އިންގްލެންޑް ގެ ކެޕްޓަން ބުންޏެވެ.

ވޯލްޑްކަޕްގެ ތިންވަނަ ހޮވާ މެޗުގައި އަންނަ ހޮނިހިރު ދުވަހު ބެލްޖިއަމް އާއި ދެކޮޅަށް ސެއިންޓް ޕީޓަސްބާގްގައި އިންގްލެންޑް ނިކުންނައިރު ކޭން އަށް އޭނާގެ ލަނޑުތަކުގެ އަދަދު އިތުރުކުރުމުގެ ފުރުޞަތު އެބައޮތެވެ.

އެހެންނަމަވެސް، އިންގްލެންޑް ގެ ކޯޗު ގަރެތު ސައުތުގޭޓް މިމެޗަށް ނެރޭ ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވެއެވެ. އެގޮތުން ޓީމުގެ ކެޕްޓަން ހެރީ ކޭން ގެ ބަދަލުގައި މިމުބާރާތުގައި މިހާތަނަށް ކުޅުމުގެ ފުރުޞަތު ލިބިފައި ނުވާ ކުޅުންތެރިން މިމެޗުގައި ބޭނުން ކުރާނެ ކަމަށް ބެލެވެއެވެ.